ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްވަރު، ވިސާ ފީތައް ނުދެއްކުނު މީހުން ޖޫރިމަނާ ނުކުރަން އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ މިދިޔަ މާޗު މަހުގެ 19 އިން ފެށިގެން ޖޫން 30 ގެ ނިޔަލަށް ވިސާ ފީ ނުދެއްކޭ މީހުން ޖޫރިމަނާ ނުކުރާނެ ކަމަށެވެ. އެގޮތަށް ނިންމީ ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާ ގުޅިގެންނާއި އޭގެ ފަހުން، މާލެ ސަރަހައްދު ފުރަބަންދަކަށް ދިއުމުން ވީސާ ފީ ދައްކަން ގިނަބަޔަކަށް އުނދަގޫވުމުން ކަމަށް ވެސް އިމިގްރޭޝަންގެ އިއުލާންގައިވެއެވެ.

އިމިގްރޭޝަނުން ބުނީ ޖޫރިމަނާ ނުކުރަން ނިންމާފައި ވަނީ ޓޫރިސްޓް ވިސާ އާއި ޑިޕެންޑެންސީ ވިސާ އާއި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ މީހުންގެ ވިސާ ފީ ނުދެއްކުނު މީހުންނާއި ވިސާ މުއްދަތު އިތުކުރަން ހުށަނޭޅުނު މީހުން ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރު އޮފީސްތައް ބަންދުކުރީ މިދިޔަ މާޗު މަހުގެ ކުރީކޮޅެވެ. އޮފީސްތައް ބަންދުކޮށްފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީ އިރު، އިމިގްރޭޝަންގެ ހިދުމަތްތައް ފަސޭހައިން ހޯދޭނެ ގޮތް ހެދުމަށް، މެޑިކަލް ރިޕޯޓަކާ ނުލައި ވިސާ އަށް ހުށަހެޅޭނެ ގޮތް ހަމަޖެއްސިއެވެ. މި ހިދުމަތް ދޭން ނިންމީ ވޯކް ވިސާ އަށް އެދޭ ފަރާތްތަކަށެވެ.

މީގެއިތުރުން އިމިގްރޭޝަނުން ވަނީ ބޭރު ގައުމުތަކުގައި އުޅޭ ދިވެހިން، ޕާސްޕޯޓް އާކުރަން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.