ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ ގުޅުން ހުރި ކަންކަން ކުރަން ފަސް އިދާރާ އަކާއެކު އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ސޮއިކޮށްފިއެވެ.

އީސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޮއިކޮށްފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި، ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)، ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން(ޑީއެންއާރު)، ޕޯސްޓު އޮފީސް އަދި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއެވެ.

އެ އެއްބަސްވުންތަކުގައި އިލެކްޝަންސް ކޮމިޝަނުން އެ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ސޮއި ކުރެއްވި އިރު ފުލުހުންގެ ފަރާތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، ޕޯސްޓުގެ ފަރާތުން އެމްޑީ އާދަމް މުހައްމަދު، އެލްޖީއޭގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް ޝަމްއޫން މުހައްމަދު ، ސީއެސްސީގެ ފަރާތުން އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު އަދި ޑީއެންއާރުގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު އައިޝަތު ރަޝީދާ ސޮއި ކުރެއްވި އެވެ.

ފުލުހުންނާއެކު މިއަދު ސޮއި ކުރީ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ނެވެ.

މިއަދުގެ ރަސްމިއްޔާތުގައ ފުވާދު ވިދާޅުވީ ސަލާމަތީ ކަންކަމާއި އިންތިހާބާ ގުޅުންހުރި ކަމެއްގެ ގޮތުގައި އެހީތެރިވާން އެއްބަސްވުމުގައި ބަޔާންކޮށްފައިވީ ނަމަވެސް އެނޫންވެސް ކަންކަމުގައި އެ ކޮމިޝަންގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެފަރާތުން އަމަލުކުރާނެ ގޮތްތަކާ ހަމަތައް އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ.