އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި ފަރާތްތަކަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މާސްކް ބެހި މައްސަލާގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފި އެވެ.

މި މައްސަލައިގައި މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.

މި މައްސަލައިގެ ޝަރީއަތް އޮންނާނީ މާދަމާ މެންދުރު 13:00 ގައި ކްރިމިނަލް ކޯޓުގައެވެ.

އިދިކޮޅުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަހުލޫފު މިހާރު ހުންނެވީ ގޭބަންދުގައެވެ. މަހުލޫފްގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު އެ މައްސަލަތައް ބަލައި ނިމެންދެން އޭނާ ހުންނަން ޖެހޭނީ ގޭ ބަންދުގައެވެ.

އެގޮތުން މަހުލޫފްގެ މައްޗަށް ވަނީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ނިރުބަވެރި (ޓެރަރިޒަމް) ކަމުގެ ދައުވާ އުފުލާފައެވެ.

މީގެއިތުރުން ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ވެސް މަހުލޫފްގެ މައްޗަށް އުފުލާފައިވެއެވެ. އެ ދައުވާ މަހުލޫފްގެ މައްޗަށް ކުރަނީ މާފުށީ ޖަލުގައި މީހުން މަރުވަނީ ނޫން ކަމަށާއި މީހުން ގަސްދުުގައި މަރަމުން ދަނީ ކަމަށް ބުނެ މަހުލޫފު ކުރި ޓްވީޓަކާއި ގުޅިގެންނެވެ.