ފޮތެއް ލިޔެ، ޕަބްލިޝްކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ވަކިން ޚާއްޞަ ގޮތެއްގައި ޢިލްމީ މަޢުލޫމާތުގެ މައްޗަށް އެކުލެވިގެންވާ ނޮންފިކްޝަން ފޮތެއް ލިޔާނަމަ، އެ ގެނެސްދެވޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރަންޖެހެއެވެ. "ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" މި ނަމުގައި އިބްރާހީމް މުޙައްމަދު ލިޔުއްވާފައިވާ ފޮތަކީ މީޑިއާއާއި ސިޔާސީ ދާއިރާގައި ހިމެނޭ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ފޮތެކެވެ. މިހާރު ބުކްޝޮޕްތަކުގައި ވިކެމުންދާ މި ފޮތަކީ މީޑިއާގައި ޙަރަކާތްތެރިވާ މީހުންނަށާއި، ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ މީހުންނަށާއި، ސަރުކާރުގައި މީޑިއާގެ މަސައްކަތްކުރާ ފަރާތްތަކަށާއި ކިޔަވާ ކުދިންނަށް އަމާޒުކުރެވިގެން ނެރެވުނު ފޮތެކެވެ. މި ލިޔުމުގައި މި ބަލައިލަނީ މި ފޮތުން ފާހަގަކުރެވޭ 7 ކަމެއްގެ މައްޗަށެވެ.
1. މި ދާއިރާއިން ނެރުނު ފުރަތަމަ ފޮތް
މީޑިއާ އަދި ނޫސްވެރިކަމުގެ ދާއިރާއާ ގުޅޭ ގޮތުން ދިވެހި ބަހުން ލިޔެފައިވާ ފޮތެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. މި ސަބަބަށްޓަކައި، ކިޔަވާ ކުދިންނާއި ދިރާސާކުރާ ފަރާތްތައް މި ދާއިރާއިން މަޢުލޫމާތު އެއްކުރަން އުޅުމަކީ ބޮޑު ގޮންޖެހުމެކެވެ. ނޫސްވެރިކަމުގެ ދާއިރާއާ ގުޅޭ ލުއި ފޮތްތަކާއި ރިޕޯޓުތައް އެކި ފަރާތްތަކުން މަދުމަދުން ނެރުނު ކަމުގައިވިޔަސް، ދިވެހިރާއްޖޭގެ މީޑިއާއާ ގުޅޭ ގޮތުން މީގެ ކުރިން ފޮތެއް ލިޔެވިފައެއް ނުވެއެވެ. އެހެންކަމުން، ޖުލައި މަހުގެ 5ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނެރެދެއްވި "ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" މި ފޮތަކީ ދިވެހިރާއްޖޭގެ މީޑިއާގެ ދާއިރާއަށް ބަލައިލާ، ދިވެހި ބަހުން ނެރެވުނު ފުރަތަމަ ފޮތެވެ.
2. ފޮތުގެ ހުށަހެޅުން ވަރަށް ތަފާތު
ލިޔުންތެރިކަމަށް ބަލައިލާއިރު، މި ފޮތަކީ ލިޔުމުގެ ގަވާއިދާއި ބަހުގެ ހަމަތައް އަދި ހުށަހެޅުން މޮޅު ފޮތެކެވެ. އިބާރާތްކުރުން ފަށުވިވެފަ، މައުޟޫޢުތައް ގެނެސްދީފައިވަނީ ސާދާގޮތަކަށެވެ. ފޮތުގައި މީޑިއާގެ ދާއިރާއާއި ސިޔާސީ ދާއިރާއާ އޮތް ގުޅުން ތަފުސީލުކޮށްފައިވާއިރު، އެ މަޢުލޫމާތުތައް ގެނެސްދީފައިވަނީ ފަހުގެ ތާރީޚުތަކުގައި ދިވެހިރާއްޖެއާއި ބައިނަލްއަޤުވާމީ ދުނިޔޭގައި ހިނގައިދިޔަ މުހިންމު ހާދިސާތަކަށް ބަލައިލާފައެވެ. ފޮތުގައި ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލުތައް ހުށަހަޅައިދޭއިރު، އެ ކަމަށް ބާރުދިނުމުގެ ގޮތުން ގުޅުންހުރި ހާދިސާތާކާއި މިސާލުތައް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ. އެހެންކަމުން، ޢިލްމީ ފޮތެއްކަމުގައި ވިޔަސް، މިއީ މުނިފޫހިފިލުވާލުމުގެ ގޮތުން ކިޔާލަން ރަނގަޅު ފޮތެކެވެ.
3. މަޢުލޫމާތު މުއްސަނދި ފޮތެއް
"ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" މި ފޮތަކީ ޢިލްމީ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާ ފޮތެކެވެ. އެ ގޮތުން، މި ފޮތުގައި މީޑިއާ، ސިޔާސީ އަދި ތަރީޚީ މަޢުލޫމާތު ގެނެސްދީފައިވެއެވެ.
ނޫސްވެރިކަމާއި މީޑިއާގެ ދާއިރާއާ ގުޅުންހުރި ތަފުސީލީ ގިނަ މަޢުލޫމާތު ތަކެއް ފޮތުގައި ހިމެނިފައިވާއިރު، އޭގެ ތެރޭގައި މީސްމީޑިއާ، ޕްރިންޓް މީޑިއާ، އޮންލައިން މީޑިއާ، ބްރޯޑްކާސްޓް މީޑިއާ، ސިޓިޒަން ޖާރނަލިޒަމް، ޑިޖިޓަލް އިންފްލުއެންޒަރސް، މަޢުލޫމާތު ހާމަކުރެވޭ ދަރަޖަތައް އަދި މަޢުލޫމާތު އާންމުކުރަން ބޭނުންކުރާ ގޮތްތައް ބަޔާންކޮށްފައިވެއެވެ. މި ދާއިރާގެ އިތުރުން، ސިޔާސީ ދާއިރާއާ ގުޅުން ހުރި މަޢުލޫމާތު ވެސް ކޮންމެވެސް މިންވަރަކަށް މި ފޮތުގައި ގެނެސްދީފައިވެއެވެ. އޭގެ ތެރޭގައި ކަނާތުފިޔައާއި ވާތުފިޔައިގެ ފިކުރު، އަބުރު ކަތިލުން އަދި ސިޔާސީ ޗަރުކޭސް ފަދަ ތިއަރީތަކާއި މައުޟޫޢުތައް ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މީޑިއާއާއި މަޢުލޫމާތު އާންމުކުރުމުގެ ތާރީޚަށާއި، ސިޔާސީ ގޮތުން މުހިންމު އެކިއެކި ހާދިސާތައް ހިނގައިފައިވާ ތާރީޚުތަކަށް މި ފޮތުގައި ބަލައިލާފައިވެއެވެ. ތާރީޚީ ނަޒަރަކުން ދިވެހިރާއްޖޭގެ މީޑިއާ ގުޅޭ ދިރާސާއެއް ލިޔާނަމަ، މި ފޮތަކީ އެއްތަނަކުން ގިނަ މަޢުލޫމާތު ހޯދުމަށްޓަކައި ބޭނުންކުރެވިދާނެ މުހިންމު ވަސީލަތެކެވެ.
