ކުޑަކުދިން ބަލަހައްޓަން ހުޅުމާލޭގައި ހުންނަ ފިޔަވަތިގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާއި އެތަނުގައި ތިބޭ ކުޑަކުދިންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެތަނުން ފަސް މުވައްޒަފަކާއި އަށް ކުދިން ވަނީ މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ފިޔަވަތީގެ މުވައްޒަފަކު ފުރަތަމަ ކޮވިޑް-19 އަށް ފައްސިވީ ސެޕްޓެމްބަރ 30 ވަނަ ދުވަހު ކަމަށެވެ.

އޭނާ އާއި ގާތުން އެއްތާވި މީހުން ދެނެގަނެ، އެ މީހުންގެ ތެރެއިން ބައެއް މީހުންގެ ސުންކު ނަގާފައިވާ ކަމަށާއި އެގޮތުން ނެގި ސުންކުތަކުގެ ތެރެއިން ބައެއް މީހުންގެ ސުންކުތައް ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. "54 ކޮންޓެކްޓެއް ދެނެގަނެވި ވަނީ ކަރަންޓީން ކުރެވިފައި. އަދި 19 ސާމްޕަލްއެއް ވަނީ ނެގިފައި އޭގެ ތެރެއިން 1 ކެއާޓޭކަރ އަދި 1 ކުއްޖެއް ޕޮޒިޓިވް. 5 އޮކްޓޯބަރުގައި ރެންޑޮމް ސާމްޕްލިން ވެސް ނެގި. އިތުރު 7 ކުއްޖެއް އަދި 3 ކެއާޓޭކާއެއް ޕޮޒިޓިވްކަން ވަނީ އެނގިފައި. އަދި މިއަދު އެކަކު ޕޮޒިޓިވްކަން އެނގުނު." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ފިޔަވަތިން ކުދިން ފައްސިވުމާއި ގުޅިގެން، އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި މިހާރު އެތަނުގެ ހާލަތު ރަނގަޅުކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ފިޔަވަތިން ފައްސިވި ކުދިންގެ އުމުރެއް ޑރ.ނަޒްލާ ހާމައެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓާޓާ

    ފިޔަވަތިތެރޭގައި އޮންނަނީ ކޯޗެއް