މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާތީ ފިތުރު ޒަކާތް ދައްކަން ޖެހޭނީ އޮންލައިންކޮށް ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި ޒަކާތް ބަލައިގަންނާނެ ގޮތް ހަމަޖައްސާނީ ކައުންސިލުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލެ ސަރަހައްދުގައި ޒަކާތް ދައްކަން ޖެހޭނީ ދިރާގު ޕޭ އެންޑް ލައިފްސަޓައިލް އެޕްލިކޭޝަން އަދި އެސްއެމްއެސް ކޮށްގެން ނުވަތަ އުރީދޫ އެމް ފައިސާ އެޕްލިކޭޝަން އަދި އެސްއެމްއެސް މެދުވެރިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފައިސާ ނެޓް އަދި މޯބައިލް ބޭންކިން ފައިސާ މޯބައިލް މެދުވެރިކޮށް އަދި ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށެވެ.

ނަމަވެސް މާލެ ސަރަހައްދުގެ ހާލަތު ރަނގަޅުވެއްޖެ ނަމަ، އިސްލާމިކް މިނިސްޓްރީގެ ހޯލުން ޒަކާތް ބަލައިގަނެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ މިންވަރަކީ އާދައިގެ ހަނޑުލުން ނަމަ 15ރ.، ތައިލެންޑްގެ ހުދު ހަނޑުލުން ނަމަ، 48ރ، ބާސްމަތީ ހަނޑުލުން ނަމަ، 105ރ.، ރަތް ހަނޑުލުން ނަމަ، 65ރ.، އާދައިގެ ފުށުން ނަމަ، 12ރ. އަދި އާޓާ ފުށުން ނަމަ، 55ރ. އެވެ.

މިއަހަރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހާނީ މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ފަގީރުންނަށް ފައިސާ ހަވާލު ކުރާނީ އެކައުންޓަށް ޖަމާކޮށްދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޢައްޗި

  އިއުލާނު އިން އެބަ އެނގޭބާ ޒަކާތް ދައްކަން ޖެހޭ ގޮތެއް،
  މިސާލަކަށް : އެސް.އެމް.އެސް ކުރާނީ ކިހިނެއް

 2. ނަައީމް

  މިހެން ޒަކާތްދެއްކީމާ ލިބޭ ހުރިހާ ފައިސާއެއް މިބަހަނީ މާލެއަށް ރަޒިސްޓްރީ ވެފަތިބި ފަގީރުންނަށް ރަށްފުށުގަ އުޅުއް ފަގީރުން ނަށް ދެނީ ކޮންއެއްޗެއް މިހާރު ތި އޮންނަގޮތުން އެތަނަކަށްލިބޭ އެއްޗެއް ތިބަހަނީ އެތަނަކަށް ރަޖިސްޓްރީ ވެފަ ތިބި ބަޔަކަށް އޮންލައިންކޮށް ހުރިހާމީހުން ޒަކާތްދެއްކީމާ ހުރިހާފައިސާއެއް މާލޭގަ ރެޖިސްޓަރ ވެފަތިބިމީހުނަށް މީ ބަދަލްގެންނަންވެއްޖެކަމެއް ނޫންތޯ

 3. ދިވެހިން

  ހާދައަވަހަކަށް؟