އަބްދުﷲ ސައީދު މިއަދު ކޯޓަށް ހާޒިރު ކުރުމަށް މާލެ ގެންނަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
އަބްދުﷲ ސައީދު މިއަދު ކޯޓަށް ހާޒިރު ކުރުމަށް މާލެ ގެންނަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުށް ސާބިތުވޭތޯ ނިންމަން ބާއްވާ ޝަރީޢަތައް އޭނާ ކޯޓަށް ހާޒިރުކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ގަވަރްމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުގައި މިދިޔަ ފެބްރުއަރީ 4، 5 ގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ.

މި ދައުވާ ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިއަދު ފުރަތަމަ އޮންނާނީ ދައުވާ އަބްދުﷲ ސައީދުގެ މައްޗަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. ޙުކުމް ކުރަނީ އިތުރު އަޑުއެހުމެއްގައެވެ.

ޖެމްސްގެ ޚިދުމަތް ހުއްޓުމަކަށް ގެންނަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް، ސިއްރުން ހެކިބަސް ދިން އެކަކު ޝަރީއަތުގައި ބުނެފައިވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އެ ކޯޓުގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ވަހީދު ކޯޓުގައި ވިދާޅުވީ ޖެމްސްގެ ޚިދުމަތް ހުއްޓުމަކަށް އައިކަން އޭނާ ހަވާލުވެފައި ހުންނަ ޑިވިޝަނުން އަންގާފައި ނެތް ކަމަށާއި އެކަން އެނގިވަޑައިގަތީ މީޑިއާ އިން ކަމަށެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ވަނީ އިތުރު ދައުވާތަކެއް ވެސް އުފުލާފައެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އަމުރަކީ އަބްދުﷲ ސައީދާއި އަލީ ހަމީދު ރިޝްވަތު ނަގައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނެރުނު އަމުރެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުކުމް އިންސާފުވެރިވާނެ ކަމަށް ދެކެން

  2. އަލިބެއްޔާ..

    އަވަސްކުރޭ މާލަސްވެއްޖެ