ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ހަތަރު ވަނަ މާއްދާގެ (ށ) ގެ ދަށުން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށެވެ.

ނަމަވެސް މިއަހަރުގެ މިހާތަނަށް އެ ކުންފުނިތަކަށް އުމްރާ ދަތުރުތައް ކުރުމަށް އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އިސްލާމިކް މިނިސްޓްރީން ބުނީ އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ 24 ވަނަ މާއްދާ އިން މިނިސްޓްރީ އަށް ލިބިދީފައިވާ ބާރުގެ ދަށުން 1 އަހަރަށް ދުވަސް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ވެސް ކުންފުނިތަކަށް ނުލިބެއެވެ. ކޮވިޑް-19 ގެ ސަބަބުން މިއަހަރު ސައުދީން ނިންމީ ހަމައެކަނި ސައުދީގައި ދިރިއުޅޭ މީހުންނަށް ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިނުމަށެވެ. އެހެން ގައުމުތަކުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީން ފުރުސަތެއް ނުދެއެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖު ކުންފުނިތަކުން ދައްކާފައިވާ ޑިޕޮސިޓު ފައިސާ އަނބުރާ ކުންފުނިތަކަށް ދިނުމަށް ނިންމާފައެވެ.