"ދި އެޑިޝަން"ގެ އެޑިޓަރު ރާއިއާ މުނައްވަރަށް (ރާއީ) ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައިގެ ތަހުގީގު އަވަސްކޮށް އެކަށީގެންވާ ފިޔަވަޅު އެކަމުގައި އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ގޮވާލައިފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ރާއީ އަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އެ ނޫހާއި އޭނާގެ ފަރާތުން ކަމާބެހޭ އިދާރާތަކަށް އެކަން ހިނގި ދުވަސްވަރު، މިދިޔަ އަހަރުގެ ފެބްރުއަރީގައި ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަތައް ހުށަހެޅިތާ 18 މަސް ފާއިތުވެގެން ދިޔަ އިރު، އެއްވެސް ފިޔަވަޅެއް މިއަދާ ހަމައަށް އައިއިރު އަޅާފައި ނުވާ ކަމަށެވެ.

ދައުލަތުގެ އިސް މަގާމެއްގައި ހުރި ބޭފުޅެއްގެ ކިބައިންނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވެމުން ދިޔަ ނަމަވެސް، މުއައްސަސާތަކުން އެ މައްސަލަ ބަލައި އެކަމުގެ ހަގީގަތް ހާމަނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔުމަކީ ނޫސްވެރިންގެ ހައްގުތަކާއި މިނިވަން މީޑިއާއެއް ގާއިމް ކުރުމަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ މީޑިއާ ކައުންސިލުން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަަމަށް ބަޔާނުގައިވެއެވެ.

ޒަމާނުއްސުރެ ރާއްޖޭގެ މުޖުތަމައުގައި އަށަގެންފައިވާ ގޮންޖެހުންތަކާއި ހުރަސްތަކާ ހުރެ މީޑިއާ އާއި ނޫސްވެރިކަމުގެ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު ނިސްބަތުން މަދު ކަމަށާއި، ދާއިރާއަށް ނިކުންނަން އަންހެނުން ފަސް ޖެހުމުގެ ސަގާފަތެއް އެބައޮތް ކަމަށް ބަޔާނުގައިވެއެވެ.

"މިފަދަ ކަންކަމުގެ ސަބަބުން ނޫސްވެރިކަމާއި މީޑިއާގެ ދާއިރާއަށް އަންހެނުން ނުކުތުމަށް މިހާރަށް ވުރެ ބޮޑަށް ފަސްޖެހި، މިފަދަ ކަންކަމުގެ ސަބަބުން ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބުމަށް އިތުރު ހުރަސްތައް ކުރިމަތިވާނެ ކަމެއް ކަން މި ކައުންސިލުން ފާހަގަ ކުރަމެވެ،" މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.

އެހެންވެ، މީޑިއާ ކައުންސިލުން ގޮވާލާފައި ވަނީ މި މައްސަލަ އިންސާފުވެރިކަމާއި ދެ ފުށް ފެންނަ ގޮތެއްގެ މަތިން ވީހާވެސް އަވަހަކަށް ތަހުގީގުކޮށް މައްސަލައިގެ ހަގީގަތް ހާމަކުރުމަށެވެ.

އަދި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވީ ކަމަށް ބުނާ ނޫސްވެރިޔާ ރާއިއާއަށް ކަމާ ގުޅޭ އިދާރާތަކުން ފޯރުކޮށްދޭން ޖެހޭ އެންމެހާ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، މި މައްސަލައިގައި އިންސާފު ގާއިމްކޮށް ދިނުމަށް ބަޔާނުގައި އެދިފައިވެއެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް ޖިންސީ ފުރައްސާރަކޮށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ރާއީއާ ވަނީ ބުނެފައެވެ. އަދި ރައީ ހަސަނަށް ކުރާ ތުހުމަތަކީ "ހަށި ގަންނަން" ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތެވެ.

އެ މައްސަލައިގައި ހަސަން ދާދި ފަހުން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޯގަންވިލާ

    ހަސަން ބަނޑޭ އިސްތިއުފާ ދީ

    15
  2. ރާނީ

    ތިޔައީ ރޯޔަލް ގޯނާ! ތިކަމުގެ އޮތީ އަދަބެއްނޫން! ޕްރޮމޯޝަނެއް އޮތީ!

    19
  3. ޝާހް

    މިނިސްޓްރީ ގައި އުޅޭ އަގުވެއްޓިފައި ތިބިވެރިން ވަކިކުރަން މިނިސްޓަރ އަށް ގޮވާލަން އެހެންނޫނީ މީހުން ވަރައްނަފުރަތު ކުރާނެ ސަރުކާރު އަށް

    13
  4. ބެލެނިވެރިން

    ހަސަން އިސްމާއިލް (ހަސަންބަނޑޭ) އަކީ ބާސްކެޓް ބޯލް އެސޯސިއޭސްނގެ ވެސް ނައިބް ރައީސް ތިފަދަ ބޮޑު އަހުލާގު ދައްފެންވަރުގެ މީހުން ، އަވަހައް އިސްތިއުފާ ދިނުމައް ގޮވާލަން

  5. ބެލެނިވެރިން

    މުޅި ދިވެހި ބާސްކެޓް ކުޅިވަރު ގެ ވެސް އަގުވެއްޓިއްޖެ ، އިސްތިއުފާ ޕުލީޒް

  6. މުބީނު މާރނީ

    ހަސަން އެވާހަކަ ތައް ދެއްކިއިރު އަޑުއަހަން އިނުމުން ކޯޓެއްގައި ބެލެވޭނީ ރުހިގެން އިނީ ކަމަށެވެ. ކޯޓެއްގައި މިފަދަ ދަނޑިވަޅުގައި ބެލެވޭނީ "އިމްޕްލައިޑް" ކޮންސެންޓް ދިނީ ކަމަށެވެ. ރާއީ އެއް ކަމަކު މިކަހަލަ މައްސަލަ ތަކަކީ "ޝައްކަކާއި ފަހުމަކާއި" ނުލާ ސާބިތު ވެއްޖެ ހާލަތުގައި މެނުވީ ހުކުމް ކުރެވޭނޭ ކަމެއްނޫން ކަން ލިޔެވިފައި އޮވެއެވެ. ރާއީ އަތުގައި ފޯނު އޮވެއެވެ. ވޮއިސް ރެކޯރޑު ނުކުރީ ކީއްވެ ހެއްޔެވެ ؟ އެކަހަލަ ވާހަކަ އެއް ހަސަން ދެއްކި ނަމަ، ފޯނު ކޮށްފައި ވެސް އެވާހަކަ ރިޕީޓް ކުރުވައި، ވޮއިސް ރެކޯރޑް ކުރެވުނީހެވެ. ނޫންނަމަ އެހެން ތަނަކަށް ހަސަން ގެންގޮސްގެންވެސް ރެކޯރޑް ކުރެވޭނެއެވެ. ރާއި އަށް ނުލިބޭ މަޤާމެއްގައި ހަސަން ހުރީމާ ޖެލަސް ވެގެން ރާއީ އުޅޭ ފާޑު ވަރަށް ބޮޑަށް ޖަހައެވެ.

    4
    6
  7. ޖާބެ

    މިއީ ފްރީޑަމް އިން ޑިމޮކްރަސީ

  8. މޯލްޑިވިޔަން

    އިސްލާމީ ސަރިޔާ އޮންނަމަ މިހާރު ބޮލެއް ނުހުންނާނެ. ކީއްވެ ތަންފީޒު ނުކުރަނީ.ކ ކުރޭ.މިހާރު ކުރޭ

  9. ޙަސަން

    ޥެބްކެމް ގުރޫޕް އުޅޭ ގޮތް