ޑެންގީ ކޮންޓްރޯލް ކުރަން އާއްމުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ޑެންގީއާ ބެހޭ މައުލޫމާތު ދިނުމަށް އެޗްޕީއޭގައި މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި، އެ އޭޖެންސީގެ މެޑިކަލް އޮފިޝަލް ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ، ޑެންގީ ކޮންޓްރޯލް ކުރަން އާއްމުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށެވެ.

"މަދިރި ނައްތާލަން ވަސީލަތްތަށް ބޭނުންކޮށްގެން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބައެއް ފަހަރު އާއްމުންނަށް ހީވެފައި އޮތަސް، ވަސީލަތްތަށް ބޭނުންކުރަނީ ޑެންގީ ފެތުރޭ މިންވަރު އާދަޔާ ހިލާފަށް އިތުރުވުމުން. ފޮގްގެ ސަބަބުން މަރުވަނީ އުދުހޭ ބޮޑެތި މަދިރިތައް" ނަޒްލާ ވިދާޅުވި އެވެ.

މި ދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާތީ ކުރިއަށް އޮތް ދުވަސްތަކުގައި ހުން ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިނިސްޓްރީން ވަނީ ހުމުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.

ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފައިވަނީ ހުމުން ރައްކާތެރިވުމުގެ ފިޔަވަޅު ދުރާލާ އަޅައި މަދިރި އުފެދުމާއި މަދިރި މަދުކުރުމުގެ މަސައްކަތްތައް އިތުރު ކުރުމަށް އިސްކަންދިނުމަށެވެ. އަދި ހުން އައިސް ޑެންގީގެ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން އިސްކަން ދިނުމަށްވެސް އެދިފައިވެ އެވެ.

މިބައްދަލުވުމަގައި ވާހަކަ ދައްކަމުން ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވީ، މީގެ ދެ ހަފުތާ ކުރިން ބޭއްވި މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތުގައި ވެސް، ފެން ހަރުލާ ގޮތަށް ކޮންސްޓްރަކްޝަން ސައިޓުތަކުގައި އެއްޗެހި ބަހައްޓާފައި ހުރިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށެވެ.

" ގޭގައި ހެދި ބޮޑުވާ އެއްޗެކޭ މަދިރިއަކީ. އެހެންވެ ވަރަށް ބޮޑަށް ޕާސަނަލް ވެގެން، މަދިރި ނޫފެދޭނެ ގޮތަށް މަސައްކަތް ނުކުރަންޏާ މި ބަލިން ސަލާމަތްވުމަކީ ހަމަ އުނދަގޫ ކަމެއް،" ނަޒްލާ ވިދާޅުވި އެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި ހުން އައުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ހަމުގައި ރަތް ކުލައިގެ ބިހިތަކެއް ނަގާފައި ހުރުން ހިމެނެ އެވެ.

މިބައްޔަކީ އެކަށީގެންވާގޮތަށް ފަރުވާ ނުކުރެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ޑެންގޫ ހުންވަނީ އޭސިއާ ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކެއްގެ އާއްމު ޞިއްޙަތުގެ ނުރައްކަލަކަށް ވެފައެވެ

ރިޕޯޓްތައް ބުނާގޮތުގައި ޑެންގޫ ހުމަކީ އާންމު ގޮތެއްގައި ވިއްސާރައިގެ ސަބަބުން މަދިރި ގިނަވެ ޖެހޭ ބައްޔެކެވެ. ފަހަކަށް އައިސް އޭޝިއާގެ ގިނަ ގައުމުތަކުން ޑެންގީ ހުންދަނީ ފެންނަމުންނެވެ.