ކުރިޔަށް އޮތް އަޟްޙާ ޢީދުގެ ބަންދާއި ދިމާކޮށް މާލެއިން ރަށްރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރު ނުކުރުމަށް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް) ގެ ޑޮކްޓަރ، ޑރ. އަހުމަދު ޝަހީދު އިލްތިމާސް ކުރައްވައިފިއެވެ.

މިރޭ ހެލްތު އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ޢީދު ބަންދާއި ދިމާކޮށް ރަށްރަށަށް ދަތުރުކުރުމަށް ގިނަ ބަޔަކު މިހާރުވެސް އެދެމުންދާ ކަމަށެވެ. ނަމަވެސް ރަށްރަށުގައި ކަރަންޓީނުވާ ގޮތަށްވެސް ގިނަ ބަޔަކު ދަތުރުކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. އަހުމަދު ވިދާޅުވީ، ރަށްރަށުގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދީގެން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ޒަރޫރީ ބޭނުމެއް ނެތި މާލެއިން ދަތުރު ނުކުރުމަށް އެދޭ ކަމަށެވެ. އަދި ރަށްރަށަށް ދަތުރު ކުރާއިރު ކަރަންޓީނު ވާން ޖެހޭއިރު، 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށްފައި ނޫނީ މާލެއަށް އަނބުރާ ދަތުރު ނުކުރެވޭނެކަން ވެސް ޑރ. ޝަހީދު ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވާ ކަމަކީ ޒަރޫރީ ބޭނުމެއް ނެތިއްޔާ މާލެއިން ރަށްރަށަށް ދަތުރުނުކުރުން. އެއީ ވަރަށް ވަރަށް އަހައްމިއްޔަތުކަމެއްދީގެން އަޅުގަނޑުމެން ރަށްރަށުގަ ފެތުރުނަނުދީ ހިފަހެއްޓޭތޯ އަޅުގަނޑުމެން އެބަ މަސައްކަތްކުރަން،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ޑރ. ޝަހީދު ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ކުރިއާ އަޅާބަލާއިރު މާލެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ. އަދި ޖުމުލަކޮށް ބަލާއިރު، ކޮވިޑް-19 ފެތުރޭ ނިސްބަތްވެސް އިތުރުވަމުންދާކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ.

ވީމާ މި އަދަދުތައް ދަށް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަކީ މުހިއްމު ކަމެއްކަމަށް ވިދާޅުވެ، ޑރ. ޝަހީދު ވަނީ ބަލީގެ އަލާމާތެއް ފެންނަ ނަމަ ފްލޫ ކްލިނިކަށް ގޮސް ޓެސްޓް ކުރުމާއިއެކު، ކަރަންޓީންގައި ތިބޭ މީހުންވެސް އުސޫލުތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެޗެޕީއޭ

    މީ ހަމަ ފެއިލް ވެފައިވާ ތަނެއް. މާލެއިން އަދިވެެސް އެހެނިހެން ރަށްތަކަށް ދެވޭ. ދެން ކޮންވާހަކައެއް.

  2. އެދުރުކަލޭގެ

    ނިކަމެތި ޢާއްމު މީހާއަށް ދަތުރު ނުކުރެވެނީ. ލޯންޗުތައް ހަޔަރކުރެވޭވަރު، ނުފޫޒުގަދަ މީހުން ހަމަ ދަތުރުކުރަނީ، ހުއްދަވެސް ލިބޭ. މިއޮތީ ކަމެއް.

  3. ސަޅިބައިސާ

    ކަލޭމެން ބޭނުންވާ މީހުން ބޭނުންވާ ތަންތަނަށްދެވޭ، އެހެންމީހަކު ދާންއުޅެންޏާ ސަންދޯކު ކޮޅުފިލައޭ ކިޔާ ތިބިގެން،.. ކަލޭމެނަކަށް މިކަމެއް ކޮންޓްރޯލެއް ނުވިއެއްނު،