ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލުމުން ދައުވާ އިން ދިފާއުވުމަށް ފަސް ވަޒީރެއްގެ ނަން ހުށަހަޅައިފިއެވެ.

އޭނާ އަކީ ޓޫރިޒަމް މިނިސްޓްރީގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މި މައްސަލަ އާއި ގުޅިގެން މިހާރު ހުންނެވީ ސަސްޕެންޝަނުގައެވެ. ޑރ. ސޯލިހުގެ މައްޗަށް ދައުވާކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނެއް ކަމަށްވާ އެސެޓް ރިކަރަވީ ކޮމިޝަނުން ވަކި ރަށްތަކަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައިވަނިކޮށް އެ މައުލޫމާތު އެނގިހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ބުނެ ދެ ފަރާތަކަށް ސިޓީ ފޮނުވުމާއި އިތުރު ފަޅެއްގެ ސަބް ލީސް ބަދަލު ކުރަން ހުއްދަ ދެއްވުމުންނެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ޑރ. ސޯލިހުގެ ވަކީލު އަބްދުﷲ ޝާއިރު ވަނީ އެ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސޯލިހަށް ދައުވާ ކުރަނީ ހެޑްލީސް ބަދަލު ކުރަން ހުއްދަ ދީގެންތޯ ނުވަތަ އެހެން ކަމެއް ކޮށްގެންތޯ ސުވާލު އުފެދޭ ކަމަށް ޝާއިރު ވިދާޅުވިއެވެ.

ދައުލަތުން ބުނީ އެ ދައުވާ ކުރަނީ ހެޑްލީސް ބަދަލު ކުރަން ހުއްދަ ދީގެން ނޫން ކަމަށެވެ. ދައުލަތުން ބުނީ ސޯލިހަށް ދައުވާ ކުރަނީ އެފަދަ ކަމެއްގެ ތަހުގީގު ހިނގަމުންދާކަން އެނގިވަޑައިގެން ހުންނަވާ ވެސް ދެ ފަރާތަކަށް ސިޓީ ފޮނުވުމާއި އިތުރު ފަޅެއްގެ ސަބް ލީސް ބަދަލު ކުރަން ހުއްދަ ދެއްވުން ކަމަށެވެ. ދައުލަތުން ބުނިގޮތުގައި، ފަޅެއްގެ ސަބްލީސް ބަދަލު ކުރަން ހުއްދަ ދިނުމުގައި ސޯލިހުގެ ނުބައި ނިޔަތެއް އެބަ އޮތް ކަމަށެވެ.

މި މައްސަލާގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅީ ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ދެ އޮފިސަރުންނާއި ޓޫރިޒަމް މިނިސްޓްރީގެ ގިނަ ލިޔެކިއުންތަކެކެވެ.

ސޯލިހުގެ ފަރާތުން ހެކިންގެ ހުށަހެޅުއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޕްލޭނިން މިިނިސްޓަރު މުހައްމަދު އަސްލަމާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދާއި މިނިސްޓްރީގެ ހަތަރު މުވައްޒަފަކުވެސް ހިމެނެއެވެ. މީގެއިތުރުން ލިޔެކިއުންތަކެއް ވެސް ވަނީ ހުށަހަޅާފައެވެ.

ދައުލަތުން ވަނީ ޑރ. ސޯލިހު އެހާ ގިނަ ވަޒީރުންގެ ނަން ހުށަހެޅުއްވީ ކޮން ކަމެއް ސާބިތު ކުރުމަށްތޯ ސުވާލު އުފައްދާފައެވެ. ޖަވާބުގައި ސޯލިހުގެ ވަކީލު ޝާއިރު ވިދާޅުވީ އެ ހުރިހާ ބޭފުޅުންގެ ނަން ހުށަހެޅުއްވީ ވެސް ސޯލިހް އެފަދަ އަމަލެއް ނުކުރައްވާ ކަން ސާބިތުކުރަން ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އިބްރާހިިމް އަލީ ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް ހެކިން ހުށަހެޅި ނަމަވެސް އެކަމަށް ގޮތެއް ނިންމަވާނީ ފަހުން ކަމަށް ގާޒީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުބީނު މާރނީ

    5 މިނިސްތަރުން ގެ ތެރޭގައި ރައްޔިތުން "ބަލައިގަންނަ" މީހަކު ނެތް. (1) ނަޙްލާ ވަނީ އެތައް މުވައްޒިފުންނެއް އެއްވެސް އަސަރަކާއި ނުލާ ވަކި ކޮށްފައި. (2) ޢަލީ ވަހީދު ދެން އެންމެން ވެސް ދަނޭ. (3) ޢަމީރު އަށް ވަޢުދު ތަކެއް ނުފުއްދޭ. (4) ފައްޔާޒަށް ބަންގާޅީން ގެ މައްސަލަ ހައްލެއް ނުވޭ. (5) ޢަލީ ޝިޔާމް - އައި.ޖީ.އެމް.އެޗް ބޮއްސުން ލާފަ. ޑޮކްޓަރަށް ދައްކަން ނަންބަރެއް ލިބެނީ 3 މަސް ފަހުން. (6) މަލީހޫ ކޮބާ އިންޓަރނެޓް ؟ ލަސްވީ ކީއްވެ؟

