ބިދޭސީންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު މާޗު މަހުގެ 19 އަށްފަހު ތާރީހެއްގައި ހަމަވެފައިވާނަމަ ވިސާގެ މުއްދަތު އިތުރު ނުކޮށް ފުރާ ބަނދަރުން ފުރޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަން އިން ކޮށްފައިވާ އިއުލާނެއްގައި އިއްޔެ ބުނެފައި ވަނީ އެ އިންތިޒާމުގެ ދަށުން ފުރުވާލެވޭނީ، އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕާޗާ އިމިގްރޭޝަންގެ ޑިޕާޗާ ކައުންޓަރަށް ހުށަހެޅުމުން ކަމަށެވެ. ބިދޭސީފަރާތް ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލާސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރުމަށް ވެސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އިމިގްރޭޝަނުން ބުނީ ވާރކްވީޒާ ފިޔަވައި އެހެނިހެން ވީޒާގެ މުއްދަތު 19 މާރޗް 2020 ގެ ކުރީގެ ތާރީޚަކަށް ހަމަވެފައިވާ ފަރާތްތަކުން ވީޒާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް، [email protected] އަށް އީމެއިލް ކުރެއްވުމަށް އެދޭ ކަމަށެވެ. އެއަށްފަހު އަމަލު ކުރަންވީގޮތް، އީމެއިލްގެ ޒަރީއާއިން ޙިއްސާކުރެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
"އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" IM34 ފޯމް ހުށަހަޅުއްވައިގެން ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީޚަކީ އަންނަ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަސް ކަމަށްވެސް އިމިގްރޭޝަންގެ އިއުލާނުގައި ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނީ ކޮވިޑް-19 ގެ މިދަނޑިވަޅުގައި މަސައްކަތް ކުރަނީ ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޙާއްސަ ސަމާލުކަމެއް ދީގެން ކަމުގައިވުމުން، އެމީހެއްގެ ނުވަތަ އެކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބިދޭސީ ފަރާތްތަކުގެ ވިސާގެ ކަންކަން ފަހަށް މަޑުނުކޮށް ގަވާއިދުން ފުރިހަމަ ކުރަމުން ގެންދިއުމަށް ނަސޭހަތްތެރިވާ ކަމަށެވެ.