ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި އޮތް އޮތުން ބަދަލުކޮށް، އަނެއްކާވެސް އިތުރު ހަފްތާއަކަށް ސަރުކާރުގެ އޮފީސްތައް ހުޅުވަން ހުއްދަ ދީފިއެވެ.

މާލެ ސިޓީން ކޮވިޑް-19 އިން ފެނުނު ފަހުން މާލެ ސިޓީ ފުރަބަންދުކޮށް، އޮފީސްތައްވެސް ވަނީ ބަންދުކޮށްފައެވެ. އޮފީސްތައް ހުޅުވަން ހުއްދަ ދީފައި ވަނީ، މެއި 31 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ޖޫން 14 ވަނަ ދުވަހުން ފެށިގެން، 18 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ދުވަހުގެ އިތުރަށް ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސް ހުޅުވާގޮތަށްވެސް ރައީސް ސާލިހް ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ވަނީ އޮފީސްތައް ހުޅުވި ނަމަވެސް،އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވައިނުލުމަށްވެސް އަންގާފައެވެ. މީގެ އިތުރުން، ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެ ކަމަށާއި، އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށާއި، ވީހައި މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގާފައެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވަން ޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރެއްވުމަށް ވަނީ އަންގާފައެވެ.

އަދި މީގެ އިތުރުން، ސަރުކާރުގެ އޮފީހެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް އެ އޮފީހަކުން ހުށަހަޅުއްވުމުން، އެ އެޖެންސީން ކަނޑައަޅުއްވާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅުއްވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށްވެސް ވަނީ އޮފީސްތަކަށް އަންގާފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާދެމުން ދަނީ 831 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުންތަރި

    ސަރުކާރުގެ އޮފީސްތައް ހުޅުވާފަ ޚިދުމަތް ހޯދުމަށް ދިއުންމަނާކުރީމަ އޮފީސްތައް ހުޅުވައިގެން ކޮންކަމެއްކުރަންތޯ އޮފީސްތައް ހުޅުވަނީ ؟ މިހާރެކޭ ކޮބާ ތަފާތަކީ ؟