ދ.މީދޫ ޔަންގްސްޓާރސް ސްޕޯޓްސް ކުލަބާއި، އެހީ ޖަމްޢިއްޔާ ގުޅިގެން އެ ރަށުގެ މުޢައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިގޮތުން އެ ކުލަބުން ވަނީ، އެރަށު ކައުންސިލް، ފެނަކަ، ހެލްތް ސެންޓަރ، ސުކޫލު އަދި ޕޮލިސް ސްޓޭޝަަނަށް، ހޭންޑް ވޮޝް، ހޭންޑް ސެނިޓައިޒާރ އަދި ފްލޯ ކްލީނާރ ހަދިޔާކޮށްފައެވެ. މީގެ އިތުރުން، އެރަށުގެ ތިން މިސްކިތަކަށްވެސް މި އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އެ ކުލަބުގެ ރައީސް، އިބްރާޙިމް އަފްރާހު ވިދާޅުވީ، މުޢައްސަސާތަކަށް ފޯރުކޮށްދީފައި މިވާ އެހީތެރިކަމަކީ، ކޮވިޑް-19 އާއި ދެކޮޅަށް އެ މުޢައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ކަމަށާއި، މި ފުރުޞަތުގައި އެހީ ޖަމިއްޔާއަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޔަންގްސްޓާސްގެ ފަރާތުން މީދޫ ޕޮލިސް ސްޓޭޝަނަށް އެހީތެރިކަން ފޯރުކޮށްދެނީ؛ ފޮޓޯ؛ ޔަންގްސްޓާރސް

"އެނގިވަޑައިގަންނަވޭނެ އަޅުގަނޑުމެން އެންމެން މި ތިބީ ކޮވިޑް-19 ގެ ނުރައްކަލުގެ ތެރޭގަ. މީދޫގެ މުޢައްސަސާތަކުންވެސް އެކަމާއި ދެކޮޅަށް ވަރަށް ގިނަ މަސައްކަތް ކުރަމުން އެބަދޭ. އެހެންކަމުން، އަޅުގަނޑުމެން ނިންމީ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ ރަށުގެ ހުރިހާ ގޭބީސީ ތަކަށްވެސް މި އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީ ޖަމްޢިއްޔާ އާއި ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ." އަފްރާހް ވިދާޅުވިއެވެ.

ޔަންގްސްޓާސްގެ ފަރާތުން ފެނަކަ މީދޫ ބްރާންޗަށް އެހީތެރިކަން ފޯރުކޮށްދެނީ؛ ފޮޓޯ؛ ޔަންގްސްޓާރސް

މީދޫ ޔަންސްޓާރސް ސްޕޯޓްސް ކްލަބަކީ 2017 ވަނަ އަހަރު ރަޖިސްޓްރީ ކުރި ކްލަބެކެވެ. މިހާތަނަށް އައިއިރު، 17 އަހަރުން ދަށުގެ ކުދިންނަށް ޢަމާޒުކޮށްގެން 3 ފުޓުބޯޅަ މުބާރާތް ވަނީ ބާއްވާފައެވެ. އަދި ވަގުތާއި ޙާލަތު ތަންދީފިނަމަ، މި އަހަރުވެސް އެ މުބާރާތް ބާއްވާނެ ކަމަށް އެ ކުލަބުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދިނުމަށް "ނަމާދު ކޭމްޕް" އެއްވެސް މި އަހަރު ވަނީ ބާއްވާފައެވެ. އަދި އެއް މަސް ދުވަހުގެ މުއްދަތަށް ނަމާދު ހާޟިރީ ބެލުމަށްފަހު، އެއްވަނަ އަށް ހޮވުނު ދެ ދަރިވަރަކަށް (އަންހެން އަދި ފިރިހެން) ވަނީ ބައިސްކަލު ވެސް ހަދިޔާ ކޮށްފައެވެ.

ނަމާދު ހާޟިރީން އެއްވަނަ އަށް ދިޔަ ދެ ދަރިވަރުންނަށް ބައިސްކަލު ހަދިޔާ ކުރަނީ ؛ ފޮޓޯ؛ ޔަންގްސްޓާރސް

ރަށުގައި އިޖްތިމާޢީ ހަރަކާތްތައް ހިންގުމުގެ އިތުރުން، ދީނީ ހޭލުންތެރިކަން އިތުރު ކުރުމަކީވެސް އެ ކުލަބުގެ އެއް މަޤްޞަދެވެ.