ކޮންމެ ހާލެއްގައި ވިޔަސް ޓޯކިޔޯ އޮލިމްޕިކްސް އަންނަ އަހަރު އޮންނާނެ ކަމަށް ޖަޕާނުގެ އޮލިމްޕިކް މިނިސްޓަރު ޝެއިކޯ ހަޝިމޮޓޮ އިއްޔެ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޝިމޮޓޮ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ނުނިމުނު ކަމުގައި ވިޔަސް އެތްލީޓުންގެ މަންފާއަށް އޮލިމްޕިކްސް ބާއްވަން ޖެހޭ ކަމަށެވެ.

މި އަހަރުގެ ޖުލައި މަހަށް ތާވަލް ކުރެވިފައިވާ އޮލިމްޕިކް ކުޅިވަރުތައް ޖަޕާނު ސަރުކާރާއި އިންޓަނެޝަނަލް އޮލިމްޕިކް ކޮމިޓީއިން ވަނީ 2021 އަށް ފަސްކޮށްފައެވެ. މި އަހަރުގެ މާޗް މަހުގައި މި ނިންމުން ނިންމާފައިވަނީ ހަލުވިކަމާ އެކު، ޖަޕާންގައި ކޮވިޑް-19 ފެތުރެމުން ދިއުމުންނެވެ.

ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރިވާ ފަރާތްތަކުން އެ ކުޅިވަރުގައި ބައިވެރިވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ޖަޕާނު ސަރުކާރާއި ޓޯކިޔޯ ސަރުކާރާއި އޮލިމްޕިކް އޯގަނައިޒިން ކޮމިޓީއިން މިދިޔަ ހަފްތާ ބޭއްވި ބައްދަލުވުމުގައި ކޮވިޑް-19 ގެ ސަބަބުން އޮލިމްޕިކްސް ކުޅިވަރުތަކުގައި ކަންތައްތައް ބަހައްޓަންވީ ގޮތާއި މެދު މަޝްވަރާކުރެވުނެވެ. މިއީ މިކަމާއި ގުޅިގެން ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

ޓޯކިޔޯ 2020 ގެ ސީއީއޯ ބުނެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ނުނިމުނު ނަމަވެސް ގޭމުތައް ބޭއްވުމަށް އޯގަނައިޒަރުންވެސް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އޯގަނައިޒަރުން 200 ޕްރޮޕޯސަލްއެއް ބަލަމުންދާކަމަށް ވެސް ބުނެފައިވެއެވެ.

ޕްރޮޕޯސަލްތަކުގައި ވައިރަސްގެ ސަބަބުން ގޭމުގެ ތެރޭގައި ދަތުރުފަތުރު ކުރުމުގައި ގެންގުޅޭނެ އުސޫލުތަކާއި ގައުމުން ބޭރުން އަންނަ މީހުންގެ ކަންތައްތައް ބަލަހައްޓާނެ ގޮތްތަކާއި ވައިރަސް ޖެހިފައިވާ މީހެއް ނަމަ ދެން ކަންތައްތައް ކުރާނެ ގޮތް ފަދަ ކަންތައްތަކެއްވެއެވެ.