އައްޑޫގެ އެކި އަވަށްތަކުގައި ހުރި ހުސްބިންތަކުގައި ބައެއް މީހުން ހުއްދަ އަކާއި ނުލައި އެކި ކަހަލަ މަސައްކަތް ކުރަމުންދާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އައްޑޫ ސިޓީ ކައުންސިލުން ދީފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައްޑޫގެ އެކި އަވަށްތަކުގައި ހުރި ހުސް ބިންތަކުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައި ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ޢުމްރާނީ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައް އެކި ފަރާތްތަކުން ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ މަސައްކަތް ހުއްދަ އަކާއި ނުލައި ކުރުމަކީ މަނާ ކަމެއް ކަމަށް ކައުންސިލުންގެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެހެން ކަމުން އެފަދަ މަސައްކަތް ހުއްޓާލުމަށާއި އެގޮތަށް އަމަލު ކުރަމުން ނުދާނަމަ ކޮށްފައި ހުންނަ ބުރަ މަސައްކަތަށް ލިބިދާނެ ގެއްލުންތަކަށް އެ ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

"އަދި މިފަދައިން މަސައްކަތް ގެންދާނަމަ ޤާނޫނާއި އެއްގޮތަށް ފިޔަވަޅު އަޅަމުން ގެންދާނެ" ކައުންސިލުން ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުން މިފަދައިން ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ކާބޯތަކެތީގެ ދަތިކަން ދިމާވެދާނެތީ ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަން ނިންމައި މާޗް މަހުގެ ތެރޭގައި އެކަމަށް ފުރުސަތުވެސް ހުޅުވާލާފައި ވަނިކޮށެވެ.