ބިމާ ބެހޭ ގާނޫނަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އިސްލާހެއް ހުށަހަޅައިފިއެވެ.

ޖާބިރު ވިދާޅުވީ އެކިއެކި މުއާމަލާތްތަކާއި ގުޅިގެން މުދަލުގެ މައްޗަށް މުއާމަލާތްތަކަށް އިސްކަން ދިނުމުގެ ގާނޫނީ އަސާސްއާ އެއްގޮތްވާ ގޮތުގެ މަތިން ބިން ރަހުނުކޮށް އެގޮތުގެ މަތިން ކަށަވަރު ކޮށްދޭ މުއާމަލާތްތަކަށް (ސެކިއުއަރޑް ޑެބިޓްސް) ރައްކާތެރިކަން ދިނުމުގެ އުސޫލު ގާއިމްކުރުމަކީ ވެސް ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށެވެ.

މީގެއިތުރުން ބިމުގެ މައްޗަށް ރަހުނު ގާއިމްވެފައި ނުވާ އަދި އެގޮތުން ޑިއު ޑިލިޖަންސް ޒަރީއާއިން ތަން ގަނެވޭނެ މުއާމަލާތްތަކަށް ނުވާ ހާލަތުގައި ބިން ވިއްކާ ފަރާތާއިއެކު ހެޔޮ ނިޔަތުގައި މުއާމަލާތުކޮށް ބިން ގަންނަ ފަރާތަކަށް އެކަށޭނެ ގާނޫނީ ރައްކާތެރިކަން ދިނުމަކީ ވެސް އެ ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށެވެ.

ޖާބިރު ހުށަހަޅާފައިވާ އިސްލާހުގައި ބިން ވިއްކުމަށް އަގުދު ކުރެވޭއިރު ބިމުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ އެބިމުގެ މައްޗަށް ގާއިމް ކުރެވިފައިވާ ރަހުނެއް އޮތް ނަމަ އެ ބިމެއް ވިއްކޭނީ އެ ރަހުނުގެ މައްސަލަ ނިންމުމަށްފަހު ކަމަށް ބަޔާންކޮށްފައިވެއެވެ.

ބިން ވިއްކުމުގެ އަގުދު ކުރެވޭއިރު ބިން ވިއްކާ ފަރާތުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ނެތް ކަމަށްވާ ނަމަ އެ ބިމުގެ މިލްކުވެރިކަން ގަންނަ ފަރާތަށް ބަދަލުކޮށް ދިނުމުގެ އެންމެހާ އިޖުރާއަތްތައް ކަމާބެހޭ ފަރާތްތަކުން ފުރިހަމަ ކޮށްދޭންވާނެ ކަމަށްވެސް ބިލުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާައަހުމަދު

    ވަރަށް ގިނަ މީހުން އެބައުޅޭ ލޭގެ ގުޅުން ނެތް ކުޑަ ކުދިންގެ ބެލެނިވެރިކަން ނަގައިގެން އެބަޔަކު ދޭން ބޭނުންވައްޏާ އެކުދިންނަށްވެސް އެބައެއްގެ މުދަލުންނާއި ބިމުން ލިބޭގޮތް ހަދަން އެބަޖެހޭ.