ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރަގައި މޫސުން ގޯސްވެ، ދެކުނުގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޑިއޮލޮޖިކަލް ސާވިސް އިން މިރޭ ހުދު ސަމާލު ނެރެފައި ވަނީ ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. މި ތިން އަތޮޅަށް ސަމާލު ނެރެފައި ވަނީ މިރޭ 4:00 އިން ފެށިގެން ހެނދުނު 8:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތުގައި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

https://twitter.com/MetMaldives/status/1307089266439319554

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަވަމުން އަންނައިރު، މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

"އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ." މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑިވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާންމުކޮށް ހުރިހާ ފަރާތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސް ކުރެއެވެ.