އެމްޑީޕީއިން އަނެއްކާވެސް މިއަދު މިވަނީ އާދައިގެ މަތިން މުޒާހަރާއެއް ކޮށްފައެވެ. މުޒާހަރާތަކުގައި ފުލުހުންނާއި ދިމާލަށް އަވަގުރާނަ ގޮވައި ފުލުހުންނަށް އަނިޔާކޮށް އަދި އޭގެ އިތުރުން ތަފާތު ނޭދެވޭ މަންޒަރު މީގެ ކުރިންވެސް ގިނަ ބަޔަކަށް ވާނީ ފެނިގެން ގޮސްފައެވެ.

މިއަދު އެ އަލްބަމަށް މި އިތުރުވީ އަނެއްކާވެސް އެފަދަ ފާހަގަކޮށްލެވުނު ފޮޓޯއެކެވެ. މަތީގައި ވާ ފޮޓޯއިން ފެންނަނީ އެ މަންޒަރެވެ. އަންހެނަކު ފިރިހެން ފުލުހެއްގެ ޖިންސީ ގުނަވަނާއި ދިމާލަށް އިޝާރާތްކޮށްގެން ހުންނަ ފޮޓޯއެއް މި ވަނީ އާންމުވެފައެވެ. އޭގެ އިތުރުން އޭނާ ފުލުސް މީހާއާއި ދިމާލަށް ރައްދު ކުރި ހުތުރު ބަސްތައް އެވަގުތު އެތަނުގައި ތިބި ނޫސްވެރިންވެސް ވަނީ އަހާފައެވެ.

އެ ސަރަހައްދުގައި އެވަގުތު ތިބި ނޫސްވެރިން ބުނިގޮތުގައި ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުން ދިޔަ އިރު އޭގެތެރެއިން އެއް ފުލުހަކު ދިޔައީ އެއްވެ ތިބި މީހުންގެ ވީޑިއޯ ނަގަމުންނެވެ. މިކަމާއި ހިތްހަމަ ނުޖެހިގެން އެ އަންހެން މީހާ ފުލުސް މީހާއާއި ދިމާއަށް އަވަގުރާނަ ގޮވަންފެށި ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

"ކަލޭގެ ތިތަންކޮޅު ނަގާބަލަ" - އަންހެން މީހާ ފުލުސް މީހާގެ ޖިންސީ ގުނަވަނަށް އިޝާރާތްކޮށް ބުނެފައިވެއެވެ.

އެ އަންހެން މީހާ ވަނި މިއަދުގެ މުޒާހަރާގެ ތެރޭގައި ފަހުން ވެސް ފުލުހުންނާއި ދިމާލަށް ހަޑި ހުތުރު ބަހުން އެއްޗެހި ގޮވާފައެވެ. އެގޮތުން ފުލުހުން އެއް ޖިންސުން ގުޅުން ހިންގާކަމަށް ބުނެ އޭނާ ވަނީ އަޑު އުފުލާފައެވެ.

މަންޒަރުދުށް ބައެއް މީހުން ބުނިގޮތުގައި އެ އަންހެން މީހާއަކީ މީގެ ކުރިންވެސް ފުލުހުންނަށް އެކި ގޮތް ގޮތުން ފުރައްސާރަކޮށް ހަޑި ހުތުރު ބަހުން ވާހަކަދައްކައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ މީހެކެވެ.

ގޯސް ކަމެއް ވާނީ ގޯސް ކަމަކަށެވެ. ވިޔާނުދާ ވާހަކައެއް ވާނީ ވިޔާނުދާ ވާހަކައަކަށެވެ. ހަޤީޤަތަކީ ހެޔޮ ނިޔަތެއްގައި ނިކުމެތިބި ބަޔަކު މިފަދަ ބަސްތަކުން ބަޔަކާއި މުހާތަބުކޮށް މިފަދަ ދަށުދަޖައިގެ އަމަލުތައް ނުހިންގާނެ ކަމެވެ.