ގްރޫޕްކޮށް ރަށްރަށަށް ގޮސް ކަރަންޓީނުވާ ނަމަ، 72 ގަޑި އިރު ނުވާ ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭ ގޮތަށް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫފް (ޓެގް) އިން ހާމަކުރައްވައިފިއެވެ.

ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަދައްކަވަމުން ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.އަހުމަދު ޝަހީދު ވަނީ ފަހަކަށް އައިސް ގްރޫޕްކޮށް ކަރަންޓީނުވާ މީހުން އެއްފަހަރާ ކޮވިޑް-19 އަށް ފައްސިވުމުގެ މައްސލަަތައް ފެންމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން މަދު ކުރުމަށް، ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށާއި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަރަންޓީނުވާ ފަރާތްތަކުންވެސް ސަމާލުކަންދޭން ޖެހޭ އިތުރުކަންކަން ހުރިކަމަށެވެ.

"ކުރިއަށް އޮތްތަނުގައި 10 މީހުންނަށް ވުރެ ގިނައިން ކަރަންޓީނުވާ ނަމަ އެ މީހުންނަށް ވަކިވަކިން ކަރަންޓީނު ވެވޭނެ އިންތިޒާމް ހަމަޖައްސާދޭން ޖެހޭނެ. ހަމަޖައްސާ ނުދެވޭނަމަ ގްރޫޕްކޮށް ރަށްރަށަށް ގޮސް ކަރަންޓީނުވާ ނަމަ، 72 ގަޑި އިރު ކުރިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭ ގޮތަށް ހަމަޖައްސަން." އޭނާ ވިދާޅުވިއެވެ.

އަދި ޕީސީއާރު ޓެސްޓް ނައްސިވި ކަމުގައި ވީނަމަވެސް ކަރަންޓީނުގެ މުއްދަތުގައި އެހެންމީހުންނާއި މަސްހުނިވެ ނޫޅުމަށް ޑރ.ޝަހީދު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޚާއްސަކޮށް ކެއުން ފަދަ ކަންކަން ކުރާ އިރު އެއްކޮށް ނުތިބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

"އަދި ޕީސީއާރު ޓެސްޓު ނެގެޓިވް ވީމަ ނުރައްކާ ނެތުނީއެއް ނޫން. ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ގްރޫޕްތައް ވަކިވަކިން ތިިބޭ އިރު އެއްބަޔަކު އަނެއް ބަޔަކާ އެއްވެ ނޫޅުން. އަދި ވަރަށް މުހިންމު ކަމެއް ހުން އައިސް ރޯގާ ޖެހިފައި ހުރި ނަމަ ދަތުރު ނުކުރުން. ދަތުރުނުކޮށް މަޑުކޮށްލުން ރަނގަޅު ބަލި ރަނގަޅުވަންދެން." އޭނާ ވިދާވިއެވެ.

ރަށްރަށަށް ދާ މީހުންގެ ތެރެއިން ކަރަންޓީނު ކުރަން ނިންމާފައި ވަނީ މާލެ ސަރަހައްދުން ރަށްރަށަށް ދާ މީހުންނެވެ.

ޑރ.ޝަހީދު ވަނީ ގްރޫޕްކޮށް ކަަރަންޓީނުވާއިރު އެ ކަރަންޓީނުވާ މީހުންނަކީ ކުންފުންޏެއް ނުވަތަ މަސައްކަތެއްގައި ދާ ބަޔަަކަށް ވާނަމަ އެ މީހުންނަށް ކޮވިޑް-19 ފެތުރިދާނެ ގޮތުގެ މައުލޫމާތު ވީހާވެސް ބޮޑަށްދީ، ސަލާމަތީ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަން ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑޮކްޓަރު

    ތިޔައީ އިންޑިއާ މީހުންނަށް ކޮށްދޭ ކަމެއް

  2. މާރިޔާ

    ތީ ބޭކާރު ކަމެއް ތިޔަކިޓްތަކަކީ އެއްވެސް ސައްހަ މައުލޫމާތުދޭ ކިޓްތަކެއްނޫން.

    4
    1
  3. ނަައީމް

    ކޮވިޑް ކިޓް 2019އެޖެންޑާ ބިރުވެރި އަދި ވޭންހުރިކަމެއް ތަފާތަކީ މީ މިކަލޭގެ ވެރިކަމުގާ ދެން އިތުރައްބަހައްޓާފިނަމަ ކާހިނުންގެ ނުރައްކަލާއި ގައުމު މިދަނީ ކުރިމަތިލަމުން ރައްޔިތުން ވިސްނަވާ ....