ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި" އިން ކޮވިޑް-19 އަށް ފައްސިވި ކުދިންގެ ތެރޭގައި ރިކްސް ކެޓަގަރީއަށް ފެތޭ ކުއްޖަކު ހިމެނޭ ކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން ބުނެފިއެވެ.

ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާއި ކުދިންތަކެއް ކޮވިޑް-19 އަށް ފައްސިވުމުން ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ 30 ސެޕްޓެމްބަރ ގައި ފިޔަވަތީގައި މަސައްކަތްކުރައްވަމުން ގެންދަވާ މުވައްޒަފެއް، ރޯގާގެ އަލާމާތްތައް ހުރުމާއި ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓްކުރުމުން ވަނީ ކޮވިޑް 19 އަށް ފައްސިވެފައި ކަމަށާއި 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތްކުރައްވަމުން ގެންދެވި މުވައްޒަފެއްކަމުން އެ ފަންގިފިލާގެ ކުދިން ކަރަންޓީން ކުރެވުނު ކަމަށެވެ.

"މި ކުދިންގެ ޓެސްޓް ކުރެވި އިތުރު 8 ކުދިން ވަނީ ފައްސިވެފައެވެ. މި ފައްސިވި ކުދިންގެ ތެރޭގައި ރިސްކް ކެޓަގަރީގައި ހިމެނޭ ކުއްޖެއްވުމުން، މި ކުއްޖާ ކެއަރވޯކަރާއިއެކު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައެވެ. އަދި ކުއްޖާގެ ޙާލަތު މޮނިޓަރކުރެވި އެދެވޭ ފަރުވާ ދެމުންދާކަމާއި ހާލު ރަނގަޅު ކަން ދަންނަވަމެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ފައްސިވި އެހެނިހެން ކުދިންވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރގެ އިރުޝާދުގެ ދަށުން ފެސިލިޓީއަކަށް ބަދަލުކުރެވިފައި ކަމަށް ވެސް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން ވިދާޅުވިއެވެ. އަދި މިކުދިންގެ ޙާލުވެސް ރަނގަޅެވެ.

ފިޔަވަތި އަކީ ގިނަ ކުދިން އެތަނެއްގައި ތިބޭ ޖާގައިގެ ދަތިކަން ހުރިތަނެއް ކަމުގައިވުމުން، އެޗްޕީއޭ އަދި އެޗްއޯއީސީ އިން ވަނީ ކުދިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އަށް އިރުޝާދު ދެއްވާފައި ކަމަށާއި މި އިރުޝާދުގެ ދަށުން ކަމާއި ގުޅުން ހުރި އިދާރާތަކާއި މޮނިޓަރކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށްފަހު، ކަރަންޓީން ކުރެވުނު ފަންގިފިލާގައި ހިމެނޭ 26 ކުދިން ކެއަރވޯކަރުންނާއި އެކު އިތުރު ތަނަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.

މިތަނަކީ 3 ފަންގިފިލާއަށް ހުރި 12 ކޮޓަރި ހިމެނޭ ތަނަކަށް ވެފައި، ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދޭކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން ވިދާޅުވިއެވެ.

ފިޔަވަތީގައި ތިބި ކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ މަޢުލޫމާތު ދެމުން ގެންދާނެކަމާއި ކަމުގެ ސައްޚަ މަޢުލޫމާތު ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އާއި ގުޅިގެން ހޯދުމަށް އެންމެހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރާކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު