ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތައް ހައި ކޯޓުގައި ކުރިއަށް ނުގެންދާތީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕްގެ އިސް ބޭފުޅުންތަކެއް ހައި ކޯޓަށް ވަޑައިގެން ކޯޓުގެ ރަޖިސްޓްރާ މަރިޔަމް އަފްޝާ އާ ބައްދަލުކުރަން ކުރެއްވި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ހައި ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަަތާ ގުޅިގެން ރަޖިސްޓްރާއާ ބައްދަލު ކުރުމަށް އެދިވަޑައިގަތް ނަމަވެސް ރަޖިސްޓްރާއާ ބައްދަލެއް ނުކުރެވުނު ކަމަށެވެ. އަދި އެ ކަން ކުރެވޭނީ މައްސަލައާ ގުޅުން ހުރި ވަކީލުންނަށް އެކަނި ކަން ކޯޓުން އަންގާފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ހައި ކޯޓުގެ ރަޖިސްޓްރާ ފޮނުއްވި ސިޓީއެއްގައި ވަނީ ކޯޓަށް ހުށަހަޅާފައި އޮތް މައްސައަކީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ޖިނާއީ ދައުވާ ސާބިތުވުމާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި އިސްތިއުނާފްކޮށްފައި އޮތް މައްސަލައެއް ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތް ފަށައިގެން މިހާރު ކުރިއަށްދާ އިރު، މައްސަލަ އިސްތިއުނާފް ކުރާ ފަރާތުން ކޯޓުގައި ދައްކަން ބޭނުންވާ އެންމެހައި ވާހަކަތަކާއި ހުށަހަޅަން ބޭނުންވާ އެންމެހައި ކަންތައްތައް ހުށަހެޅުމުގެ ފުރުސަތު އެ ފަރާތަށް ލިބިގެންވާ ކަމަށް ސިޓީގައިވެއެވެ.

އަދި މި މައްސަލައިގައި ހަސްމެއް ކަމަށް ނުހިމެނޭ ފަރާތަކާ ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރުމަކީ ކޯޓުން އަމަލު ކުރާނެ އުސޫލެއް ނޫން ކަމަށް ވެސް އަފްޝާގެ ސިޓީގައިވެއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންއަށް ފަސް އަހަރު ދުވަހުގެ ހުކުމެއް އައި ފަހުން މިހާތަނަށް ފަސް މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި މިހާތަނަށް އެއްވެސް ޝަރީއަތެއް ތާވަލު ނުކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ކޮވިޑް-19 ގެ ތެރޭގައި ވެސް ހައި ކޯޓުގައި އެހެން ޝަރީއަތްތަކެއް ބޭއްވި ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތްތައް ތާވަލު ކުރެވޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާއިން

    މަގުތަށް މައްޗަށް ނިކުމެ އަޑު އުފުލައިގެން ނޫނީ އިންސާފެއް މި ގައުމުގެ ރައްއަތުންނަކަށް ނެއް ހުރިހާ މުވައްސަސާތަކެއް ހުރީ އަތްދަޮށަށްލާ ފިއްތާލާފަ

    12
    1