ރާއްޖޭގައި އަބަދުވެސް ބޮޑު ޗުއްޓީއަށް ވަނީ އަހަރުގެ ފަހުކޮޅެވެ. އެކަމަކު، ސަރުކާރުން ވަނީ ބޮޑު ޗުއްޓީ އަހަރުގެ މެދަށް ބަދަލުކޮށް، ދިރާސީ އަހަރަށް ބަދަލުތަކެއް ގެނެސްފައެވެ. އެއާއެކު، ގިނަ ބަޔަކަށް އެކަންވީ ބޮޑު ތަކުލީފަކަށެވެ. އެއީ، އަހަރުގެ މެދު ތެރެއަކީ އަހަރުގެ އެންމެ ގަދަ، ވިއްސާރަ ދުވަސްވަރަށް ވީތީއެވެ. މިފަހަރު ޗުއްޓީގައި އޮތީވެސް މުޅިންހެން މި ޝަކުވާއެވެ.

ޗުއްޓީ ނިންމާ ދޮޅު މަސް ދުވަހުގެ ބަންދަކަށް ފަހު މިއަދު ދިރާސީ އަހަރުގެ ކިޔެވުން ފެށިއިރު، ބެލެނިވެރިންނާއި ޓީޗަރުން ވެސް ތިބީ ހިތްހަމަނުޖެހިފައެވެ. ޗުއްޓީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށް ބުނެއެވެ. ގެނެވުނު ބަދަލާ ދޭތެރޭގައި މެޖޯރިޓީ ބެލެނިވެރިން ހިތްހަމައެއް ނުޖެހެއެވެ.

އަހަރުގެ މެދުތެރެއަކީ އަބަދުވެސް ރާއްޖޭގެ މޫސުން އެންމެ ގޯސްވާ ދުވަސްވަރެވެ. މި ދުވަސްވަރަށް ކިޔައި އުޅެނީ ވެސް "ޖޫން ޖުލައިގެ" ގަދަ ވިއްސާރައެވެ. އަބަދުވެސް އެ ދުވަސްވަރަށް ރާއްޖޭގެ ކަނޑުތައް ގަދަވެ، ވިއްސާރަ ވާނެއެވެ. އެހެންވެ، އެ ބަދަލު ގެންނަން ފުރަތަމަ ސަރުކާރުން ވިސްނުމުން ވެސް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، އަހަރުގެ މެދަށް ޗުއްޓީ ބަދަލުކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ.

ކޮންމެ ގޮތެއް ވިޔަސް، ޗުއްޓީ ނިމި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފިއެވެ. މުޅި ބޮޑު ޗުއްޓީގައި ވައިވެފައި ގޭތެރޭގައި ތިބި ކުދިންނެއް ވެސް މަދެއް ނޫނެވެ. އަދި، ޗުއްޓީއަށް ރަށަށް ގޮސް، ކުރަން ރޭވި އެއްވެސް ކަމެއް ނުވެ އެނބުރި އަންނަން ޖެހުނު މީހުން ވެސް މަދެއް ނޫނެވެ. ޕްލޭން ކޮށްފައި، މޫސުން ގޯސްވުމުން ގޭގައި ތާށިވީ މީހުން ވެސް އެހާ ގިނައެވެ.

ވިއްސާރަ ދުވަހަކު މާލޭ މަގުމަތިން ނަގާފައިވާ ފޮޓޯއެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

 

ހުޅަނގު މޫސުމުގެ ވިއްސާރަ އާއި ޗުއްޓީ ދިމާވުމުން އެކަށީގެންވާ ޗުއްޓީއެއް ނުލިބުމުގެ ޝަކުވާއިން މުޅި މީސްމީޑިއާވެސް ވަނީ ފުރާލާފައެވެ. ޗުއްޓީގައި ހިތް އުފާ ކޮށްނުލެވުމުން ދަރިވަރުންނަށް ލިބިފައިވާ މޮޅިވެރިކަމުގެ ވާހަކައެވެ. އަދި، ދަރިވަރުން އެނބުރި ސުކޫލަށް ދާން ބޭނުން ނުވާކަމުގެ ޝަކުވާއެވެ.

