ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބައިވެރިވާން މިއަދު ފަށައިފިއެވެ.

އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ނިންމެވުމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބޭފުޅުންނަށް މަރުހަބާ ދަންނަވައިފައެވެ. މިއަދުގެ ޖަލްސާ އަށް އިދިކޮޅު ޕީޕީއެމުން ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.

އެ މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް އެންމެ ފަހުން ބޭއްވި މަޖިލިހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޝިޔާމަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. އަދި އޭނާ ޖަލްސާތަކާ ގުޅިވަޑައިގެންފައި މިވަނީ އަނިޔާތަކަށް ފަރުވާ ހޯއްދެވިތާ ފަސް ހަފްތާ ފަހުންނެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރުން ޝިޔާމް ވަށާލައި، އޭނާ އަށް ހަމަލާ ދިން މައްސަލައިގައި އިދިކޮޅުން ވަނީ ޖަލްސާތައް ބޮއިކޮޓްކޮށްފައެވެ. އޭރުގައި އިދިކޮޅު ފަރާތްތަކުން ޖަލްސާތައް ބޮއިކޮޓްކޮށްފައި ވަނީ އެ މެމްބަރުންނަށް މަޖިލިހުގައި ރައްކާތެރިކަން ނެތް ކަމަށް ބުނެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނީ ރައްޔިތުންގެ މަޖިލީސް ވަރަށް ހުދުމުތާރުކޮށް، މަޖިލީހުގެ ރައީސް ބޭނުންފުޅުވާހާ ގޮތަކަށް ހިންގަވަމުން ގެންދިއުމާއި ރައްޔިތުން ކަންބޮޑުވާ ގިނަ މައްސަލަތަކެއް މަޖިލީހަށް ހުށައެޅިފައިވުމާއި ރައްޔިތުންގެ ހައްގުގައި އަޑުއުފުލަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން މެންބަރުންނަށް ރައްކާތެރިކަން ނެތް ނަަމަވެސް ޖަލްސާތަކުގައި ބައިވެރިވާން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު