ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް އަރައިފޭބުން މަނާކޮށްފައި ވަނިކޮށް، ޤަވާއިދާ ޚިލާފަށް ށ. ބިލެއްފައްސަށް އެރި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތިން ދިވެހިން ކަމަށާއި، އެމީހުން ބިލެއްފައްސަށް ދަތުރުކުރީ ށ. ފޭދޫ އިން ކަމަށެވެ.

މި ތިން މީހުން ބިލެއްފައްސަށް އަރާފައި ވަނީ ޑިންގީއެއްގައެވެ. އަދި ރަށަށް އެރީ އެރަށުގައި ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓާސްކްފޯސް އަށް ވެސް އެންގުމަކާއި ނުލައެވެ.

ށ. ފޭދޫން އެއަތޮޅު ބިލެއްފައްސަށް ހުއްދަނެތި ބަޔަކު ދަތުރުކޮށްފައި ވާއިރު، އެއަތޮޅުގެ ނަރުދޫ އިން ވަނީ ކޮވިޑް-19 ޖެހިފައިވާ ބަޔަކު ވެސް ފެނިފައެވެ. ނަރުދޫ އިން މިހާތަނަށް ޖުމްލަ 8 މީހަކަށް މި ބަލި ޖެހިފައި ވެއެވެ.

އެ އަތޮޅުގެ ބައެއް ރަށްރަށަށް ކޮވިޑް-19 ގެ ނުރައްކާ އޮތުމުން މީގެ ކުރިން ވަނީ މޮނީޓަރިންގެ ހާލަތަށް ވެސް ގެންގޮސްފައެވެ. އޭގެތެރޭގައި ށ. ނަރުދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ށ. ފީވަށް އަދި ށ. މާއުނގޫދޫ ހިމެނެއެވެ.

ފުލުހުން ވަނީ މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ރަށްރަށުގެ ޓާސްކްފޯސްގެ ހުއްދަ އާއި ނުލައި ރަށްރަށަށް މީހުން ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. މީގެ ކުރިންވެސް ހުއްދަނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާ

    ވަގަށް އެރީމާވެސް ދިވެހިންނަށް އެއިރަކު އޮންނަ ސަރުކާރެއް ގޮސްވާނެ! ބަލަ ރ.ޔާމީނު ދަރުމަވަންތަ ހޮސްޕިޓަލް އެޅީމާ ކިހާފައިދާއެއް މިއަދު؟؟ވިސްނާލަބަލަ! ކަމެއްވީމަ ދީނުގަ އޮންނީ ވެރިންނަށް ކިޔަމަންވާން! އެއްގަނޑުން މުސްލިމުން!