ބޮޑު ޗުއްޓީ އަހަރުގެ މެދަށް ބަދަލު ކުރުމުން ގިނަ ދަރިވަރުންނާއި އާއިލާތަކަށް ދަތުރު ކުރުން ވަނީ އުނދަގުލަކަށް ވެފައެވެ. ކަނޑުތައް ގަދަވެ، ގިނަ ދުވަސް ދުވަހު އޮންނަނީ ދިގު ދަތުރެއް ކުރެވޭ ވަރަށް ވުރެ ގަދަކޮށެވެ. ނޫނީ ސަމާލު ނެރެފައެވެ. އެހެންވެ، ޗުއްޓީގައި ގިނަ އާއިލާތަކަށް ރަށްރަށަށް ދެވޭ ގޮތެއް ނުވެއެވެ. ދެވޭއިރު އޮންނަނީ ޗުއްޓީ ދެބައިވެފައެވެ.

މިކަމާ ގުޅިގެން "ވަގުތު" އާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިންނާއި ދަރިވަރުން ވަނީ ބަދަލުގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ.

މިގޮތުން ޗުއްޓީއަށް ގެނެވުނު ބަދަލާ ގުޅިގެން ވާހަކަ ދެއްވި ޓީޗަރަކު ބުނި ގޮތުގައި ޗުއްޓީ ދިޔައީ އެއްވެސް ވަރަކަށް ޕްލޭން ކުރި ގޮތަކަށް ނޫނެވެ. އެހެންވެ، އެނބުރި ސުކޫލަށް ދާން މާ ބޮޑު ޝައުގުވެރި ކަމެއް ނެތެވެ. އަދި ލިބޭ އެންމެ ބޮޑު ޗުއްޓީ އެކަހަލަ ގޮތަކަށް ދިއުމުން ލިބިފައިވާ މާޔޫސްކަން މާބޮޑު ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

"އަޅުގަނޑު ވެސް ހަމަ ޕްލޭން ކޮށްގެން ހުރީ ޗުއްޓީ އެއްކޮށް ރަށުގައި މަންމަ މެން ކައިރީ ހުންނަން. އެކަމަކު ޗުއްޓީ ލިބި، މަސައްކަތްތަކުން އަވަދިވީއިރު މާ ބޮޑަށް ގަދަވެއްޖެ. ހަމަ ވީކްސް މަޑުކުރަން ޖެހުނު ނުދެވިގެން. އަޅުގަނޑު މިއީ އެކަނި ހުރި އަންހެނަކަށް ވީމައާ ވެސް އެކީގައި. އަޅުގަނޑުގެ ސުވާލަކީ އަލަށް ހޭ ރާއްޖޭގައި ޖޫންޖުލައި މި ގަދަވީ؟ ވިއްސާރަވީ؟ ހަނދާން ހުންނާން ފެށިފަހުން ވެސް ޖޫންޖުލައި ހަމަ ވިއްސާރަ ވޭ. ދެން ކީއްވެހޭ އެންމެ ވިއްސާރަ ދުވަސް ވަރަށް ޗުއްޓީ ބަދަލުކުރީ؟ މިއީ ވަރަށް ބޮޑު ގެއްލުމެއް" އޭނާ ކިޔައިދިނެވެ.

އަދި، ޗުއްޓީ ދިޔަ ގޮތުން މީހާއަށް ވަރަށް ބޮޑު އަސަރެއް ކުރުވާ ކަމަށާއި އެއީ މުޅި އަހަރު ދުވަހު އަމިއްލަ ހިތްހަމަޖެހުމަށް ލިބޭ ހަމައެކަނި ދުވަސްކޮޅު ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންވެ، މީހާގެ މޯޓިވޭޝަނަށް ވެސް ނުރަނގަޅު އަސަރު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް މިއަދު ސްކޫލަށް ދަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"ޗުއްޓިއަކީ ހަމައެކަނި ސެލްފަށް އަޅާލަން ލިބޭ ދުވަސްވަރު. ދެން މިއުޅެން ޖެހެނީ އަބަދު ސުކޫލްގައި. އަބަދު ވޯކް ވޯކް ވޯކް. ލިބޭ ހަމައެކަނި ދުވަސްވަރު މިހެން ބޭކާރު ވީމާ ވަރަށް ބޮޑަށް މާޔޫސްވޭ. އެއްވެސް ވަރަކަށް މޯޓިވޭޝަން އެއް ނެތް އެނބުރި ސުކޫލަށް ދާކަށް. ވަނީ މާޔޫސް. ޗުއްޓީ ބަދަލުކުރަން ޖެހޭ ކަމަށް ގަބޫލުކުރަން" އޭނާ ބުންޏެވެ.

މިކަމުގެ ނުރަނގަޅު އަސަރުކޮށްފައި ވަނީ ހަމައެކަނި ޓީޗަރުންނަކަށް ނޫނެވެ. ބެލެނިވެރިންނާއި ދަރިވަރުންނަށް ވެސް ވަނީ މިކަމުގެ ނޭދެވޭ އަސަރުކޮށްފައެވެ. މިގޮތުން މި ރިޕޯޓަށް މައުލޫމާތު ދިން ދަރިވަރަކު ކިޔައިދިން ގޮތުގައި، ކޮންމެ އަހަރަކު ވެސް ބޮޑު ޗުއްޓީގައި މަންމަ ރަށަށް ގޮސް، ރައްޓެހިންނާއެކު މަޖާކޮށް ހެދުމަކީ އެންމެ އުފާ ލިބޭ އެއް ކަންތަކެވެ. އެކަމަކު، މި އަހަރު މުޅި ޗުއްޓީގައި ވެސް ތިބެން ޖެހުނީ މާލޭގައި ތާށިވެފައި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ކޮންމެ އަހަރަކު ވެސް ދަން ރަށަށް ބޮޑު ޗުއްޓީގައި. ނޫނީ ކޮންމެވެސް ގައުމަކަށް. މިފަހަރު ޕްލޭން ކުރީ މަންމަ ރަށަށް. އެކަމަކު، ވިއްސާރަ ކަމުން ނުދެވުނު. ފްލައިޓުން ޖާގައެއް ނުލިބޭ. އެންމެ ފަހުން މަޑުވީ އިރު ބައްޕަގެ ޗުއްޓީ ނިމިއްޖެ. އެހެންވެ، މާލޭގައި ތިބެން ޖެހުނީ." އޭނާ ކިޔައިދިނެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަދި ރަށްރަށުގައި އުޅޭ އާއިލާތަކަށް ވެސް ޗުއްޓީގައި މާލެ ނާދެވުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. ބެލެނިވެރިޔަކު ކިޔައި ދިން ގޮތުގައި ސުކޫލު ސާމާނު ގަތުމަށާއި އެއްކޮށް ދަރިން ގޮވައިގެން މާލެ ނުދެވުމުގެ ސަބަބުން މިއަހަރުގެ ޗުއްޓީގައި އެންމެ ބޭނުންވި ކަންތައް ނުކުރެވުނެވެ. އަދި، އާ އަހަރަށް ސުކޫލަށް ބޭނުންވާ ސާމާނު އަދިވެސް ހަމަނުވެއެވެ.

"ކޮންމެ ފަހަރަކު ވެސް ހަމަ ދަރިން ގޮވައިން ގޮސް އެއްޗެހި ގަންނަނީ. މިފަހަރު ނުދެވުނު. ވަރަށް އުނދަގޫ. އަދިވެސް މިފަހަރު ފަޓުލޫނާއި ގަމީސް ނުގަނެވޭ." ބެލެނިވެރިޔަކު ބުންޏެވެ.

އެކަމަކު، ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ހިތްހަމަނުޖެހިފައި ތިއްބަސް، އެޑިއުކޭޝަނުން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. މިނިސްޓްރީން ވިދާޅުވީ ޗުއްޓީ ބަދަލުނުކުރާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ – ފޮޓޯ: ރައީސް އޮފީސް

 

މި އަހަރުގެ ދިރާސީ އަހަރު ފެށޭތީ އެކަމާ ގުޅޭ ތައްޔާރީތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލްތަކުގެ ބޮޑު ޗުއްޓި ކުރިން އޮންނަ ގޮތަށް އަހަރުގެ ފަހުކޮޅަށް ބަދަލު ކުރުމުގެ ވިސްނުމެއް ނުގެން ގުޅޭ ކަމަށެވެ.

އެގޮތަށް އެ ވިސްނުން ނުގެންގުޅެނީ އެއީ ފަސޭހަ ކަމަކަށް ނުވާނެތީ ކަމަށް މިނިސްޓަރު ފާހަގަކުރިއެވެ.

