މިފަހަރުގެ ރިޔާސީ އިންތިޚާބަށް އެއްކެންޑިޑޭޓަކު ނެރޭ ވާހަކަ ހަމަ ރަނގަޅަށް ބިލާހަކަށްވެ ނިމުނީއެވެ. ކީހާ ޅެން ފަރިއްސަށް ވީ ބީދައިން އެކަން އެތާކު ނުޖެހި މިތާކު ނުޖެހި، އާތްވަށް އަރައިގެން ދިޔައީއެވެ. މިހާރު ފެންނަމުން މިދަނީ ވެރިކަން ހޯދަން ފަލިޖަހަމުންދާ ހުރިހާ ޕާޓީތަކާއި ލީޑަރުން ވަކިވެ އެބުނާ އެއްގަލުން ފައިބާވަޑައިގެން ވެރިކަމަށް މަސައްކަތް ފަށަން ތައްޔާރުވަމުންދާ މަންޒަރެވެ. އިދިކޮޅުން ކިޔަމުން ދިޔަ އެއްކެންޑިޑޭޓްގެ ވަޢުދާއި އެންމެ ފުރަތަމަ ޚިލާފުވެ ވަޑައިގެންނެވި ބޭފުޅަކީ ނަޝީދު ކަމަށްވެ، ނަޝީދު ވެރިކަމަށް ވަޑައިގަންނަވާން ހަމަ ރަނގަޅަށް މަސައްކަތް ފެށްޓެވިކަން އިޢުލާން ކުރެއްވީއެވެ. އެމަސައްކަތުގެ ފުރަތަމަ މަރުޙަލާއަކީ ޕާޓީގެ ރިޔާސީ ޓިކެޓްކަމަށް ހެއްދެވި ނަމަވެސް އެއީ ނަޝީދަށް ޔަގީން އެއްޗެކެވެ. އެބުނާ ރިޔާސީ ޓިކެޓަށް ވާދަކުރާނެ އެހެން ކެންޑިޑޭޓަކު އެޕާޓީއަކުން ނުކުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ނުކުތަސް ނުނުކުތަސް އެ ޓިކެޓަކީ އެޕާޓީގެ އެބުނާ ލީޑަރުގެ މިލްކެކެވެ. އެއީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ.

ހަގީގަތުގައިވެސް މިއަދު މިވާހަކަ ދައްކާނެ ކަމެއްވެސް ނެތެވެ. މިހާރު ދައްކަން އޮތީ ނަޝީދު ކެމްޕޭން އިޢުލާން ކުރައްވަމުން ދެއްކެވި ވާހަކަފުޅުގެ ތަކުގެ ވާހަކައެވެ. ފުންކޮށް ވިސްނާލާއިރު ނަޝީދުގެ ވާހަކަތަކުގެ ތަރުޖަމާ ކުރެވޭ ގޮތް ވަރަށް ތަފާތެވެ. އެދެއްކެވި ވާހަކަފުޅުތަކުގެ ދެފޮޅުވަތް ދޭތެރޭގައި ނުވަތަ ދެލަފުޒުގެ ދޭތެރެއިން ފެންނަ މާނަ ނުވަތަ ކުރެވޭ ތަރުޖަމާއިން ލިބެނީ ހައިރާންކަމެވެ.

މިހާރު ރާއްޖޭގައި ހިނގަމުންމިދާ ރިޔާސީ ނިޒާމަށް އުފަން ކުރުވި ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ވެރިކަން ކުރެއްވި ރައީސް ނަޝީދު، އިނގިރޭސި ވިލާތުގައި ހުންނަވައިގެން މިފަހަރުގެ ރިޔާސީ ކެމްޕޭންގެ ފުރަތަމަ މަރުހަލާ ފެއްޓެވިއިރު ސުވާލު އުފެދޭ އެއްކަމަކީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމުވެސް ބަދަލުކޮށްލައްވަން ގަސްތުކުރައްވާފައިވާ ކަމެވެ. އެމަނިކުފާނަށް މިފަހަރު ރައްޔިތުން އާނއެކޭ ބުނަންވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލަން އެއްބަސްވެގެންނެވެ. މިފަހަރު ނަޝީދަށް އާނއެކޭ ބުނަންވީ ހަ އަހަރުގެ ވެރިކަމުގެ ދައުރެއް ދިނުމާއެކު މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުވެސް އިތުރުކުރުމަށް އާނބަސް ބުނަމުންނެވެ.

މިވަނީ ކިހިނެއްބާއެވެ؟ މި ވާން އުޅެނީ ކިހިނެއްބާއެވެ؟ ނަޝީދުގެ މި ވާހަކަތަކަށްފަހު މި ސުވާލު އުފެދޭނެ ކިތަންމެ ބަޔަކު ތިބޭނެއެވެ. ނަޝީދު މިހާރު ހުންނެވި ހާލަތަށް ރިޢާޔަތް ކުރާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ ގޮތެއް ނުވަތަ މަގެއް ރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތަކާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ތެރެއިން ފެންނާން ނެތްކަން ޔާގީންވާ ކަމުގެ ވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ.

2008 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގައި އަމަލު ކުރަމުން ގެންދާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބުނާގޮތުން ރާއްޖޭގައި ހިނގާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެކެވެ. މި ޤާނޫނު އަސާސީގައި ކަޅާ ހުދުން، މައް ދިވެހި ބަހުން ލިޔެފައި އޮތީ ވެރިކަމުގެ ދައުރަކީ ފަސް އަހަރުގެ ދައުރެއް ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް ވެރިކަން ކުރެވޭނީ ފަސް އަހަރުގެ ދެދައުރުގައި ކަމަށެވެ. މިވާހަކަ ލިޔެފައި އޮތީ މާނަ އޮޅުން އަރާތީ ބުނާ އެއްޗެއް ފަހުމް ނުވާތީ ނުވަތަ ފުށުއަރާތީ ޤާނޫނު އަސާސީ މާނަކުރަން ފަނޑިޔާރުގެއަށް ދާ ވަރަށްވުރެވެސް ސާފުކޮށެވެ.

ކަންމިހެން އޮތްއިރު ހަ އަހަރަށް ވެރިކަމުގެ ދައުރެއް ދަމާލެވޭނީ ޤާނޫނު އަސާސީއަށް އެބުނާ އިސްލާހެއް ގެނަސްގެން ގާނޫނު އަސާސީގައި މިހާރު ލިޔެފައި އޮތް އެއްޗެއް ބަދަލު ކޮށްގެންނެވެ. މިހާރު އަމަލު ކުރަމުން ގެންދާ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 261 ވަނަ މާއްދާގައި ބުނަނީ "ޤާނޫނު އަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން" ކަމަށެވެ. އެހެންވީމާ އެވިދާޅުވާ ގޮތަށް ހަ އަހަރަށް ވެރިކަން ދަމާލެވެން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ 54 މެންބަރުންގެ ވޯޓާއެކު ޤާނޫނު އަސާސީއަށް ބަދަލު ގެނަސްގެންނެވެ. ހަމަ މި ބީދައިން ވެރިކަމުގެ ނިޒާމު ބަދަލު ކުރަންޏާވެސް އޮތީ މިގޮތެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގު ކުރަން ވެސް ހިނގަންޖެހޭނީ ހަމަ މިމަގުންނެވެ. އެކެއް ފެބްރުއަރީގައި ހިނގަން އުޅުނު ފަދަ ޤާނޫނާ ޚިލާފު ކުރުމަގެއް ޚިޔާރުކޮށްގެން އެކަން ކާމިޔާބުވެގެން ނޫނީ މިމަގު ކުރުކޮށްލާފައި ރައީސް ނަޝީދު އެވިދާޅުވާ ފަދަ މަންޒަރެއް ފެންނާކަށްނެތެވެ. މީގެ އިތުރުން މިފަދަ ކަމެއް ނިންމާނަމަ ކަޑައްތު ކުރަންޖެހޭ މަރުހަލާތަކާއި ދަތުރުކުރަންޖެހޭ ރާސްތާ ވަރަށްވެސް ދިގެވެ. ޤާނޫނު އަސާސީގައި ބުނާ މިފަދަ ބައެއް ކަންކަމަކީ ރައްޔިތުންގެ އާނބަސް ލިބިގެން ނޫނީ ނިންމޭނެ ކަންކަމެއްވެސް ނޫނެވެ.

މިހިރަ، މިހިރަ ކަންކަމަށް ވިސްނާއިރު ރައީސް ނަޝީދު މިދައްކަވަނީ "ނުވިހާ ކުދިންގެ ފޫޅު" ހޯއްދަވައިގެން ބޭސްގަނޑެއް ހައްދަވަން އުޅުއްވާ ކަހަލަ ވާހަކަފުޅެކެވެ. ނުވަތަ "ކަޅުހިލަދައިގެ މަދު" ހޯއްދަވައިގެން، "ފާޑެއްގެ ކަމެއް" ކުރައްވައިގެން ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވާ ކަހަލަ ވާހަކައެކެވެ.

