ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ދައުލަތުގެ އިހުމާލުން ދޫވެގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުން މައްސަލަ ނުބަލާނަމަ ލޯ މަރާލައިގެން ނުތިބެވޭނެ ކަމަށާއި، އެ މަސައްކަތް ނުކުރެވޭކަން ފާހަގަކުރައް ވަނީ ހިތާމައާއި އެކުގައި ކަމަށެވެ.

އަދި މިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ވެސް ރައްޔިތުން އެމްޑީޕީއަށް އިތުބާރު ކުރީ އެ މައްސަލަތައް ބަލާނެ ކަމަށް ވައުދުވެފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު އެކަންކަން ނުކުރާނަމަ ސަރުކާރަށް ވެސް އަދި މަޖިލީހަށް ވެސް ލޯ މަރާލައިގެން ތިބެވޭކަށް ނޮއޮންނާނެ. އިއްްޒަތްތެރި ރައީސް އެ މައްސަލަތައް ތަހުގީގުކުރުމަށް ހުރަސްއަޅާ ބަޔަކު ތިބިކަމަށް ވަންޏާމު ސަރުކާރުން އެބަޔަކު ދުރުކުރަން ޖެހޭ. އަދި އެ މައްސަލަތައް ތަހުގީގުކުރާނެ ބަޔަކު އެކަން ކުރުމާއި ހަވާލުކުރަން ޖެހޭ. އިއްޒަތްތެރި ރައީސް، އެކަމުގައި ވެސް މި މަޖިލީހުގެ އެހީތެރިކަމެއް ބޭނުމިއްޔާ އަޅުގަނޑުމެން ކައިރީގައި ވިދާޅުވާންވީ." ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގޮތް ނޭނގޭ މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުން އަދި ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަތައް ބަލަން ހަވާލު ކުރުމުން އެކަން ނުކުރާ ނަމަ، އެކަމުގައި ހުރި ދަތިތައް މަޖިލީހާއި ހަމައަށް ގެނެސްދެއްވުމަށް ހަސަން ލަތީފް އެދިލެއްވިއެވެ. އެ މަސައްކަތް ފުރިހަމަ ކުރުމަށް މަޖިލީހުން ނުކޮށްދޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާ، އެމްޑީޕީގެ އެއްބާރުލުން ރައީސް އަށް ލިބިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޓެރަރިޒަމްގެ ހަމަލާތައް ދަނީ ދެމުން. ލޯންޗްތަކުގައި ހުޅުޖަހައިފި. މީހުން ގަޔަށް ވަޅި ޖަހައިފި. ސަރުކާރުގެ އިދާރާތަކުގެ ވެބްސައިޓްތައް ހެކްކޮށްފި. ސަރުކާރުގެ އިސްވެރިންނާއި، ވިޔަފާރިވެރިންނާިއ، މެމްބަރުންގެ ވަޓްސްއެޕް އެކައުންޓްތައް ވެސް ހެކްކޮށްފި. ދޭތެރެ ދޭތެރެއިން ޖަލުތަކުގައި އެދަނީ ހަމަނުޖެހުން އުފައްދަމުން. މި މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލިގެން ނަތީޖާއާއި ހަމައަށް ދެވޭތަން ނުފެންނަ ވާހަކަ މި ދަންނަވަން ޖެހެނީ ހިތާމަ އާއި އެކު." އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާ، އެފަދަ މައްސަލަތައް ހައްލު ކުރަން މަޖިލީހުން އެހީތެރިވެދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.