ހަލަތާ ނުބައްދަލު އަނިޔާ ނޫސްވެރިންނަށް ކުރުން ހުއްޓާލުމަށް ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

ރޭ ކުރި މުޒާހަރާ ތެރެއިން ބައެއް ނޫސްވެރިނަށް އަނިޔާ ވުމާއި ގުޅިގެން އެމްޑީޕީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގަވައިދާ ހިލާފަށް ފުލުހުން ބާރުގެ ބޭނުންކޮށް، ޕޭޕަސްޕްރޭޖަހާ ބޫޓުން ތެޅުން ފަދަ އަމަލުތައް ނޫސްވެރިންނަށް އަމާޒުކޮށްދޭ ދިނުން އެންމެ ހަރުކަށި އަޑުން ކުށްވެރިކުރާކަމަށެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތް ތަކުން އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި ނޫސްވެރިންނަށް ހާއްސަކޮށް ފުލުހުން ހަމަލާތައް ދީފައިވާކަން ފާހަގަކޮށް އެމްޑީޕީ އިން ބުނީ، ނޫސްވެރިން ފަހަތަށް ޖައްސައި ނޫސްވެރިންގެ ޒިންމާތަކަށް ހުރަސްއެޅުމަކީ ޑިމޮކްރަސީގެ ރޫހާ ހިލާފު ހުދުމުހުތާރު ގައުމުތަކުގައި ހިނގާފަދަ އަމަލުތަކެއް ކަމަށެވެ.

އަދި މުޒާހަރާގައި ގިނަ އަދަދެއްގެ އާންމުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާތީ އެމްޑީޕީން ވަނީ އާންމު ރައްޔިތުންނަށް ކުރާ އަނިޔާތައް ހުއްޓާލުމަށް ފުލުހުންނަށް އިލްތިމާސްކޮށްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ އާންމު ރައްޔިތުންގެ މެދުގައި ހިނގާކަންކަމުގެ ހަބަރާއި މައުލޫމާތު ފެތުރުމަކީ ނޫސްވެރިންނަށް ލިބިފައިވާ ހައްގެއްކަަމަށާއި އެމަސައްކަތަށް ފުލުހުން ހުރަސް އެޅުމަކީ ގާނޫނު އަސާސީއާ ހިލާފުވުންކަމަށް ބުނެފައެވެ.

އެމްޑީޕީން މިހެން ބުނެފައިވާއިރު ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެއްވުން ކަވަރުކުރުމަށް ހަރަކާތްތެރިވަމުން ދިޔަ ބައެއް ނޫސްވެރިންގެ ފަރާތުން އެއްވުމުގެ ބައިވެރިންނާ އެއް ހަމައެއްގައި އަމަލުތައް ފެނިފައި ހުރި ކަމަށެވެ.

"ހަމައެއާއެކު އެއްވުން ކަވަރުކުރުމަށް ހަރަކާތްތެރިވަމުންދިޔަ ބައެއް މީޑިއާތަކުން ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރަމުންދާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެއްވެސް ފަރާތަކުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށާއި، އެފަދަ ހަރަކާތްތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިން، ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑޫތައް ހިފަހައްޓައި، ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރުމަށް އިލްތިމާސް ކުރާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުޢައިމު / ވިލިމާލެ

    ޣައިރު ޤާނޫނީ މުޒާހަރާއަކަށް ނޫސްވެރިން ނެރެ ، މުޒާހަރާގެ އެންމެ އިސްސަފުގައި މުޒާހަރާކުރަން ނޫސްވެރިން ބޭތިއްބީ ކޮންބައެއް؟ ފުރަތަމަ އެ ޢަމަލު ހިންގި މީހުން ކުށްވެރިވެބަލަ އަމިއްލަޔަށް!!