މުޅި ދުނިޔެއަށް ނުރައްކާ ކުރަމުންދާ ކޮވިޑް-19 ގެ ބިރާއި ރާއްޖެއަށް ވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން ރާއްޖެއިން މިބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު، ބަލި ފެތުރޭ މިންވަރަށް އަދިވެސް ހިފެހެއްޓުމެއް ނާދެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ދޭ 1068 މީހަކު އެބަތިއްބެވެ. އިއްޔެ އާއި ހަމައަށް މިއަދަދު ހުރީ 1114 ގައެވެ.

އިއްޔެ ވެސް ރާއްޖެއިން އިތުރު 35 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ ރާއްޖެއިން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 5 ބިދޭސީއެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 10656 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 6770 ދިވެހިންނާއި 3886 ބިދޭސީއެކެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ރައްޖޭގައި ކޮވިޑް-19 އަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން 63 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުން ވެސް ކޮވިޑް-19 ގެ ވޭދަނަތައް ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އަތޮޅުތެރެއިން ބަލީގެ 3 ވޭދަނަ ފެންމަތިވެފައި ވެއެވެ. މާލެއިން އިއްޔެ 32 ވޭދަނަ ފެންމަތިވިއެވެ.

މިވަގުތު މާލޭގެ އިތުރުން އަތޮޅުތެރެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ގިނަ މީހުންނަކީ، މާލެއިން ރަށްރަށަށް ދަތުރުކޮށް ކަރަންޓީނަށް ފޮނުވާފައިވާ މީހުންނެވެ. މުޖުތަމަޢުގެ ތެރެއިން އެންމެ ބޮޑަށް ބަލި ފެތުރެމުން ދަނީ ވެސް މާލޭގައެވެ.

އެޗްޕީއޭއިން ވިދާޅުވީ މިވަގުތު ރާއްޖޭގެ 21 ރަށެއްގައި އާއި 19 ރިސޯޓެއްގައި ކޮވިޑް-19 ވޭދަނަތައް ހުރި ކަމަށެވެ. ރިސޯޓުތަކުން މި ބައްޔަށް އަށް ފައްސިވި މީހުންގެ ތެރޭގައި މިވަގުތު ފަރުވާ ހޯދާ 10 ފަތުރުވެރިޔަކާއި 15 މުވައްޒަފަކު އެބަތިއްބެވެ.

ރާއްޖެއިން މިހަތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 9547 މީހެކެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ރާއްޖެއިން ބަލިން ރަނގަޅުވެފައި ވަނީ 81 މީހެކެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 34 މީހަކު ނިޔާވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 27 ދިވެއްސަކާއި ހަތް ބިދޭސީއެކެވެ. މީގެ އިތުރުން ރާއްޖޭގައި ސިއްޙީ އެހެން ހާލަތްތަކުގައި ނިޔާވި ބައެއް މީހުންވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އައިސޮލޭޝަނުގައި 387 މީހަކު އެބަތިއްބެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޖުމްލަ 163,286 ސުންކު (ސާމްޕަލް) ނަގާފައި ވެއެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 214 ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު