އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ "އިންޑިއާ މިލިޓަރީ އައުޓް" މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނާ މައްސަލަ ނުބަލާތީވެ ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރު ކުރި "ރަޒްނާ އަދި ސަމަދުބެ" އަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ބަންދުން ދޫނުކުރީ އަނިޔާގެ ނިޝާން ފިލުވަން، އެޗްއާރުސީއެމްއާއި އެންއައިސީ ނިދިން ހޭލައި، މި ކަން ބައްލަވާ،" ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ލިޔުއްވާފައިވެއެވެ.

އިއްޔެގެ އެއްވުމުގެ ތެރެއިން 29 މީހަކު ފުލުހުން ހައްޔަރު ކުރިއެވެ.

ފުލުހުން ވިދާޅުވީ މި މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފުލުހަކަށް ހަމަލަދީ މާރާމާރީ ހިންގައި ފުލުހުންގެ ވެހިކަލަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.

ބާކީ ތިބި 28 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގެއްގެ ބޭނުން ގިނަ ބަޔަކު ކުރަމުން ދަނިކޮށް ފުލުހުން އަރައިގަނެ އަނިޔާކޮށް، ގާނޫނާ ހިލާފަށް ހިފާ ހައްޔަރުކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"އިންޑިއާ އައުޓް" ޝިއާރުގައި ނުކުމެ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާތައް ފުލުހުން ފަހަކަށް އައިސް އަންނަނީ ރޫޅާލަމުންނެވެ. ފުލުހުންގެ އަމަލުތައް އެ ގޮތަށް ހުރިއިރު، ސަރުކާރުގެ އިސް ބޭފުޅުން އެ ޝިއާރު ސިފަ ކުރައްވަނީ އިންޑިއާއާއި މެދު ނަފުރަތު އުފެއްދުމުގެ ޝިއާރެއްގެ ގޮތުގައެވެ.

އެކަމަކު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ޝިއާރަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށާއި އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ދެކޮޅަށް ކުރާ ކެމްޕޭނެއްގެ ގޮތުގައެވެ. އިންޑިއާގެ އާންމު ރައްޔިތުންނާއި މެދު އެއްވެސް ނަފުރަތެއް ނެތް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޭލާ

    ތިބުނީ ޔާމީނުއިރު ނިދައިފަ ތިބި އެއްޗެހިތައް ހޭލި ވާހަކަ ދޯ. ސުކުރިއްޔާ އެމްޑީޕީ

    1
    21
  2. Anonymous

    މިދެ މުއައްސަސާ އަކީވެސް ފެއިލްވެފައޮތް ދެތަން. މެންބަރުން ވަކިކޮށް މުއައްސަސާވެސް އުވާލަންވީ.

    8
    1
  3. ބެއްޔާ

    ފުލުހުން ގާނޫނާޚިލާފަށް ދައުރު އަދާކުރަންޏާ ކިޔަމަންވާކަށް ނުޖެހޭ.