ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް، ރާއްޖޭގެ ކެބިނެޓް ބައްދަކުވުމެއް މިއަދު ވާޗުއަލްކޮށް ބާއްވައިފިއެވެ.

މި ބައްދަލުވުން ލީޑް ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާއި، އަދި ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.

މާލެ އިން ކޮވިޑް-19 ފެނުނުފަހުން ބަލީގެ ބިރުވެރިކަމާއި ހެދި މުޅި މާލެ ސިޓީ މިވަނީ ފުރަބަންދުކޮށްފައެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނުތާ މިހާރު 75 ދުވަސްވެފައިވާއިރު، ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުތައް ތިރިވަމުން އަންނަ ތަނެއް ނުފެނެއެވެ. މިހާރުވެސް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 1216 އަށް ވަނީ އަރާފައެވެ. މީގެ ތެރެއިން ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.

އެހެން ނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގައި ކޮވިޑް-19ގެ ޙާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް، ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލުމަށެވެ. އަދި މިހާރު އިއުލާން ކޮށްފައި އޮތް މާލޭގެ ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 91 މީހެކެވެ.