4. ޔޫސަރ ފްރެންޑްލީ ލޭއައުޓެއް
ހޯދަން ބޭނުންވާ މަޢުލޫމާތު ފަސޭހަކަމާއެކު ދެނެގަތުމަށްޓަކައި، މި ފޮތުގެ ފިހުރިސްތުގައި ހުރިހާ ޗެޕްޓަރތަކާއި އަރިމަތީ ސުރިޚީތަކުގެ ޞަފުޙާ ނަންބަރުތައް ހިމެނިފައިވެއެވެ. މީގެ އިތުރުން އާންމުކޮށް ދިވެހި ބަހުން ނެރޭ އެހެން ފޮތްތަކާ ޚިލާފަށް، ފޮތުގައި ބަޔާންކޮށްފައިވާ ހުރިހާ ފަރާތެއްގެ ނަމާއި ޞަފުޙާ ނަންބަރުތައް ހިމެނޭ އިންޑެކްސް، ފޮތުގެ އެންމެ ފަހުގެ ޞަފުޙާގައި ހިމެނިފައިވެއެވެ. އެ ގޮތުން، ދިވެހިރާއްޖެއާއި ބައިނަލްއަޤުވާމީ ދުނިޔޭގައި ފާހަގަކުރެވޭ 36 ފަރާތަކާ ގުޅުންހުރި މިސާލުތައް ހިމެނެއެވެ. ކިޔުންތެރިންގެ ފަސޭހައަކަށް، ފޮތުގެ ވާތުފަޅީގެ މަތީގައި، އެ ކިޔަމުންދާ ޗެޕްޓަރގެ ނަން ހިމެނިފައިވެއެވެ. މީގެ އިތުރުން ކިޔުންތެރިންނަށް މާނަ އޮޅުން އަރާފާނެ ފަދަ ބަސްބަހުގެ މާނަ ވަކި ޞަފުޙާއެއްގައި ގެނެސްދީފައިވެއެވެ.
ފޮތުގެ ލޭއައުޓަށް ބަލައިލާއިރު، ކޮންމެ ޗެޕްޓަރެއް ވެސް ފަށައިފައިވަނީ މައި ސުރިޚީއެއްގެ ދަށުން ޚާއްޞަ ނަންބަރެއް ދެވިގެން، ދިވެހި ބަހުން ކިޔެފައިވާ ފޮތެއްކަމުން ކިޔުންތެރިންނަށް ބަލައިލަން ފަސޭހަވާނެ ގޮތަށް ފޮތުގެ ވާތުފަޅީގެ ޞަފްޙާއަކުންނެވެ. އަދި މައި ސުރުޚީތަކާއި އަރިމަތީ ސުރުޚީތައް ދެނެގަނެވޭނެ ގޮތަށް ވަނީ ފޮންޓު ސައިޒުން ފަރަގުކުރެވިފައެވެ. މީގެ އިތުރުން، ޙަވާލާދެވޭ މިސާލުތަކާ ގުޅުންހުރި ބައެއް މީހުން ކުރެހުންތަކެއްގެ ސިފައިގައި ގެނެސްދީފައިވާއިރު، ފޮތުގައި ބަޔާންކުރެވިފައިވާ ޢިލްމީ ތިއަރީތައް ހުށަހަޅައިދީފައިވަނީ ކިޔުންތެރިން ޝަޢުޤުވެރިވާނެ ފަދަ ގޮތަކަށް ތަސްވީރުތަކެއްގެ އެހީގައެވެ.
5. ހިތްގައިމު އިލަސްޓްރޭޝަން މަސައްކަތްތަކެއް
ފޮޓޯ ހިމެނުމުގެ ބަދަލުގައި މި ފޮތުގެ އެންމެ ޚާއްޞަ އެއް ސިފައަކީ އާޓް ނުވަތަ އިލަސްޓްރޭޝަންގެ ފުރިހަމަ މަސައްކަތްތަކެވެ. މިއީ ވެސް އާންމުކޮށް ދިވެހި ބަހުން ނެރޭ ފޮތްތަކުގައި ފެންނަ ސިފައެއްނޫނެވެ. އެ ގޮތުން 10 ކުރެހުމެއް މި ފޮތުގައި އިލަސްޓްރޭޝަންގެ ގޮތުގައި ހުށަހަޅައިދީފައިވެއެވެ. މި އިލަސްޓްރޭޝަންތައް ކުރަހާފައިވަނީ މަޝްހޫރު އިލަސްޓްރޭޓަރ ޢާއިޝަތު ޒާރާ ފަރާޟެވެ. ފޮތުގެ ބޭރުގަނޑުގައި ކުރަހާފައިވަނީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުންގެ ކައިވެނީގެ ޕޯޓްރެއިޓަކާއި، ރައީސް ނަޝީދާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ތަސްވީރެކެވެ. ފޮތުގެ އެތެރޭގައި ހިމެނޭ ކުރެހުންތަކުގެ ތެރޭގައި ދިވެހިރާއްޖެ މިނިވަންވުމުގެ އެއްބަސްވުމުގައި ރައީސް އިބްރާހީމް ނާޞިރު ސޮއިކުރައްވާ ކުރެހުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުންވެސް، ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ބައެއް ފަރާތްތަކުގެ ކުރެހުންތައް މި ފޮތުގައި ހިމަނާފައިވެއެވެ.