    17
  2. މުބީނު

    ކޯޓެއް ގައި ވިއްޔާ ހެކިންގެ "ބެކްގްރައުންޑް" އޭ ކިޔާ އެއްޗެއް ބަލަންޖެހެއެވެ. އެ ބަލަންޖެހެނީ ހެކިންގެ ބެކްގްރައުންޑުން ދޮގުހެކި ދީފާނެކަން އެނގިފާޅު ވާނެތީއެވެ. އެތައް ބައެއްގެ ވަޒީފާ ފެންތައްޓަކާއި ނުލާ ދިރުވާލަން ކެރުނު މީހަކަށް ދޮގު ހެކިދޭން ވެސް ކެރޭނެ ކަމަށް ޤާޒީ ބައްލަވާނެއެވެ. 12 އަންހެނުންނަށް ޖިންސީ ގޯނާ ދިންކަމަށް ތުހުމަތު ކުރެވޭ މީހަކު ދޮގު ހެކިދީފާނެ ކަމަށް ޤާޒީ ބައްލަވާނެއެވެ. ހެކިބަސް ކޯޓެއްގައި ބަލައިގަންނާނީ، "މުޖްތަމަޢު" ބަލައިގަންނަ މީހުންގެ ކިބައިންނެވެ.

  3. ޝައްފަ

    މި ސޯލިހު ގެ މޫނުމަތީގައި ކުޑަކޮށް ވެސް ރަނގަޅު ފާޑެއް، ކީއްކުރަންތާ ނިޝާނެއް ވެސް ނެތް. މިއީ ޤާޒީން ބަލަން ޖެހޭނެ ތަންކޮޅެއް.

    5
    3
    • ފޮޓޯއަޅު

      މީހާގެ ނަފްސް އަދި މީހާގެ
      ކުށެއްނެތްކަން ސާފުވަނީ ތަނަކުންނަގާ ފޮޓޯއަކުންނޫނެވެ. ޑރ. ސާލިހުއަކީ ރާއްޖޭގެ ޓޫރިޒަމަށް އެކިސަރުކާރުތަކުން އިތުބާރުކުރި ެެެެެެެެެެެެެެެެެެ
      ަެއެއްމެ ތަޖުރިބާހުރި، ދުނިޔެ ގަބޫލުކުރާ، މާހިރެކެވެ. އެކީގައި މަސައްކަތްކުރި ގިނަމީހުން އަމިއްލަ ވިތަފާރިކުރަންދިޔައިރުވެސް ސޯލިހު ހުންނެވީރާ އްޖޭގެ ަފަތުރުވެރިކަމަށް ޚިދްމަތްކުރެއްވުމުގައެވެ. ފޮޓޯއަކަށްވުރެ މިބުނެވުނު ކަންތަކުން ސޯލިހުގެގޮތް އެގޭނެއެވެ. އެހެރީ އެޑިސިޝަން އަސްލުނަގަން ކޮމިޝަނުން ބައިވެރިވިމީހުން ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ. ސިޓީގައިސޮއިކުރުމަކީ އިދާރީކަމެކެވެ. ެެެެެެެެެެެެެ

  4. ފެނޭދޯ

    އެއޮތީ މިނިސްޓަރުން ގެ ނަން ހެކިންނަށް ހުށައަޅާފައި ތަމެން ހަދާނެ އެއްޗެއް ހަދަންވީއޭ މަމެން ތިބޭނީ މިފަހަރު 25 އަހަރު ޓޫރިޒަމް މިނިސްޓްރީ އަށް އިޚްލާސްތެރި ޚިދްމަތް ކުރެއްވި ސޯލިހް އާއި އެކުއޭ އިނގޭތޭ...

  5. ކޯޓްވަގުތު

    ބަލަގަ އެއްމެގޯސް ވެގެންވެސް ތިކަން، އެޑްމިނިސްޓްރެޓިވް ކުށަކަށްވުރެ ބޮޑެއްނުވާނެ. ދެން ކޯޓުގެ ވަގުތުބޭރުކުރަމުން ރާއްޖޭގެ އެކިއެކި ސަރުކާރުތަކުގައި ޓޫރިޒަމަށް އެއްމެއަގުރި ޚިދްމަތްކޮށްދެއްވި ތަޖްރިބާކާރު، އަދި ޓޫރިޒަމް ދާއިރާގައި ދުނިޔޭގެ ފެންވަރުހުރި ހަމައެކަނި ދިވެހިދަރިއަށް އަނިޔާދިނުމަކީބޭނުމަކީ ކޮބާބާ. ކޯޓަށްނުގޮސް އާސިޓީއަކުން ހަމަޖައްސާލެވޭނެކަމެއްގައިކޯޓަށް ދިޔުމަކީ ބޮޑުއިސްރާފެއް. ބަލަންޖެހޭ "އަސްލުމައްސަލަ" ނުބެލި ހުކުމްކުރެވުފައިވާ މީހުންދޫވެގެން ދާއިރު ކަމިޝަނުން ކުރެވޭ މަސަކައްތުން ދިވެހީންނަށް ލިބުނު ފައިދާއެއްނެތް.

  6. ކިނބޫ

    "ދައުލަތުން ވަނީ ޑރ. ސޯލިހު އެހާ ގިނަ ވަޒީރުންގެ ނަން ހުށަހެޅުއްވީ ކޮން ކަމެއް ސާބިތު ކުރުމަށްތޯ ސުވާލު އުފައްދާފައެވެ."
    ހިންޏެއް ނާންނާނެތަ! ދައުވާ ކުރަނީ ދިވެހި ދައުލަތުންތޯ ބީޖޭޕީންތޯ ބަލަން ހެކިން ހުށަހެޅީ. އެހެންޏާ ފަހެ މިވަރު ބީތާވީމަ ދެން ބޮޑުވަރު.