ގާނޫނުގައި ބުނެފައިވާ ގޮތަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) މަސައްކަތް ނުކުރާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާއާ ޖަލުތަކުގައި ނުހަމައިން ކަންކަން ނުހިނގާނެ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް ވަކިވަކި ފުލުހުންނަށް ފިޔަވަޅު އެޅުމަކީ ގާނޫނީ ގޮތުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ކުރަން ލާޒިމް ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވި ސީދާ ސަބަބެއް ނޭނގެއެވެ. ނަމަވެސް އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސް ގެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ކިޔާ މީހަކު ފުލުހެއްގެ އަނިޔާވެރި އަމަލުތަކެއްގެ ސަބަބުން މަރުވުމާއި ގުޅިގެން ރާއްޖޭގައިވެސް ގިނަ ބަޔަކު އަންނަނީ ދިވެހި ފުލުހުން އާއްމުންނަށް އަނިޔާކޮށްފައިވާ އެތައް ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އަދި ޖޯޖް ފްލޮއިޑް މަރާލިއިރު އެ ފުލުސް މީހާ ކަންކުރި ގޮތާއި ދާދި އެއްގޮތް ފޮޓޯތަކެއް އާއްމުކޮށް އެއީ އެމެރިކާގެ ފޮޓޯއެއް ނޫން ކަމަށާއި އެއީ ރާއްޖޭގައި ފުލުހަކު އާއްމު ރައްޔިތަކަށް ކަންކޮށްފައިވާ ގޮތް ކަމަށް ބުނެ އަންނަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.

އެންއައިސީގެ މަސައްކަތްތަކާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަންބޮޑުވުން ފާޅުކުރެއްވިއިރު މިނިވަން މުއައްސަސާތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީއަށް އެ ކޮމިޝަނުން އެއްބާރުލުން ނުދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެކަމާއި ގުޅިގެން އެ ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުން ވަނީ ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ދައުލަތުގެވެސް ޒިންމާއެއް އޮވޭ. ބޮޑެތި ކޮމިޝަންތަށް ހަދާފަ މަގާމާ އެކަށީގެންނުވާ އެކަށީގެންވާ ތައުލީމާ ތަޖުރިބާނެތް. ދުވަހަކު ދައުލަތުގެ މެނޭޖްމަންޓް ވަޒީފާއެއްގައި ނޫޅޭ. އެޑްމިނިސްޓްރޭޝަން ނޫން އެހެން ފަންނެއްގެ ބަޔަކަށް ކޮމިޝަން ހަވާލުކުރީމަ ދެންވާނެ ހައެތިވީމަ އަނގަތަޅާކަށް އެހާ ރީއްޗެއްނޫން. ޑޮކްޓަރަކާ ނުވަތަ ޓީޗަރަކާ ހަވާލުކުރީމަ ތަނެއް މެނޭޖްކުރާނެގޮތެއް ނިކަން ބުނެބަލަ؟

  2. Anonymous

    އެން.އައި.ސީން ނިންމި ނިންމުމަކާ ގުޅިގެން ރައްޔިތަކަށް ހައްގެއްލިބިފައިނުވެއޭތޯ ތިވިދާޅުވަނީ. އެހެންވިއްޔާ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް އެކޮމިޝަނަށް ރަނގަޅު މެންބަރުން ހަމަޖެއްސުމަކީ. މި ސަރުކާރަކީ ފެއިލްވެފައިއޮތް ސަރުކާރެއް. އެއްކަމެއްވެސް ނުކުރެވޭނެ.. ހޭކިހޭކިތިބޭނީ.

  3. މުހަންމަދު

    މިގައުމުގައި ރައްޔިތަކަށް ލިބޭ ހައްގެއް ހޯދައިދިނުމަކީ ދުރުކަމެއް. އެގޮތަށް އިންޓަގްރިޓީވެސް މަސައްކަތް ކުރަނީ