ދެން އޮތީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ސުރުޚީ ތަކުގެ ވާހަކައެވެ. ނަޝީދު ވެރިކަމަށް ގެންނަން ޖެހޭ ސަބަބުތަކުގެ އެންމެ ކުރީގައި އަދުލު އިންސާފު ހަރުދަނާ ކުރައްވާ ވާހައާއި ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ ވާހަކައެވެ. އެއަށްފަހު މިހާރު ހިނގަމުންދާ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާން ތާއީދުކޮށް އެމަނިކުފާނު ވެރިކަމަށް ގެންނަ ވާހަކައެވެ. މާލޭގެ ތޮއްޖެހުން ކުޑަކުރައްވާ ވާހަކަ ވަޢުދުތަކުގެ ވަރަށް ކުރިން ޖާގަ ހޯދާފައިވެއެވެ. އެކަމަކު މިއީ އެމަނިކުފާނުގެ ތިން އަހަރުގެ ވެރިކަމުގައި މުޅިން އިދިކޮޅަށް ހިނގާ ނިމިފައިވާ ކަންކަމެވެ. އެހެންވީމާ މިއިން ކަމެއް އިތުރަށް ހަތަރު ފަހަރު ވެރިކަމަށް ވަޑައިގަތަސް ރަނގަޅުވާނެ ކަމަށް ގަބޫލުކުރަން ރައްޔިތުންނަށް ވަރަށް ދަތިވާނެއެވެ.

ދެން ހުރި ވަޢުދުތަކުގެ ތެރޭގައި އިޤުތިޞާދު ރަނގަޅު ކުރައްވާނެ ވާހަކައާއި ރައްޔިތުންގެ ޖީބަށް އެނގުންވާ ވަރަށް ތަކެތީގެ އަގު ހެޔޮކުރައްވާ ވާހަކައާއި ކަރަންޓާއި ފެނުގެ އަގު ތިރިކުރައްވާ ވާހަކައާއި ބާނާ މަހަށް ހަމަ އަގު ހޯދާ ވާހަކައާއި ކޮންމެ ދިވެހި ރައްޔިތަކު ކުރާ މަސައްކަތަށް އެކަށޭނަ އުޖޫރައެއް އެމަނިކުފާނުގެ ވެރިކަމުގައި ދެއްވާނެ ވާހަކައެވެ. މިއީ 2008 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ވެސް އެމަނިކުފާނު ވިއްކެވި ވާހަކަފުޅު ތަކެވެ. އެންމެ ފަހުން އުސްފަނސްގަނޑުގައި ހުންނަވައިގެން ފިލިކޯޅި ހަމަވާ ގޮތަށް ވަޒަނަށް ފެތޭގޮތަށް ރައިވަރެއްހެއް ތަކުރާރު ކުރައްވާ އޭރުވެސް ދެއްކެވި ވާހަކަފުޅެވެ. އޭރުވެސް ހަމަ ވެވަޑައިގެންނެވި ވަޢުދުތަކެކެވެ. އެމަނިކުފާނުގެ ތިން އަހަރުގެ ވެރިކަމުގައި މި ހުރިހާ ކަމެއް ހިނގާ ގޮސްފައިވަނީ ދިމާ އިދިކޮޅަށެވެ.

ދެން މިފަހަރު ކުޑަކޮށް ބަދަލު ކޮށްލައްވައިގެން ވެވަޑައިގެންނެވި ވަޢުދުތަކަކީ ޖަޒީރާ ހޮޓަލާއި ޖަޒީރާ ފަތުރުވެރިކަމެއްގެ ވާހަކައާއި ޖަޒީރާ ސްކޫލްތަކެއްގެ ވާހަކައެވެ. މިހާރު ވެސް ހިނގަހިނގާ ހުރި މިކަންކަން އެވިދާޅުވާ "ޖަޒީރާ"އަށް ބަދަލު ކޮށްލެއްވުމުން ވާނެ ގޮތެއް، ނުކުންނާނެ ނަތީޖާއެއް، ފެންނާނެ ބަދަލެއް އަދި ހަމަ ތަސައްވަރު ކޮށްލާންވެސް ނޭނގެއެވެ. ހަމަގައިމުވެސް އެނގޭހާވެސް އެއްޗަކީ މީގެ ކުރިން އެމަނިކުފާނުގެ ވެރިކަމުގެ ތިން އަހަރުގައި ސިއްހީދާއިރާ ފަދަ ދާއިރާތައް ކޯޕްރޭޝަން ތަކަކަށް ބަދަލުކޮށް ވިޔަފާރި އުސޫލުން ހިންގަވައި މުޅި ޤައުމު ޕްރައިވެޓައިޒް ކުރައްވަން ކުރެއްވި މަސައްކަތްތަކުން ފެނުނު ހިތި ނަތީޖާއާއި ކުރެވުނު ހިތި ތަޖުރިބާއެވެ.

ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމުގެ ނިޒާމަށް ގެންނަ ބަދަލުތަކުގެ ވާހަކައަށް ބަލާއިރު އެއީ މިހާރުގެ ސަރުކާރުން ވަރަށް ރަނގަޅު ނަތީޖާ ދައްކަމުން ގެންދާ ކަންކަމަށްވާތީ އާ ތަޖުރިބާއެއް ކޮށްލުން ނޫން ކަމެއް އެކަންކަމުން ހާސިލު ކުރެވިދާނެ ކަމަކަށް ނުފެނެއެވެ.

ދެން ދައްކަވާފައިވަނީ މިހާރުގެ ސަރުކާރުން ޗައިނާއާއި ގުޅުން ބަދަހިކޮށް ޗައިނާގެ އެހީގައި ގެންނަ ތަރައްގީ ކަމުނުދާ ވާހަކައެވެ. ޗައިނާގެ އެގްޒިން ބޭންކުން ލޯން ނެގުން ވެސް ނަޝީދަށް ގޯހެވެ. ޗައިނާ މީހުން ލައްވާ މަސައްކަތް ކުރުވުންވެސް ނަޝީދަށް ކަމަކު ނުދެއެވެ. އެހެންވީމާ ނަޝީދުގެ ވެރިކަމެއްގައި ޗައިނާގެ އެހީގައި ހިންގާ މަޝްރޫޢުތަކާއި ކޮށްފައިވާ ކަންކަމާއި އެޤައުމުން ދީފައިވާ ލޯނު އެހީތަކަށް ހައްދަވާނެ ގޮތަކާއިމެދު ސުވާލު އުފެދޭ ވަރަށް އެކަންކަން ނަޝީދަށް ކަމުނުދާކަން ހާމަވެއެވެ. ޗައިނާގެ ބޭންކްތަކުގެ އެހީގައި ހިންގާ ޕްރޮޖެކްޓްތަކުގައި ޗައިނާގެ ކުންފުނިތަކަށް ފައިދާ ކުރާ ވާހަކަ ދައްކާއިރު މިއަދު ދުނިޔޭގައި މިފަދަ ކަންކަން ހިނގާ މަގާއި އުސޫލާއި މީގެ ކުރިން މިފަދަ އެހީތަކުން ރާއްޖެ ކޮށްފައިވާ ތަޖުރިބާތަކާއި ކަންކޮށްފައިވާ ގޮތް ނަޝީދަށް އޮޅިވަޑައިގެންފައި އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ނަޝީދުގެ މިވާހަކަތައް އަޑު އަހާފައި ހަނދާނަށް އަންނަނީ އެންމެ ފަހުން ޕީޕީއެމުން ބޭއްވި ޖަލްސާގައި މިސަރުކާރުގެ ހެލްތު މިނިސްޓަރ ވިދާޅުވި ބަސްފުޅުތަކެއްގެ މަތީންނެވެ. ހެލްތު މިނިސްޓަރ ނާޒިމް ސުވާލު ކުރައްވަނީ ނަޝީދަށް ވެރިކަން ލިބިވަޑައިގެންފިނަމަ މިހާރު ނިމެމުން އެދާ ނޫނީ އަންނަ ދައުރު ފެށޭއިރު ނިމިފައި އޮންނަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި އެއަރޕޯރޓް ފަދަ ބޮޑެތި މަޝްރޫޢުތަކުން ފެންނަން ހުރި އުމްރާނީ ތަރައްގީ ތަކަށް ހައްދަވާނެ ގޮތަކާއި މެދުގައެވެ. އެބްރިޖް ނަންގަވާނީތޯ ނުވަތަ މިހާރު ތަރައްގީކުރަމުން ގެންދާ އެއަރޕޯރޓް ތަޅާލައްވައި އާ ރަންވޭވެސް ނަންގަވާނީތޯ ނޫންނަމަ ސަލްމާން މިސްކިތުގެ ބަދަލުގައި އެތަނުގައި އެހެންދީންތަކުގެ މީހުންނަށް އަޅުކަން ކުރެވޭގޮތަށް ދީނީ މިނިވަންކަން ކަށަވަރުކޮށްދެއްވުމަށް، ފައްޅިއެއް އަޅުއްވާނީތޯ ސުވާލު ކުރައްވާ އެސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރ ނާޒިމް އެދިވަޑައިގެންނެވިއެވެ. މިއީ ހަމަ ގިނަބައެއްގެ ހިތުގައި އުފެދޭނެ ސުވާލުތަކެކެވެ.

ހަމަގައިމުވެސް އަދި މިހާތަނަށް އެވެވަޑައިގެންނެވި ރިޔާސީ ވަޢުދު ތަކުގެ ތެރޭގައި މިހާރުގެ ސަރުކާރުން ނުކުރާ އާ ކަމަކަށް އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަ ވާހަކައާއި ނަޝީދަށް ވެރިކަން ލިބިވަޑައިގެންފިނަމަ ވެރިކަމުގެ ދައުރު ހަ އަހަރަށް ބަދަލު ކުރައްވައި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުވެސް ހަ އަހަރަށް ބަދަލު ކުރައްވައި ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަވާ ވާހަކައެވެ.

ހަމަ މިގޮތަށް ވިދާޅުވެފައި އޭގެ ފަހަތުން ވިދާޅުވަނީ ނަޝީދު ވެރިކަމަށް ވަޑައިގަންނަވާނީ މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީގެ ދަށުން ކަމަށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުކަރުދާސް ކޮޅުގައި ނަޝީދުގެ ނަން އޮންނާނެ ކަމާއިމެދު ނަޝީދަށް ސުވާލު ނޫފެދޭއިރު މިއިންތިޚާބަކީ މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީގެ ދަށުން ބާއްވާ ރިޔާސީ އިންތިޚާބެއް ކަމުގައިވެސް ނަޝީދު ކަށަވަރުކޮށްދެއްވައެވެ.

އެހެންވީމާ އިދިކޮޅު ފަރާތްތަކުން ދައްކަމުން އެގެންދިޔަ އެއްކެންޑިޑޭޓުގެ ވާހަކަ ފެބްރުއަރީ އެކެއްގެ ބޮޑު އަމުރާއި ހަމައިން ނިމުނީކަން މިއޮތީ މުޅިން ޔަގީންވެފައެވެ. އެވެރިން އެދެއްކި އެއްކެންޑިޑޭޓްގެ ވާހަކަ ފެށުނީ އެއަމުރުގެ ރޭވުންތަކުގެ ތެރެއިންކަންވެސް ޔަގީންވީއެވެ. އެ ހަރަކާތާއެކު ނުވަތަ އެ "ބަޣާވާތާ"އެކު އެވާހަކަވެސް ނިމުނީއެވެ.

މިހާހިސާބުން ހަނދާނަން އަންނަނީ އަޅުގަނޑުމެން ކުޑައިރު ކިޔެވި ފޮތެއްގައި އޮންނަ "ކަންޒު ކަހަނބާއި މުސަޅު"ގެ ވާހަކައެވެ. މިދޭތި ރޭހެއްގައި ވާދަކުރަން ނުކުމެ މުސަޅު، އެސޮރުގެ ދުވެލި ހަލުއިކަމާއި ކަންޒު ކަހަނބުގެ ބަރުހެލިކަމާއި އަޅާކިޔައި ބޮޑާވެ، ފޮނިބޮޑުވެ ރޭސް ފަށައިގެން ވަކިހިސާބަކަށް ގޮސް އަރާމުކޮށްލަން، ޖައްސާލިތަނާ ނިދުނީއެވެ. ދެން އެތައް އިރެއްކޮށްފައި މުސަޅަށް ހޭލެވުނުއިރު ކަންޒު ކަހަނބު މިއޮށްގެން ރޭސް ނިންމަނީއެވެ. ދެން ބާރުލާފައި ދުވެވުނުހާ ބާރަކަށް ދުއްވައިގަނެގެންވެސް ކަހަނބު އަތެއް ނުވިއެވެ. ރޭހުން މޮޅުވީ އެއްކަލަ ބުރަހެލި ކަންޒު ކަހަނބެވެ.

މިއަދު އެބުނާ އިދިކޮޅު ފަރާތްތަކަށް މިއޮތީ އެފަދަ ދަތުރެއް ޖެހިފައިތާއެވެ. ރިޔާސީ ރޭހަށް ނުކުންނަން ބެލިއިރު މިހާރު އިށީދެއިން ގަލުން އުދުއްސައިގަނެގެން ގޮސް އިށީންނާނެ ގަލެއްވެސް ގިނަ ބޭފުޅުންގެ އިހުތިޔާރަކު، ވިސްނުމަކު ނެތެވެ. ދާނެކޮޅެއް، އަރާނެ ގޮޅިއެއް، ވަންނާނެ ޕާޓީއެއް ވެސް ނޭގެއެވެ. އަރާނެ ޕޯޑިއަމެއް ވަންނާނެ ހަރުގެއެއް އެކުގައި ނުކުންނާނެ ބައިވެރިއެއް ނެތްތާ މިއިން ކަމެއް ފުރިހަމަ ކޮށްގެން ގޮސް ރައްޔިތުންނަށް ވިއްކާނެ އެއްޗެއް އަދި އެއްޗެއް ވިއްކާނެ ވަގުތެއްވެސް ދެން ނެތެވެ. އެހެންވީމާ އެވެރިންނަށް މިޖެހުނީ ކަންޒު ކަހަނބާއެކު ރޭހަށް ނުކުތް މުސަޅަށް ޖެހުނު ދަތުރު ނޫންހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ރެޓޭ

    ދޮގުވެރި މަކަރުވެރި ލާދީނީ ޖާހިލަކަށް މިރާއްޖޭގެ ވެރިކަމެއް ނުލިބޭނެ! އިންޝާ ﷲ!

  2. ކީއްވެތޭ

    ކެނެރީގެ ނަޝީދަކީ އެއީ މިރާއްޖޭގެ ވެރިކަމަށް ގެންނަން ހެޔޮވާ ވަރުގެ މީހެއް ނޫނެވެ. އޭނާ އަށް މިރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ އޭނާ މިރާއްޖެ އިންޑިއާ އަށް ވިއްކާލާ މިރާއްޖޭގެ ރައްޔިތަކަށް ރިސޯރޓް އިން ވަޒީފާ ގަނޑެއްވެސް ނުލިބޭނެ ގޮތް ހަދާނެއެވެ. މިހާރު ވެސް ރިސޯރޓްސް ތަކުން ބޮޑެތި މުސާރަ ތައް އިންޑިއާ އަދި ލަންކާ މީހުންނަށް ދެނީ އެއީ ސީދާ ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ރިސޯރޓްސް ތަކުގައި ބޭރު މީހުން ގެންގުޅެވޭނެ އަދަދު ތްރީއޭ އައްޔަ މެން ބުނެގެން ބޮޑު ކުރުމުންނެވެ. މަހަކު 10 ހާސް 8 ހާސް ޑޮލަރު ދޭ މުސާރަ ދިވެހިންނަށް ނުދީ ބޭރު މީހުންނަށް ދެނީ އެއީ ކީއްވެގެންތޭ.

  3. ިއަހަރެން

    ސާބަހޭ ރައީސް ނަޝީދު

  4. ހުސެން

    އިނގިރޭސި ޖަޒީރާ ރަށެއް ކަމަށް ހުވަފެނުން ދައްކަނީ

  5. ކުރާތި

    ކެނެރީގެ ނަޝީދުގެ ވެރިކަމެއް ރާއްޖޭގައި ދެން ކޮށްފިނަމަ ދިވެހިން ބަދަލުވާނީ ފަލަސްތީނު މީހުން މިހާރު އެތިބި ހާލަތަށް އިންޑިއާ މީހުން ބަދަލުވާނީ އިޒްރޭލު މީހުންނަށް އިންޑިއާ މީހުން މިރާއްޖޭގައި ވެރިކަން ކުރާނީ އެއީ ޔަގީންވެ ކަށަވަރު ވާ ކަމެކޭ. ކެނެރީގެ ނަޝީދު އަދިވެސް ރާއްޖޭގައި ހުރި ހަގީގީ އިޝޫސް ތަކަށް އެޑްރެސް ކޮށް އެއްވެސް ވާހަކަ އެއް ނުދައްކައޭ ދިވެހިން ނޫޅެއޭ ޖަޒީރާ ޓޫރިޒަމް ކިޔާ ޓޫރިޒަމް އެއް ތަރައްގީ ނުކުރެވިގެން ދިވެހިން ނޫޅެއޭ ޖަޒީރާ ރައީސް އެއް އަދި ގާގަނޑު ރައީސް އަދި މުރަކަ ރައީސް އަދި ފެހިޖަހާފައިވާ ރައީސް އެއް އަދި ބަނޑުއަކިރި ރައީސް އެއް ނުލިބިގެން ދިވެހިން ބޭނުން ވަނީ ރާއްޖޭގައި ހުރި ހަގީގީ އިޝޫސް ތަކަށް އެޑްރެސް ކުރާނެ ވެރިންނޭ ރާއްޖެ އަށް އެގޮތުން މަމެން ޕިންކީންގެ ވެރިކަމުން މިދަނީ އެކަންކަން ކުރަމުންނޭ. ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު މައްސަލަ އަކީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބަންގާޅީންގެ މައްސަލައޭ މިކަން ކުރަނީ ރޯމާ ދުވާލު އެންމެންނަށް ވެސް ފެންނަ ގޮތަށް އަލަށް ހަދަމުންދާ ރިސޯރޓްސް ތަކުންނާއި އަދި މާލޭގައި ހުރި ހޮޓާ ތަކުންނާއި އަދި ބްރިޖް އަޅާ ޗައިނާގެ ކޮންޓްރެކްޓަރުންނާއި އަދި ހުޅުމާލޭގައި ފްލެޓްސް ތައް އަޅާ ޗައިނާގެ ކޮންޓްރެކްޓަރުންނާއި އަދި ދިވެހި ކޮންޓްރެކްޓަރުންނާއި އަދި ރާއްޖެތެރޭގެ ރަށްރަށުގެ ރަށު ކައުންސިލުންނޭ. މިކަން ކަން އެބަޖެހޭ މަމެންގެ ވެރިކަމުގައި ހައްލުވާން ޕޮލިހުން މިކަމަށް އެއްވެސް މަސައްކަތެއް ނުކުރެއޭ ބަންގާޅުން އަތުލާފައި ބައިތިއްބާނެ ތަނެއް ނެތޭ ބުނެ ފުލުހުން ރާއްޖެ އަށް އެމެން ބޭނުން ގޮތަށް ދޫކޮށްލުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނޭ ޖަލު ހުންނާނެ ޖަލުގައި އެމެން ބައިތިއްބައިގެން ނަމަވެސް އެކަން ޖެހޭނެއޭ ނިންމަން މީއޭ ފުލުހުންގެ ޒިންމާ އަކީ. މީ މަމެންގެ ގައުމޭ މިގައުމުގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކޮށްގެން ބޭރު މީހުންނަށް އާމްދަނީ ހޯދުން އެއީ އާންމު ކަމަކަށް ވެގެން މިދަނީ. މިކަން ކަން އެބަޖެހޭ ރަނގަޅުވާން.

  6. އިބްރާހިމް

    މިވާހަކަތައްވެސް ގަބޫލުކުރާ ބަޔަކު ތިބޭނެތާ؟

  7. އ މ ރ ބ

    ތީ ހަމަ ބޮޑު ކަންޒު ކަހަނބެއް....

  8. ރީޒަން

    ކެނެރީގޭ ނަސިދުމެން ކަހަލ ދީނައް ފުރައްސާރަ ކުރާ މީހަކު މިގައުމަގެންނައްހެޔޮވާނެތޯ؟/؟ދޮގުވެރިއެއް މަކަރުވެރިއެއް ވިޔައަކުރު ނޭގޭމީހަކުގެންނައްމިފަސްގަޑުންޖާގަދީގެންނުވާނެ

  9. އާދަނު

    މޮޅު އާޓިކަލް އެއް

  10. ސީލާސީލާ

    ކެނެރީގެ ނަޝީދު ބަދައްވަށް ދޭންވީ ހައަހަރެއް ނޫން އެބަަދަވި ވެރިކަމަށް އައިސް ކަން ކުރި ގޮތުން ރާއްޖޭގެ މާލެ ސަރަހައްދުން ފްލެޓްސް ތައް ބޭނުންވާ މީހުންނަށް ކުޑަ އަގުގައި ފްލެޓްސް ތައް ނުލިބިގެން އުޅެނީ. އެބަދަވި އަށް އެއްގޮތަކަށް ވެސް އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރެވިގެން ނުވާނެއޭ އެބަދަވި ގެ ނަން އެމްޑީޕީގެ ޕްރައިމަރީގައި އޮވެއްޖެނަމަ އެ ފަދަ ޕްރައިމަރީ އެއް ޖެހޭނެ ހުއްޓުވެން އިލެކްޝަންސް ކަމިޝަނަށް. އެއީ އިލެކްޝަންސް ކަމިޝަންގެ ޒިންމާ އެކޭ. ރަންރީނދޫ ޓްވިޓަރޭ ތަމެން ދެން ސީލަ ބަލަ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.

  11. އަބްދުއްލާ

    ރިޔާސީ ޕްރައިމްރީ ކއަކަށް ނަސީދު ނެރެފިނަމަ ޕާޓީތަކާ ބެހޭ ގާނޫނުބުނާގޮތުނ އެމްޑީޕީ އުވާލެވިދާނެ.

  12. އަޙްމަދު

    ﷲގެ ރަހްމަތްފުޅުން މިގައުމަށް ދެން ނަޝީދު ނާންނާނެ. ރޯދަމަހުގެ އަޅުގަނޑު މިކަމަށް ދުޢާވެސް ކުރާނަން. އިންޝާ ﷲ

  13. މަ މިއު މަ

    ހާދަ ވަރެއް އަރާފަ ލިޔުންތެރިޔާ މިހުރީ ހެހެ

    އެނީވޭ އޯއި ނަޝީދޫ ކޮންމެހެން 6 އަހަރަށް ހަދާނެކަމެއް ނެތް، 3 އަހަރަށް ހަދާ!

  14. އަނގޮޅިތީމު

    އަޅުގަނޑު އަންނި އަށް ތާއީދު ކުރަމެވެ. ހަމައެކަނި މައްސަލަޔަކީ އިސްލާމް ދީނާ ކުޅެން އުޅޭ މައްސަލައެވެ. އެކަމަށް މާފު ނުކުރެވޭނެއެވެ.

  15. މުހައްމަދު ޒަކީ

    ވަރަށް ތަފްސީލީ ލިޔުއްވުމެކެވެ. ނަމަވެސް ނަންގަންނަން ޖެހޭ ވާހަކައަކީ ނަޝީދުގެ 3 އަހަރުދުވަހު ދިމާވި ހުރަސްތަކަށް ބަލާލާފައި ނުވާކަމެވެ. ހިންގަންޖެހުނު ދަތި އުނދަގޫ މަރްހަލާތައް ފާހަގަކޮށްލާފަި ނުވާކަމެވެ. މި ދަތި އުނދަގޫ ތަކާއެކުވެސް އެދުވަސްކޮޅު ރައްޔިތުން މާޒީކުރި ދުވަސްތަކުއި އެމީހުން ކުރިއިހްސާސްތަކަށް އަލިއަޅުވާލާފަި ނުވާކަމެވެ. އެކި ރަށްރަށުގެ ރައްޔިތުންގެ ޚިޔާލުތަކަށް ފޮޅުވަތެއް ލިޔެލެވިފާ ނުވާކަމެވެ.
    ހަގީގަތާއެއްގޮތް ހުރިހާ ކޮޅަކަށް އަލިއަޅުވާލެވިގެން ލިޔުއްވުން ލިޔެވޭނަމަ ތާރީޚަށް ކުރެވޭ ޚިޔާނާތަކަށް ނުވީހެވެ. މިއަދު ރާއްޖެ މިދެކޭ ކަޅު ދުވަސްތައް މި ފެންނަނީވެސް މިފަދަ ލިޔުއްވުންތަކުންކަމީ ޔަގީންކަމެކެވެ.
    ވަގުންނާ ޚިޔާނާތްތެރިންނަށް ގައުމު ހަދިޔާކުރެވެނީވެސް މިފަދަ ލިޔުއްވުންތަކުގެ ސަބަބުންނެވެ.

  16. ފެންނަގޮތް

    ސްޕްރިމްކޯޓަށް ފަޑިޔާރުން އައްޔަންކޮށްފައިވާގޮތަށް ވެރިކަމަށް އަންނަމީހާއަކީ އޭނާގެ އުމުރަށް ވެރިކަން ކުރާ މީހެއް ކަމުގައި ހެދުން އެއީ ނަޝީދު ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް ޤަބޫލު ކުރަން

  17. ވައްކަން ޔަގީން 2018

    އީސްޓް އޯރ ވެސްޓް އަންނި އިސްދަ ބެސްޓް...... ރީތި ފިރިހެނެއް ސަހަރޯ....

  18. ނައިންޓީ

    މީ މިހާރު ހަމަ މީހެކޭ ބުނާނެ ޖާގައެއް ނެތް. ވަކި ކަމަކަށް އިންސާނާ ދަހިވެތި ވެއްޖެ ނަމަ އެމީހެއްގެ އެއަމިއްލައެދުން އޭނަގެ ނަފްސާނީ ބައްޔަކަށް ވެދެއެވެ. އެކަހަލަ ކޮޔައެއް ނަޝީދަކީ. ނަޝީދު ވަރަށް ފައްކާވާނެ ނުކިއްސަރު ބޮޑާދެއްކުމުގެ ހުރިހާ ކަމަކަށް. އެކަމަކު ވެރިކަން ކުރާކަށް ކަމަކު ނުދޭ.

  19. ށމާ

    ان شاءالله ދުވަހަކުވެސް ތިމީހާ އަށް ވެރިކަން ނުދެއްވާތޯ دعا ކުރާނަން

  20. އާމިރު

    މިކަމާ ހާސްވާނެ ކަމެއްނޫން! ނަސީދު ކުރިމަތިލަނީ ދޫނި ރާއްޖެއަށް، އޯކޭނުން.