އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ރަސްމީ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާ އިން ސަލާމަތް ވުމަށް އުއްތަމަ ފަނޑިޔާރު ދިފާޢީ ހެކިންގެ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހާޒިރު ކުރަން އެދުނު ނަމަވެސް އެކަމަށް ކޯޓުން ދެކޮޅު ހަދައިފިއެވެ.

މައްސަލަ ބައްލަވާ ގާޒީ މިއަދު ނިންމެވީ އަލީ ހަމީދާއި ހަސަން ސައީދަކީ މިމައްސަލައިގައި ތުހުމަތު ކުރެވޭ ދެބޭފުޅުންކަމަށް ވާތީ ދިފާޢީ ހެކިންގެ ގޮތުގައި ދެބޭފުޅުން ކޯޓަށް ހާޒިރު ނުކުރުމަށެވެ.

މި މައްސަލައިގައި ދިފާއީ ހެކިންގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ހުށަހަޅާފައިވާ ސްޕްރީމް ކޯޓުގެ އައިޓީ ސެކްޝަނުގެ ވެރިޔާ އާތިކާ އިބްރާހިމް އަދި އެ ކޯޓުގެ ރަޖިސްޓްރާ ފާތިމަތު ޔުމްނާއަށް ހެކިބަސް ދިނުމަށް ހާޒިރުވުމަށް ޗިޓު ފޮނުވުނު ކަމަށް ގާޒީ ވިދާޅުވިއެވެ. ނަމަވެސް ރަޖިސްޓްރާ އަދި އައިޓީ ސެކްޝަނުގެ ވެރިޔާވެސް ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ.

އަލީ ހަމީދާއި ހަސަން ސައީދަކީ މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތްތަކެއް ކަމަށާއި، އެހެންކަމުން މި މައްސަލައިގައި އެ ދެ ބޭފުޅުންގެ ހެކިބަސް ނުނެގޭނެކަމަށް ދައުލަތުން ތަކުރާރުކޮށް ފާހަގަކުރި ނަމަވެސް، ޝަރީއަތް ފައްޓަވަމުން ގާޒީ ވިދާޅުވީ ހެކިން ހާޒިރުކޮށް ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ. ނަމަވެސް އަދަދެއް ގާޒީ ވިދާޅެއް ނުވެއެވެ. ފަހުން ގާޒީ ވިދާޅުވީ، އެ ދެ ފަރާތަކީ މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ވާތީ ހާޒިރު ކުރެވެން ނެތް ކަމަށެވެ.

މިކަމާ ގުޅިގެން ޢަބްދުﷲ ސަޢީދުގެ ވަކީލުން އަދި އަބްދުﷲ ސައީދު ވިދާޅުވަމުން ގެންދެވީ، މި މައްސަލައިގައި ޖެމްސް ކަނޑާލިކަމަށް އަމިއްލަ އިއުތިރާފުން ބުނާ ފަރާތްތަކުގެ ހެކިބަސް ސިއްރުން ނަގާފައިވާ ކަމަށާއި، އަލީ ހަމީދާއި ހަސަން ސައީދަކީ މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތްތަކެއް ނޫން ކަމަށެވެ.

އަދި މި ޝަރީއަތުގައި އަމަލުކޮށްފައިވާ ގޮތަށް އެކަނި ބެލި ނަމަވެސް ތުހުމަތު ކުރެވުނަސް ހެކިބަސް ނެގޭނެކަމަށްވެސް ވަކީލުން ވިދާޅުވިއެވެ. މީގެ އިތުރުން ކުށުން ބަރީއަވުމަށް ޤާނޫނު އަސާސީ ލިބިފީފައިވާ ހައްޤުތައް ލިބިދިނުމަށް ތަކުރާރުކޮށް ދިފާއީ ވަކީލުން ވަކާލަތު ކުރެއްވިއެވެ.

ސްޕްރީމް ކޯޓުގެ އިދާރީ އެންމެ އިސް ވެރިޔާ، ކޯޕަރޭޓް މެނޭޖްމަންޓް ސަރވިސަންގެ ޑިރެކްޓަރ އިބްރާހިމް ވަހީދު މިއަދު ޝަރީއަތަށް ހާޒިރުވެ، ޢަބްދުﷲ ސަޢީދުގެ ދިފާއީ ހެއްކެއްގެ ގޮތުން ހެކިބަސް ދެއްވިއެވެ. އިބްރާހިމް ވަހީދު ޝަރީއަތުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި ދުވަހުން ދުވަހުން ހިނގާ ކަންކަން ކުރަނީ އެ ސެކްޝަނެއްގެ ވެރިންގެ އިރުޝާދުގެ ދަށުން ކަމަށާއި، ޖެމްސް މެދުވެރިކޮށް އެ ކޯޓަށް މައްސަލަ ހުށަނޭޅޭނެ ކަމަށާއި، ގަވާއިދުގައިވާގޮތަށް މައްސަލަ ބަލައިގަންނާނީ އެ ކޯޓުގެ ރިސެޕްޝަނުންކަމަށެވެ.

އަދި އުއްތަމަ ފަނޑިޔާރު އެ ކޯޓުގެ ވަކި ވަކި މުވައްޒަފުންނަށް ގުޅައި ކަންކަން އަންގަމުން ނުގެންދާކަމަށްވެސް ހެކިވެރިޔާ ވިދާޅުވިއެވެ. ކޯޕަރޭޓް މެނޭޖްމަންޓް ސަރވިސަންގެ ޑިރެކްޓަރ އިބްރާހިމް ވަހީދު އިތުރަށް ވިދާޅުވީ، 2018 ފެބުރުވަރީ 4 އަދި 5 ވަނަ ދުވަހުވެސް ވަޒީފާއަށް ނިކުންނެވި ކަމަށާއި، އެ ކޯޓުގެ ޖެމްސްގެ އެއްވެސް މައްސަލައެއް ދިމާވިކަން އެނގިލައްވާފައި، އަދި އޭނާގެ ދަށުން ހިންގަމުންދާ އައިޓީ ސެކްޝަނުން އެފަދަ ކަމެއްގެ ރިޕޯޓްވެސް ކުރައްވާފައި ނުވާކަމަށެވެ.

ނަމަވެސް ގާޒީ ނިންމެވީ، އިތުރަށް ހެކިން ހާޒިރު ކުރަން ނުޖެހޭ ކަމަށާއި، ދެން އޮންނަ ޝަރީއަތެއްގައި އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެއް

    ގާޒީގެ ނިންމުމަށް %200 ތާއީދުކުރަމެވެ.

  2. ފާތުން

    މައްސަލަ ބަލާ ޤާޒީންނަށް ބަޔަން ދެވޭ އިސްފަނޑިޔަރު ހުށަހަޅާ ހެކިން ބަލައިނުގަނެވޭ. ކޮންކަހަލަ އިންސާފެއްތޯ ތީ