ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

އެ މަގާމަގަށް ކުރުމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައި ވަނީ، އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެންއައިސީގެ މެންބަރު ކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮގަސްޓް މަހުގެ 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ކަމަށެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސް އޮފީހުގެ ވެބްސައިޓް presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެންއައިސީގެ އިތުރު މެންބަރުންތަކެއްވެސް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށިއެެވެ. އެހެން ނަމަވެސް އެ މީހުން މަގާމުން ވަކި ކުރުމުގެ ކުރިން ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވަނީ އަހުމަދު ޖިހާދެވެ. އޭނާއަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ކޮމިޝަންގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ.