ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައިވާ މި މުއްދަތުގެ ތެރޭގައިވެސް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުތަކަށް 45 މައްސަލަ ހުށަހަޅައިފިއެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ބުނީ އެ މައްސަލަތައް ޕީޖީން ހުށަހަޅާފައި ވަނި އޮންލައިންކޮށް ކަމަށެވެ. ޕީޖީ ވިދާޅުވީ ގޮތުގައި 45 މައްސަލައިގައި 77 ދައުވާ ޝީޓު ވާނެ ކަމަށެވެ. ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ޕީޖީން މަސައްކަތް ކުރާނީ ކަރުދާހުގެ ބަދަލުގައި އޮންލައިންކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީން ވަނީ މި ފުރަބަންދުގެ ތެރޭގައި މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލައިގައި 11 މީހަކަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ. އެ މައްސަލާގައި ވެސް 576 ސޮފްހާގެ ދައުވާ ޝީޓެއް ވަނީ ތައްޔާރުކޮށްފައެވެ.

ޕީޖީން އަންނަނީ ޒަމާނީ ޓެކްނޮލިޖީ ބޭނުން ކޮށްގެން ޝަރީއަތްތައް ކުރިޔަށް ގެންދިއުމަށް ބާރު އަޅަމުންނެވެ. އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިޔުމަށް އޯޑިއޯ ވީޑިއޯ 4 ސިސްޓަމެއް އެ އޮފީހުގައި މިހާރު ވަނީ ގާއިމްކޮށްފައެވެ. ޕީޖީ ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ މަސައްކަތް ހުއްޓުމެތް ނެތި ކުރިޔަށް ގެންދިޔުމަށް ކަމާއި ގުޅޭ އިދާރާތަކާއި އެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި 10 ސިސްޓަމް އެއް ޕީޖީ އޮފީހުގައި ބެހެއްޓޫމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެކުރިން ސުޕްރީމް ކޯޓުން ވެސް ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ. އެކަމާއި ގުޅިގެން ޝަމީމް ވިދާޅުވެފައި ވަނީ އެކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ނިންމުމަކީ ޝަރީއަތް ކުރުމުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަމީލާ

    އަމުދަކުން މާ މޮޅު އީ-ޕޯޓަލެއް ޤާއިމުކުރެވިގެންނެއް ނޫން ތިއުޅުއްވަނީއެއް. ކްރިމިނަލް ކޯޓަށް މައްސަލަތައް ފޮނުއްވިގޮތަށް ހަމަ މެޖިސްޓްރޭޓް ކޯޓުތަކަށްވެސް ފޮނުއްވޭނެ. އަދި ތިޔަބޭފުޅާގެ ޓެކްނިކަލް ޓީމާ މަޝްވަރާކުރައްވާ! އާކުކުޅަކަށް ގާބިހެއް އެޅުނިއްޔޯ!!! މަ ހީހީ ހަލާކު!!! ހާހާހާ