މިނިސްޓަރ ވިދާޅުވީ، ޗުއްޓީ އަހަރުގެ އެހެން ހިސާބަކަށް ބަދަލުކުރާނަމަ، ދިރާސީ އާ އަހަރު ކުރުކޮށް ނުވަތަ ދިގު ކޮށްލަން ޖެހޭނެ ކަމަށެވެ. އެގޮތަށް އަހަރު ކުރުކޮށްލާނަމަ، ދަރިވަރުންގެ ކިޔެވުމުން ހަ މަސް ދުވަސް ގެއްލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހިޔާލު

    ޑިސެމްބަރު ގަ ހުޅުވަން މަޑުކޮއްލަންވީނު

    21
    3
  2. ގައުމެއް ނެތް

    އަސްލުވެސް😑😑😑😑

    18
    3
  3. ޢަހުމަދު1

    ޝުކުރިއްޔާ އެމްޑީޕީ

    4
    11
  4. ހުސެން

    އަހަރުން ބުނެގެނެއްނޫން އަމުދުން ބަދަލު ކުރީކީ

    15
  5. ލޮލް

    ސަތާރަ ހާސް މީހުން ބުނި ބުނުމަކަށް ސުކޫލު ޗުއްޓީ ޖޫން ޖުލައި ގަދަ ވިއްސާރައަށް ބަދަލު ކުރި ކައުޅުންނަށް ވަރަށް ސަލާން.

    15
  6. ސަނާނު

    އެގޮތަށް އެ ވިސްނުން ނުގެންގުޅެނީ އެއީ ފަސޭހަ ކަމަކަށް ނުވާނެތީ ކަމަށް މިނިސްޓަރު ފާހަގަކުރިއެވެ &&& ކަމެއް ކުރަން ނޭނގުނުބަޔަކަށް ކަންކަން ފުފޮޅާލާ ބަދަލުކުރާކަސް ހަމަ ނޭނގޭނެ. އެއަށް ކިޔަނީ ނުކުޅެދުން ކަންކަން ކުރަން ނޭނގޭ މީހުންނޭ ތިބޭފުޅުންނަކީ.

  7. ރިޒޯރޓްބޯއީ

    މި ލިޔުން މި ވަނީ ލިޔުންތެރިޔާގެ ބޭނުމަށް އެއްފަރާތަކަށް ބުރަވެފަ. ދޮގުވެސް އެބަހުރި. ރިޒޯރޓް ތަކުގައި މަސައކަތްކުރާ މީހުންގެ މަތީން ހނދާނެއް ނެތް. ކަނު ލިޔުމެއް ކަމަށް ފާހަގަވޭ. އަހުރެންނާ އަހުރެބްގެ އަނބި ދަރީން ތިބީ ވަރަށް އުފަލުން. އެކުގާ ވަގުތު ހޭދަކޮށްލަން ލިބުނީމަ. ޑިސެމްބަރ ގައި ޗުއްޓީ އޮންނައިރު އަހަރެމެން ދަރީންނާ އެކީ ނޫޅެވޭ.

    3
    6
  8. ޙެކު

    ވަޓް އަ ޖޯކް!!!

  9. މަބަލްދީބް

    ބަލަ ރިސޯޓް މީހުންނަށް އަނބިން ކައިރިއަށް ކްރިސްމަސް ސީޒަން ވާތީ ނުދެވޭތީ އަނބިން ކައިރިއަށް ދެވޭ ގޮތް ހަދާދީފަ އެއޮތީ. ސަލާމަތެއް ނެތެެއްނުން.

    6
    6
  10. ޑައެލޯގް

    ޖޫންޖުލައިގެ ޗުއޓީއެއް ރާއްޖެއަކަށް އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. ސަބަބަކީ އެއީވަރަށް ވިއްސާރައަދި ކަނޑުގަދަވެ ނުރައްކާދުވަސްވަރެކެވެ. ޗުއްޓިގައި ރަށްރަށަށް މަތިންދެވޭމީހުނަށްވެސް އުފަލެއްނޯވެއެވެ. ސަބަބަކީ މުޅިރަށުގައި ފެންބޮޑުވެ ވިއަސާރަވީމައެވެ. އަދި އަވައްޓެރި ކޮޗިން ކެރެލާ ކޮލޮމްބޯވެސް ވިއްސާރައެވެ. ދެން ދިއްލީ ޑުބާއީ ތަންތަނަށް ހޫނުކަމުން ކަމަކުނުދެއެވެ. ވީމާ ޗުއްޓީރަގަޅީ ޑިސެމްބަރެވެ. ނަމަވެސް އެއްޗެއްނޭގޭބަޔަކު ވެރިކަމަށް އައީމާ ބަދަލެއްގެނައީއެވެ.

    5
    2
  11. ކުރެންދޫ

    މިކަމަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ...