ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ސޮވަރިން ގެރެންޓީ ދިނުމުގައި ގޯސްކޮށް އެއްވެސް ކަމެއް ހިނގާފައި އޮތް ކަމަކަށް މިހާތަނަށް ފެންނާކަށް ނެތް ކަމަށް އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް އިއްޔެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން މުޅި މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަމުން މިއަދު ޒިޔަތު ވިދާޅުވީ މިހާތަނަށް ކުރެވިފައިވާ ހުރި އެއްވެސް އޮޑިޓަކުން ގެރެންޓީތައް ދިނުމުގައި ގޯސްކޮށް އަމަލު ކޮށްފައި އޮތް ކަމަށް ފެންނަން ނެތް ކަމަށެވެ.

ޒިޔަތު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އިން އޮޑިޓާ ޖެނެރަލް އޮފީހަށް ހިއްސާ ކުރާ ހިސާބުތަކުގެ މައްޗަށް ބަލާ ދައުލަތުން ދީފައިވާ ސޮވަރިން ގެރެންޓީތަކާއި އަދި އެ ގެރެންޓީތައް ދީފައިވާ ގޮތް ބަލާ އަހަރު އެއްފަހަރު އޮޑިޓް އޮފީހުން އޮޑިޓު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ޒިޔަތު ވިދާޅުވީ ގެރެންޓީތަކުގެ ފައިނޭންޝަލް އޮޑިޓް ކުރިއަށް ގެންދާ ކަމަށެވެ. އެއީ ފައިނޭންޝަން ސްޓޭޓްމަންޓް އޮޑިޓެއް ކަމަށާއި އޭގައި އޮޑިޓް އޮފީހުން ބަލަނީ ގެރެންޓީތައް ދީފައި ހުރީ ކިހިނެއްތޯއާ މާލިއްޔަތު ގާނޫނާއި ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނާ އެއްގޮތަށްތޯ ކަމަށް ޒިޔަތު ވިދާޅުވިއެވެ. މިހާތަނަށް ބެލި ބެލުމުން "ރޯންގް ޑިއުންއެއް" ފެނިފައި ނުވާ ކަމަށް ޒިޔަތު ވިދާޅުވިއވެެ.

މި ކޮމެޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ދައުލަތް ދަރަނިވެރިވާ މިންވަރު އޮޅުން ނުފިލާ ނުވާނެ ކަމަށާއި ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ ކަންކަންވެސް ކުރިއަށް ދާނީ ރަނގަޅަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ދަރަނީގެ މައުލޫމާތު ބެލެެހެއްޓުމާ ގުޅޭ ކަންކަމާއި ހަރަދަށް ޒިންމާވުމުގެ ގާނޫނާއި މާލިއްޔަތު ގާނޫނާ ޚިލާފަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ސަރުކާރުގެ މާލީ ޚަރަދުތަކުގެ ތަފްސީލްތައް ގަވާއިދުން އާންމުކުރަމުންދާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.