ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާދަމާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވެލާނާގޭ ކައިރީގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ދައުލަތުގެ ތިން މުއައްސަސާއަކަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެ ތަންތަނަށް ވަޑައިގަތީ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭތީ އެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހާމަކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފުރަތަމަ ވަޑައިގެންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށެވެ. އެ ތަނަށް ދިއުމުން އެދުނީ ފޯމެއް ފުރަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ޔާމީން ޖަލުގައި އޮންނަވާތަ ހަތް މަހަށް ވުރެ ގިނަ ދުވަސްވި އިރު، ހައި ކޯޓުގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ޔާމީންއާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސަން ޕީޖީ މެދުވެރިކޮށް ކަރެކްޝަނަށް އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް އެ ފުރުސަތު ފަހި ނުވާކަން ފާހަގަކޮށް އަބްުދުއްރަހީމް ވަނީ އެއީ ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން ވާ ކަމެއްކަމަަށް ވިދާޅުވެފައެވެ.

ވަކީލުންނާއި ބައްދަލު ކުރުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއްކަމަށް ވާއިރު އެ ހައްގު ހިފެހައްޓަވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންގެ ނުފޫޒުން ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

މީގެ ދޮޅު މަސްދުވަސް ކުރިން ފެށިގެން ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދާއި ބައްދަލުކުރަން އިދިކޮޅު ފަރާތްތަކުން އެދުނު ނަމަވެސް އެ ފުރުސަތު އަދިވެސް ފަހިކޮށް ދީފައި ނުވާތީ ފުލުހުންގެ އިދާރާއަށް ވެސް މިއަދު ވަޑައިގެންނެވި ކަމަށާއި އެ ތަނުންވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކާ ކަރެކްޝަންސް އާއި ފުލުހުން ބައްދަލު ނުކުރުމަކީ އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރުމުގެ ގާބިލްކަން މި ސަރުކާރުގެ ނެތްކަން ހާމަވާ ކަމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.