ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ ތެރެއިން މިވަގުތު ދަތުރުފަތުރު ކުރުން ރައްކާތެރި ގައުމުތަކަށް ދޭ "ސޭފް ޓްރެވަލް" ސްޓޭމްޕަށް ރާއްޖެވެސް ޝަރުތު ފުރިހަމަވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މި ސްޓޭމްޕަކީ ކޮވިޑް-19 ކޮންޓްރޯލްކޮށް ގައުމުގެ ހާލަތު ސަލާމަތީ ގޮތުން ބަލާއިރު ރަނގަޅު، ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ގައުމުތަކަށް ދޭ ސްޓެމްޕެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން "ވަގުތު" އަށް ވިދާޅުވީ، "ސޭފް ޓްރެވަލް" ސްޓޭމަޕަށް ރާއްޖެވެސް ޝަރުތު ހަމަވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ސްޓޭމްޕް ނުލިބެނީ ރާއްޖެއަކީ ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް ޖަމްއިއްޔާގެ މެމްބަރު ގައުމަކަށް ނުވާތީ ކަމަށެވެ.

ރައްޒާން ވިދާޅުވީ، "ސޭފް ޓްރެވަލް" ސްޓޭމްޕަކީ މިހާރު ދުނިޔޭގެ ފަތުރުވެރިން އެއް ގައުމުން އަނެއް ގައުމަށް ދާއިރު ބަލާ ސްޓޭމްޕެއް ކަމުން ޓުއަރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް ދާއިރާގެ ބޭފުޅުންނާއި ގުޅިގެން އެ ޖަމްއިއްޔާއާގެ މެމްބަރަކަށް ވާން މިވަގުތު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"މި ޖަމްއިއްޔާގެ މެމްބަރުންގެ ތެރޭގައި ގިނައީ ޕްރައިވެޓް ތަންތަން. އޭގެ ތެރޭގައި ގައުމުތައް ވަރަށް މަދު. އަޅުގަނޑުމެން އިންޑަސްޓްރީގެ އެހެން ބޭފުޅުންނާއި ގުޅިގެން މަޝްވަރާ ކުރަމުން ދަނީ މި ސްޓޭމްޕަކީ ރާއްޖެއަށް މުހިންމު ސްޓޭމްޕެއްތޯ. އެގޮތަށް މުހިންމު ނަމަ މެމްބަރަކަށް ވާން ހުށަހަޅާނަން" ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ، ޑަބްލިއުޓީޓީސީގެ ރިކުއާމެންޓްސް އަށް ބަލާއިރު ރާއްޖެއިން ބޯޑަރު ހުޅުވި އިރު ވަނީ އެ ހުރިހާ ރިކުއާމެންޓްސްއެއް ފުރިހަމަ ވެފައި ކަމަށެވެ. އެހެން ކަމުން މެމްބަރަކަށް ވާހިސާބުން ސްޓޭމްޕް ލިބޭނެ ކަމަށް ރައްޒާން ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ބަންދުކޮށްފައިވާ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މިހާރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ފަތުރުވެރިން ރާއްޖެ އައުމާއި އެކީ އަމަލު ކުރާނެ ގައިޑްލައިނެއްވެސް ވަނީ އެކުލަވާލާފައެވެ.

ޑަބްލިއުޓީޓީސީން ދޭ މި ސްޓޭމްޕުގެ ސަބަބުން އެކި ގައުމުތަކަށް މިވަގުތު ދަތުރުފަތުރު ކުރާ ޓޫރިސްޓުންނަށް ރައްކާތެރި ގައުމުތައް ދެނެގަނެވޭނެ އެވެ.

އެ އެ ސްޓޭމްޕަކީ ކޮވިޑް-19 ފަދަ ސިއްހީ އަދި އެ ނޫނަސް ނުރައްކާތެރި ބަލިމަޑޫކަން ފަދަ ކަންކަން ފެތުރޭ އިރު، އެ ބަލި ކޮންޓްރޯލްކޮށް ގައުމުގެ ރައްކާތެރިކަން ދަމަހައްޓާ ގައުމުތަކަށް ލިބޭ ސްޓޭމްޕެކެވެ.

މި ސްޓޭމްޕަކީ ޔުނައިޓެޑް ނޭޝަންގެ ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަނުން ވެސް ބަލައިގަންނަ ސްޓޭމްޕެކެވެ.

ޑަބްލިއުޓީޓީސީއިން މިފަދަ ސްޓޭމްޕެއް ދިނުމުގެ މަގްސަދަކީ ކޮވިޑް-19 އޮތްކަމުގައިވީ ނަމަވެސް ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ގައުމުތައް އަންގައި ދިނުމާއި އާ އާންމު ހާލަތުގައި ގައުމުތަކުގެ ފަތުރުވެރިކަން އަލުން ހިނގައިގަތުމަށް އެހީތެރިވެދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަނެއްދޮގު ހަދަންފެށީ،. ކޮންގޮތަކަށް ޝަރުޠު ފުރިހަމަވި ކަމަށް ތިބަލަނީ، ތިމާމެން އަމިއްލަ އަތުން ގޯ ސް ހަދައިގެން ތި އަނދަވަޅަށް ވެއްޓުނީ،