މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ސިޔާސީ ބާރުވެރިކަން ބޭނުންކުރައްވައި ކޯޓުތަކުގެ ހުރުމަތް ކަނޑާލާފައިވާ މައްސަލަ ތަހުޤީޤުކޮށް ފިޔަވަޅު އަޅާއިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް ސިޓީއެއް ހުށަހަޅައިފިއެވެ.

މިދިޔަ މަޖިލީސް އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރެއްވި އިބްރާހިމް މުޙައްމަދު (އިއްބެ) ރައީސަށް ހުށަހެޅުއްވި މި ސިޓީގައި ބުނެފައި ވަނީ، ރައީސް ނަޝީދު، މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގަތުމަށްފަހު ފާއިތުވެދިޔަ ތަނުގައި އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކާއި، ކުރައްވާ ޢަމަލުފުޅުތަކުން، ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް އެ ނިންމުންތައް ބައްޓަން ކުރުމަށް ބާރުއަޅުއްވައި، ޖުޑީޝަރީގެ މިނިވަންކަމާއި ޙުރުމަތަށް އަރައިގެންނެވުން ޢާންމު ކަމަކަށް ހައްދަވާފައިވާ ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ، ކަން މިހެން އޮތްއިރު ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޚިލާފަށް ރައީސް ނަޝީދު ކޯޓުތަކުގެ މައްޗަށް ބާރުފޯރުއްވެވުމަށް ހިންގަވާފައިވާ، އަދި ހިންގަވަމުން ގެންދަވާ ޣައިރުޤާނޫނު ޢަމަލުތަކާއި މެދު ފިޔަވަޅު ނޭޅި ދިއުމަކީ ދައުލަތުގެ އަދުލު އިންސާފު ނުހިނގާކަމުގެ ސާފުކަން ބޮޑު ހެއްކެއް ކަމަށެވެ.

"އެހެންކަމުން ޤާނޫނު އަސާސީ ލާޒިމުކުރާ ގޮތުގެ މަތީން، އެންމެހައި ރައްޔިތުން ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވުމުގެ އުސޫލާ އެއްގޮތްވާގޮތުގެ މަތީން، ދިވެހިރާއްޖޭގެ ދުސްތޫރުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ޝަރީޢީ ނިޒާމު ހަލާކުކޮށް، އެ ނިޒާމަކީ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ވަސީލަތްތައް ބޭނުންކޮށްގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން މުޙައްމަދު ނަޝީދުގެ ފިކުރުތަކާއި އެދުންތަކާއި އަމުރުތަކަށް ތަބަޢަވާ ޕަޕެޓް ބޮޑީއެއް ކަމުގައި ހެދުމަށް، ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި ޚިލާފަށް ކުރައްވާފައިވާ، އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްސަލަތައް ތަޙްޤީޤު ކުރައްވައި، އެ މައްސަލަތައް ހުއްޓުވައިދެއްވައި، މުޙައްމަދު ނަޝީދާ މެދު އަޅާންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅުއްވައިދެއްވުން އެދި ދަންނަވަމެވެ." ސިޓީގައި ވެއެވެ.

މި ސިޓީގައި، ރައީސް ނަޝީދު މިކަންކަމާއި ގުޅޭގޮތުން ދައްކަވާފައިވާ ބައެއް ވާހަތަކަކާއި ކުރައްވާފައިވާ ބައެއް ޢަމަލުތައް ވެސް ހިމަނާފައި ވެއެވެ. މީގެ ތެރެއިން ގިނަ ކަންކަމަކީ، ރައްޔިތުންގެ މަޖިލީހުން ނުވަތަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ވީނަމަވެސް، އެ މުވައްސަސާތައް ހުރީ އެއްވެސް ކަހަލަ މިނިވަންކަމެއް ނެތި ރައީސް ނަޝީދާއި އެމަނިކުފާނުގެ ވިސްނުމާއި ފިކުރަށް ތަޢައްސުބުވާ މީހުންގެ ދަށުގައި ކަމީ، ރާއްޖޭގެ އެއްވެސް މުވާޠިނަކަށް އޮޅިފައިނުވާނެ ހަޤީޤަތެއް ކަމަށާއި، އިންސާފުން ތަހުޤީޤެއް ކޮށްފިނަމަ މިކަންކަން ސާފުިވެގެންދާނެ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

އަދި ރާއްޖޭގެ އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުތައް ލިބިގެންވަނީ ރާއްޖޭގެ ސުޕްރީމް ކޯޓަށާއި ހައިކޯޓާއި، ޤާނޫނުން އުފައްދާ ދަށުކޯޓުން ކަމަށްވާއިރު، ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ، ކަންކަމުގެ ސަބަބުން ވޭތުވެދިޔަ ދެއަހަރެއްގައި ދުވަހުގެ ތެރޭގައި ދައުލަތުގެ މިނިވަން އަދި މުސްތަޤިއްލު ޖުޑީޝަރީގެ ބާރު ކެނޑިފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައި ވެއެވެ.

