އައްޑޫ ސިޓީ ހިތަދޫ ނޫރާނީ ސްކޫލްގެ އިސްލާމް ކްލަބުގެ ފަރާތުން އިންތިޒާމު ކޮށްގެން އެ ސްކޫލްގެ ގުރޭޑް 1 އިން ފެށިގެން ގުރޭޑް 6 ގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން 2 ދުވަހުގެ މުއްދަތަށް "ރޯދަ ކޭމްޕް" ގެ ނަމުގައި ކޭމްޕެއް ފަށައިފިއެވެ.

މި ކޭމްޕުގެ ހުރިހާ ޙަރަކާތެއްވެސް ހިންގައި ކުރިއަށް ގެންދަނީ ނޫރާނީ ސްކޫލުގެ ގޯތި ތެރޭގައެވެ. ދަރިވަރުން މި ކޭމްޕަށް ތައްޔާރުވެގެން ސްކޫލަށް ޙާޟިރުވީ މިއަދު ހެނދުނު 6.30 ގައެވެ.

ނޫރާނީ ސްކޫލުން މައުލޫމާތުދިން ގޮތުގައި މި ޙަރަކާތަކީ ކުރިއަށް އޮތް (1439 ވަނައަހަރުގެ) ރަމަޟާން މަހަށް އަމާޒުކޮށްގެން ބޭއްވޭ ކޭމްޕެއް ކަމަށެވެ.

އަދި މި ކޭމްޕަކީ ރަމަޟާން މަހުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށް ދަރިވަރުންނަށް ހިތްވަރުދީ، އެމަހުގެ މަތިވެރި ދަރުމައާއި ޘަވާބު ހޯދުމުގެ ޝައުޤުވެރިކަން ދަރިވަރުންގެ ހިތުގައި އުފެއްދުމުގެ ގޮތުން ބާއްވާ ކޭމްޕެއް ކަމަށާއި މިކޭމްޕުގެ ތެރެއިން ރަމަޟާން މަހުގެ މާތްކަމާއި ލައިލަތުލް ޤަދުރީގެ މަތިވެރިކަމާއި ބެހޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ލިބިގެންދާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

އަދި ދަރިވަރުންގެ ކިބައިގައި އިސްލާމީ ރިވެތި ސިފަތައް އަށަގަންނުވައި ހެޔޮ ޚުލްޤު މަތީގައި ތަރުބިއްޔަތުވުމަށް ބާރުއަޅައިދޭ ގިނަ ޙަރަކާތްތަކެއް މި ކޭމްޕްގެ ތެރެއިން ކުރިއަށް ގެންދާއިރު މިހަރަކާތްތައް ކުރިއަށް ގެންދަނީ ކަމަށް ޤާބިލު ދީނީ ޢިލްމު ވެރިންގެ އެހީތެރިކަމާއެކު ކަމަށް ނޫރާނީ ސްކޫލުން ހާމަކުރެއެވެ.

މީގެ އިތުރުން ރަމަޟާން މަހު މުސްލިމު ދަރިވަރެއްގެ ޢަމަލު ބަހައްޓަން ޖެހޭނެ ގޮތާއި، ނަމާދުކުރުމާއި ރޯދަހިފާނެގޮތް އަދި ޞަދަޤާތް ކުރުންފަދަ ކަންކަން މުދައްރިސުންގެ އެހީތެރިކަމާއެކު ދަރިވަރުން ޢަމަލީގޮތުން ދަސްކުރާނެ ކަމަށްވެސް އެ ސްކޫލުން މައުލޫމާތުދެއެވެ.

މިގޮތުން އެއްދުވަހުގެ ސުންނަތް ރޯދައެއް ބެލެނިވެރިންގެ އިޛުނައާއި އެކު، ކޭމްޕުގެ ތެރޭގައި ދަރިވަރުން ހިފާނެ ކަމަށާއި މި މިދުވަހު ދަރިވަރުންނާއެކު ޓީޗަރުން ވެސް މިރޯދަ ހިފުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

މި ކޭމްޕުގެ ހުރިހާ ޙަރަކާތެއް ނިންމުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 7:15 ގައެވެ.