ކޮވިޑް-19 އާއި ގުޅިގެން ބައެއް ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާ މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ‏ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ނިންމާފައި އޮތް އޮތުން އަންނަ މަހުގެ 11ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

އެންމެ ފަހުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި މިހާތަނަށް އޮތީ އެންމެ ހަތް ރަށެއްގައެވެ. މާލެ ސިޓީވެސް ހިމެނޭހެން ދެން އޮތް ހަ ރަށަކީ ހއ. ތަކަންދޫ، ށ. ނަރުދޫ، ށ. މިލަންދޫ، ނ. މަނަދޫ، ކ. ހިންމަފުށި، އަދި ކ. ތުލުސްދޫއެވެ.

އިސްލާމިކް މިނިސްޓަރ ސޮއިކުރައްވާ މީގެކުރިން ނެރެފައިވާ މި ސާކިއުލާގައި ބުނެފައިވަނީ މިދިޔަ ހުކުރު ނަމާދުން ފެށިގެން މިވަގުތު ރާއްޖޭގައި ފުރަބަންދު ހާލަތުގައި ހުރި ރަށްރަށާއި، މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި، އެރަށެއްގައި މީހަކު ކަރަންޓީނުކޮށްފައިވާ ރަށްތައް ފިޔަވާ އެހެން ރަށްރަށުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭގޮތަށް ހުޅުވާލުން އެންމެ ރަނގަޅު ކަމަށް އިއްޔެ އިލްމުވެރިންނާއި، ކަމާބެހޭ ޞިއްޙީ އިދާރާތަކާއެކު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

"ވީމާ ހެލްތް ޕްރޮޓެކެޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްރަށާއި މޮނިޓަރިންގ ހާލަތުގައި ހުރި ރަށްރަށާއި، އެރަށެއްގައި މީހަކު ކަރަންޓީނުކޮށްފައިވާ ރައްތައް ފިޔަވައި އެހެން ރަށްރަށުގައި ރައްކާތެރި ފިޔަވަޅު އަޅައި ޖަމާއަތުގައި ނަމާދުކުރުން އެންމެ ރަނގަޅުކަމުގައި ދެންނެވީމެވެ." އިސްލާމިކް މިނިސްޓްރީ ފޮނުވި ސަކިއުލަރގައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ފުރަތަމަ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މާލެ ސަރަހައްދާއި ރިޒޯޓު ތަކުގައެވެ. މާލެ ސަރަހައްދާއި ރިސޯޓުތަކުގައި ފަރުޟު ނަމާދުތައް ޖަމާއަތުގައި ކުރުން އެންމެ ފުރަތަމަ ހުއްޓާލީ، މާޗު 15 ވަނަ ދުވަހު މެންދުރު ނަމާދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހު އަސްރު ނަމާދާ ހަމައަށެވެ. އޭގެ ފަހުން މި ހިނގާ އެޕްރިލް މަހުގެ 30 ގެ ނިޔަލަށް ޖަމާއަތުގައި ނަމާދުކުރުން މަޑުޖައްސާލުން އިތުރުކުރިއެވެ.

އޭގެ ފަހުން އޭޕްރީލް މަހުގެ 15 ވަނަ ދުވަހު، މާލެއިން ކޮވިޑް-19 ފެނުމާއެކު އޭޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހަމައަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި، ރަމަޟާންމަހު ތަރީވީސް ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ. އަދި އޭގެ ފަހުންވެސް ދެފަރެއްގެ މައްޗަށް ޖަމާއަތުގައި ނަމާދުކުރުން މަނާކުރި މުއްދަތު ވަނީ އިތުރުކޮށްފައެވެ.