ސިޓީގައި ބުނެފައި ވަނީ، ޖުޑީޝަރީ ވަނީ ޤާނުނު އަސާސީން އެ ޖުޑީޝަރީއާ މަތިކޮށްފައިވާ ޢަދުލު އިންސާފުގެ އެންމެހައި ކަންކަމުގެ އެންމެ އިސް ފަރާތުގެ ދައުރު އަދާކުރުމަށް ނުކުޅެދުންތެރިކޮށްފައި ކަމަށާއި، އަދި މިއަދު ރައީސް ނަޝީދާއި އެމްޑީޕީގެ ތެރެއިން އެމަނިކުފާނުގެ ރުހުން އޮތް ބަޔަކަށް މެދުވީ، ރާއްޖޭގައި އަދުލުއިންސާފު ލިބުމުގެ ހުރިހައި އުންމީދެއް ގެއްލި ގޮސްފައިވާ ކަމަށެވެ.

"އެހެންކަމުން ޤާނޫނު އަސާސީގެ 7 ވަނަ މާއްދާ އާއި 141 ވަނަ މާއްދާގެ ބާރު ކަނޑުވާލައި، މިނިވަން ޖުޑީޝަރީއެއްގެ ހިޔާވަހިކަމުން ދިވެހި ރައްޔިތުން މަޙުރޫމްކޮށް، އިސްވެ ދެންނެވުނު ފަދައިން ޝަރުޢީ ދާއިރާ ހަލާކުކޮށްލުމުގައި މުޙައްމަދު ނަޝީދު އިސްކޮށް އަދާކުރެއްވި ދައުރުގެ ކަންކަން ތަހުޤީޤު ކުރައްވައި، އޭނާގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅޭނެ ގޮތް ހެދުމަށްޓަކައި ފިޔަ މުވައްސަސާގެ ޤާނޫނީ ވާޖިބު އަދާކުރެއްވުން އެދި ދެންނެވީމެވެ." ސިޓީގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޑައެލޯގް

  ތިޔަކިބުލަށް ނުވާނެ އެއްކަމެއްވެސް އޭނަޔަށް އެގޭނީ ސެލްފީނަގާށެވެ. މަޖިލިސްގައި ގިނަދައުރެއް އަދާކުރެވުނުއިރު ދާއިރާގެ ހައްގުގައި އަގަހުޅުވާވެސްނުލައެވެ. ވާނީވެސް އެހެންތާއެވެ. ކިނބުލަކީ ވަރަށް މަޑުންއޮންނައެއްޗެކެވެ. ދެން ޝިކާރައެއް އަންނަވަގުތު ކުއްލިއަކަށް ހަމަލާދީ ކާލައެވެ. އެގޮތަށް 32 ބިލޔަނުގެ ބަޖެޓް، އެމްއެމްއޭ ރިޒާވް، ކޮވިޑާގުޅިގެން ގައުމުތަކުންދިން ފައިސާތައް ކިނބޫ ކާލާއުސޫލުން ކައިފިއެވެ.

  8
  1
 2. ނަައީމް

  މިވެރިކަމުގަ ފިޔަވަޅުނޭޅިޔަސް ގައިމުތާ ދެން ކޮންމެމީހަކުވެރިލަމަށް އަޔަސް ތި އަންނި ތިކުރި ހުރިހާ ކުށެއްބަލާ ފިޔަވަޅުއަލާނެ އަދި ކުރޫގެ މައްސަލަވެސް ބަލާ ހުކުން ދަމަހއްޓާނެ މިގައުމު އިތުރަށްސަލާމަތްކުރެވެން ހަމައެކަނި އޮތްގޮތަކީ އަންނި މިގައުމުގެ ހުރިހާކަމަކުން ދުރުކުރުން ،، ބަލަ މީނަ އަމިއްލައަށަވެސް ބުނީނުންތޯ އިތުރަށްވެރިކަމުގަ ހުރެއްޖެނަމަ އިތުރަށްވާނީ ގޯހޭ ވީމާ މަގާމުން ދުރުކުރަންނުޖެހޭތޯ!!!!

  8
  1
 3. މިހާރު

  ވެރިޔަކަށްހުރީ އެއްވެސްކަމެއް ބެލޭމީހެއްނޫން ބައިމީހުން އެކަނި އަޅައިލަނީ ، އަންނި އެހެރީ ޚިޔާނާތުގެ ބޮޑެއް މަޖިލީސް ގައި އުޅެނީ ހިތުހުރި ގޮތަކަށް

  9
  2
 4. ާައަހުމަދު

  ތީ ކޮން އިއްބެއެއް؟ މީހަކު ދަންނަ މީހެއްތަތީ؟ އެ އުޅޭ ފުލެޓް ބެހި މީހާގެ ޅިޔަނުތަ؟