ގދ.ފަރެސްމާތޮޑާގައި ރޭ ހިންގި މާރާމާރީގައި އަނިޔާވި އަންހެނުންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފިއެވެ.

އެނގިފައިވާ ގޮތުގައި، މި މާރާމާރީގައި އަނިޔާވި ދެ އަންހެނަކަށް ޑޮކްޓަރަކަށް ދެއްކުމަށް ގދ. ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައެވެ. އެކަން ތިނަދޫ ކައުންސިލުން ވެސް ވަނީ ކަށަވަރުވެފައެވެ.

އެ ދެ މީހުންނަށް ބަލާއިރު ބޭރު ފުށުން ޒަހަމްތަކެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މީހުންނަށް ފަރުވާ ދިނުމަށް ފަހު، މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަރެސްމާތޮޑާގައި ދިރިއުޅޭ މީހަކު "ވަގުތަށް" ބުނީ މާރާމާރީ ހިނގީ މީހެއްގެ އަންބަކާއި އޭނާގެ ކުރީގެ އަނބިމީހާއާ ދެމެދުގައި ކަމަށެވެ. އެ މާރާމާރީގައި ކުރީގެ އަނބިމީހާގެ ކޮއްކޮ އާއި އިތުރު އެހެން އަންހެނަކު ވެސް ބައިވެރިވެފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

މާރާމާރީގައި އަނިޔާވި ތިން އަންހެނަކު ރަށު ހެލްތު ސެންޓަރުގައި އެޑްމިޓްވެސް ކުރިއެވެ.

އޭގެ ތެރެއިން ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަ ދެ އަންހެނުންނަކީ އިތުރު ފަރުވާ އަށް ތިނަދުއަށް ގެންދިޔަ ދެ މީހުންނެވެ.

މި މާރާމާރީގައި އަނިޔާވި މީހުންގެ ތެރެއިން އެކަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އޭނާގެ މޭމަތީގައި ޖެހުމުން ވަނީ އަނިޔާ ވެފައެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.