6. މުޞައްނިފުގެ ތަޖުރިބާ
މި ފޮތުގައި ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ސަރުކާރުގެ މީޑިއާގެ މަސައްކަތުގެ ޙާލަތާ ގުޅޭގޮތުން ކިޔުންތެރިންނަށް ވަރަށް ފުރިހަމަ މަންޒަރެއް ދައްކައިދީފައިވާއިރު، ފޮތުގެ މުޞައްނިފަކީ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށް، ގިނަ އަހަރުތަކެއް ވަންދެން ދައުލަތުގެ މީޑިއާއާ ގުޅުންހުރި އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މުޞައްނިފު މި ދާއިރާގައި 13 އަހަރު މަސައްކަތްކުރައްވާފައިވާއިރު، މި ފޮތުގައި މަޢުލޫމާތު ހުށަހަޅައިދީފައިވަނީ އެ މުއްދަތުގެ ތެރޭގައި ހޯއްދެވި ތަޖުރިބާގެ އަލީގައެވެ. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ފޮތުގެ މުޞައްނިފު ވަނީ ރާއްޖޭގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ނޫސްވެރިއެއްގެ ގޮތުން ހަރަކާތްތެރިވެފައެވެ. އެ ގޮތުން، 2008ވަނަ އަހަރު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލެވުނު ޕާކިސްތާނުގެ ޢާންމު އިންތިޚާބުގައި ބައިނަލްއަޤުވާމީ އޮބްޒަރވަރެއްގެ ގޮތުގައި ޕާކިސްތާނުގައި ޙަރަކާތްތެރިވެފައިވެއެވެ.
7. ކިޔަވާ ކުދިންނަށް ބޭނުންތެރި
ނޫސްވެރިންނާއި ސިޔާސީ މީހުން ކިޔާލުން މުހިންމު މި ފޮތަކީ ކިޔަވާ ކުދިންނަށް ވެސް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ފޮތެކެވެ. ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުން މި ފޮތް ދަރަޖަކޮށްފައިވަނީ 15 އަހަރުން މަތީގެ އުމުރުފުރާއަށެވެ. އެހެންކަމުން، ހަޔަރ ސެކަންޑަރީގެ ކުދިންނަށާއި، ޔުނިވަސީޓީ ކޮލެޖްތަކުގައި ތަޢުލީމް ހާސިލުކުރަމުންދާ ކުދިންނަށް މި ފޮތުގެ ބޭނުން ހިފިދާނެއެވެ. މަޢުލޫމާތުގެ ހަޒާނާ މުއްސަނދިކުރުމުގެ އިތުރުން އެސައިމަންޓްތައް ފުރިހަމަކުރުމަށާއި ރެފަރެންސް ދިނުމަށް މިއީ ރަނގަޅު ފޮތެކެވެ. މީގެ އިތުރުން މީޑިއާއާއި ޕޮލިޓިކަލް ސައެންސް ފަދަ ދާއިރާތަކުން ތަޢުލީމު ހާސިލުކުރަން ބޭނުންވާ ކުދިންނަށާއި، ސްކުލްތަކުގެ އާޓްސް ސްޓްރީމް ކިޔަވާކުދިންނަށާއި، މީޑިއާ ކްލަބްތަކަށާއި ލައިބްރަރީތަކަށް މިއީ ވަރަށް ބޭނުންތެރި ފޮތެކެވެ.
ކިޔަވާ ކުދިންނަށް އަމާޒުކޮށްގެން މިފަދަ ދާއިރާތަކުން ދިވެހި ލިޓްރެޗާ ނެރުމަކީ ބޭނުންތެރި ކަމެއް. މިހާރުވެސް ނެރޭވަރު މަދު.
އެއީ ޔުނިވަސިޓީތަކުން ބާރުއަޅަންޖެހޭ ކަންކަން. ދިވެހިރާއްޖޭގެ ޔުނިވަސިޓީތަކުގައި ދިރާސާކުރުމާ، ޕަބްލިޝްކުރުމަށް އެހާ ބާރު ނާޅާ. މުޅިންވެސް ފެންނަނީ ކޯސްތައް ހިންގާ ސެޓްފިކެޓް ދޭތަން. ލިޓްރެޗާ ލިޔުމާ ކިޔުމުގެ ސަގާފަތެއް އުފައްދަންޖެހޭ.
މިލޔުމަކީ ފޮތް ނެރުނު ފަރާތުން ލިޔެފަ ފޮނުވާފަ އޮތް ލިޔުމެއްކަން 100% ޔަގީން.
މީ ވަރަށް ސަޅި ފޮތެއް. ވަރަށް ފުރިހަމަ
ކާކު ކާކާ ކީކޭ ކީ؟
އޮންލައިންކޮށް ކިޔާލަން ލިބޭނީ ކިހިނެއް؟
މަޖައްލާ.އެމްވީ އިން ކިޔާލެވޭނެ
މި އާޓިކަލް ލިއުނީ ވެސް ފޮތް ލިއުނު ލިއުންތެރިޔާތަ؟
ލިޔުންތެރިކަމުގެ ފަންނު ކުރިއެރުވޭނީ ސަރުކާރުން އެކަން ކުރި އަރުވަން ބާރުއަޅައިގެން. ބާރު އަޅާނީ ޖަމިއްޔާ ހަދާ ފައިސާ ދީގެނެއްނޫން. އެކުރާ މަސައްކަތަށް ހަމަ އުޖޫރަ ލިބޭނެ ގޮތްތަކެއް ހޯދާ، ދިރާސާ ކުރުމުގެ ސަގާފަތެއް ދިރުވައިގެން. އެކަމަކު މިއީ ސަމާލުކަމެއްދޭ ކަމެއް ނޫން. ގައުމީ ޔުނިވަރސިޓީއެއް ހުރިއިރު ކޮބާ އުފެއްދުންތެރިކަމެއް؟ އެއްވެސް މަސައްކަތެއް ނުފެނޭ.
ގައުމީ ޔުނިވަސީޓީންވެސް ރަނގަޅު މަސައްކަތްތަކެއް ކުރޭ. އިސްލާމިކް ޔުނިވަސިޓީންވެސް ފޮތް ނެރެ ޗާޕުކުރޭ. މައްސަލައަކީ ކިޔުންތެރިކަމުގެ ފަންނު މުޖުތަމައުގަ އަށަގެނެވިފަ ނެތީ. އަމިއްލަ ފަރާތްތަކުން ކުރާ މިކަހަލަ މަސައްކަތްތަކަށް ސާބަސްދެން.
ދިވެހި ބަހުގެ އެކަޑަމީއާއި ލިޔުންތެރިކަމުގެ ގުޅުމުން ކުރާ މަސައްކަތަށް ސާބަސް. ދެން ބަލަންވީ ލިޔުންތެރިކަމުގެ ފަންނުގެ މީހުންގެ ލިޔުންތައް ޕަބްލިޝްކުރެވޭނެ ހަރުދަނާ ގޮތްތަކެއް ބެލުން. އެކަމުގަވެސް ސަރުކާރުން ބާރުއަޅާ އެހީތެރިވެވިދާނެ. މާލީ ގޮތުންވެސް. އޭރުން ފޮތް ލިޔާމީހުން އިތުރުވާނެ. އަދި މިފަންނުވެސް އިތުރަށް ފުޅާކުރެވޭނެ. މިކަންކަމުގެ އިތުރުން ޗާޕުކުރެވޭ ފޮތްތައް ޑިސްޕްލޭކުރެވޭނެ ނިޒާމެއް ހުރުމަކީ ވަރަށް ރަނގަޅު ކަމެއް. މިސާލަކަށް ނެޝިނަލް ލައިބްރަރީގަ ހާއްސަ ކޯނަރެއް ހުރުން. ރަނގަޅު މަސައްކަތެއް.