އަންނަ ޖުލައި މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑު ނުވަތަ އައިޑީކާޑު ގެއްލިފައި ވިއަސް ކާކުކަން އަންގައިދޭ އެހެން ލިޔުން އޮންނަ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އަންގައިފިއެވެ.

ޑީއެންއާރުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މަސައްކަތް ކުރަމުން އަންނާތީ ޖުލައި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އައިޑީ ކާޑު ނެތް ނަމަވެސް އަދި އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި ވީނަމަވެސް ހިދުމަތް ދިނުމަށް އަންގައިފައެވެ.

މީގެ ކުރިން ކޮވިޑް-19ގެ ސަބަބުން އައިޑީކާޑު ހެއްދުމުގައި ވަނީ ދަތިތަކެއް ދިމާވެފައެވެ. އެހެން ކަމުން އައިޑީކާޑު ބޭނުން ކޮށްގެން ލިބޭ ހިދުމަތް ލިބުމުގެ ދަތިތަކެއް ހުރުމުން ގިނަ ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށް ޝަކުވާ ކޮށްފައެވެ. މި ޝަކުވާ ތަކުގެ ސަބަބުން ޑީއެންއާރުން މީގެ ކުރިން ވަނީ ޖޫން 30 ގެ ނިޔަލަށް އެފަދަ ހިދުމަތް ލިބޭނެ ކަމަށް ބުނެފައެވެ.

މި މުއްދަތުގެ ތެރޭގައި އައިޑީކާޑު ނަންބަރު ފެންނަ ލިޔުމެއް ދެއްކުމުން އެފަދަ ފަރާތްތަކަށް ހިދުމަތް ލިބޭނެއެވެ. އެގޮތުން ޕާސްޕޯޓް، ޑްރައިވިން ލައިސަންސް، އުފަންދުވަހުގެ ސެޓްފިކޭޓް ނުވަތަ މިއަހަރު މުއްދަތު ހަމަވާ އައިޑީކާޑު ދިނުމުން ހިދުމަތް ފޯރު ކޮށްދިނުމަށް ޑީއެންއާރުން ވަނީ އެދިފައެވެ.