ދޭހާސްތޭވީސްވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އިން ނުކުންނާނީ މިހާރު ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކާ ގުޅިގެންތޯ ނޫނީ ވަކިންތޯ ވަރަށް އަވަހަށް ނިންމަން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސިލްސިލާކޮށް ނެރެމުންދާ "ހަބަރު ސިޓީ" މަޖައްލާގައި އާޒިމް ލިޔުއްވާފައިވާ މަޒުމޫނެއްގައި ވިދާޅުވީ މި ސަރުކާރު އުފެދުނު ފަހުން ދެ އަހަރާ ގާތްވެފައިވާއިރު މިހާރު ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މަލަމަތި ސާފުވާން ފަށާފައިވާ ކަމަށެވެ.

މިހާރު މި އޮތީ ހަތަރު ޕާޓީއެއްގެ މައްޗަށް ބިނާވެފައިވާ ކޯލިޝަން ސަރުކާރެއް ކަމަށް ކިތަންމެ ވަރަކަށް ވާހަކަ ދެކެވުނު ނަމަވެސް އާންމު ރައްޔިތު މީހާ ދެކެނީ މިއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހިންގަވާ އެމްޑީޕީގެ ސަރުކާރެއް ކަމަށް އާޒިމް ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީން އެކަނި ކާމިޔާބު ކުރުމެވެ.

"ސަރުކާރުގެ ތެރޭގައި ނާޖާއިޒު ކަމެއް ބަޔަކު ހިންގައިފިނަމަ އެ ކަމެއް ކުރީ ނުވަތަ އެ އަމަލެއް ހިންގީ މިވެނި ޕާޓީއެއްގެ ބަޔަކޭ އެކަކެއް ވެސް ނުބުނާނެއެވެ. އިނގިލި ދިއްކުރާނީ ނޫން ނަމަ ބަދުނާމު އަޅުވާނީ އެމްޑީޕީގެ ބޮލުގައެވެ." އާޒިމް ލިޔުއްވާފައިވެއެވެ.

ސަރުކާރުގައި ތިބި އެމްޑީޕީން ނޫން ޕާޓީތަކުގެ ވަޒީރުންނާއި، ސިޔާސީ މަގާމުތަކުގައި ތިބި މީހުނާއި، ސަރުކާރުގެ ކުންފުނިތަކުގެ ތިބި މީހުން މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ އަންނަ ރިޔާސީ އިންތިހާބު އެ ބައެއްގެ ޕާޓީން ކާމިޔާބު ކުރުމަށް އެ ޕާޓީއެއް ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ.

"މި ގޮތުން ޕާޓީތަކުގެ މީހުނަށް ވަޒީފާ ދިނުމާއި ޕްރޮޖެކްޓްތަކާއި މަޝްރޫއުތައް ހަވާލު ކުރުން ފަދަ ކަންކަން ހިމެނެއެވެ." އެމްޑީޕީން ނޫން ޕާޓީތަކުގެ ވަަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ލިޔުއްވާފައިވާ އެ މަޒުމޫނުގައިވެއެވެ.

އާޒިމް ވިދާޅުވީ މި ގޮތަށް ހިނގާނަމަ ނަތީޖާއަކަށް ވެގެން ދާނީ ހެޔޮ ވެރިކަމެއް ގާއިމް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރި އެމްޑީޕީގެ އާންމު މެންބަރުން ބާކީވެ މަގުމަތިވުން ކަމަށާއި ޕާޓީއާ މެދު އެ އާންމު މެންބަރުން ފޫހިވެދާނެ ކަމަށެވެ.

އެހެންކަމުން އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނީ ވަކިންތޯ ނުވަތަ ކޯލިޝަނާ އެކުގައިތޯ މިއީ ވަރަށް އަވަހަށް ނިންމަން ޖެހޭ ކަމެއް ކަމަށް އާޒިމް ލިޔުއްވާފައިވެއެވެ.

"މިހެން މި ދެންނެވީ ވާދަވެރި ޓީމުތަކުގެ ކުޅުންތެރިން ގޮވައިގެން މެޗު ކުޅެން އަރައިފިނަމަ އެންމެ ހައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލެއް ޖަހާ ތަން އަޅުގަނޑަށް ފެންނާތީއެވެ. އޭރުން މެޗުން ވާނީ ބައްޔަވެ." ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ވެސް އުޅުއްވި އާޒިމް އެ ކުޅިވަރުން ސިޔާސީ މައިދާން ސިފަ ކުރައްވަމުން ލިޔުއްވާފައިވެއެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވި ތިން ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރެއްވީ އެހެން ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން އުފައްދައިގެން ނުކުތް ކެންޑިޑޭޓުންނަށެވެ. ތަމްސީލު ކުރައްވާ ޕާޓީ ފިޔަވައި އެހެން ޕާޓީއެއްގެ ތާއީދު ނެތި ނުކުތް ކެންޑިޑޭޓުންނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭ ވަރަށް ވޯޓު ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލިފުށި މީހާ.

    ބީޖޭޕީ އާއެކީ

    16
  2. ބުއްދި

    ވެރިކަމާދެން ވިސްނާކަށް ނުޖެހޭނެ. މިގައުމުގައި ދެން ވެރިކަން ކުރާނީ އިންޑިޔާ ރައްޔިތުން. މޯދީ ހުންނާނީ ބޮޑުވަޒީރަކަށް. މީ ޝައްކެއްވެސްއޮތްކަމެއްނޫން................

    14
  3. ހައްވަ

    ނިންމާގޮތަކަށް ނިންމާ. އެކަންޏެއްނޫން ކޯލިސަނަކަސް އެމްޑީޕީ އޮތިއްޔާ ކާމިޔާބެއް ނުވާނެ.
    ވަކިން ހާއްސަކޮށް ކެނެރީގޭ ލާދީނީ ނަޝީދު ހުރިއްޔާ

    17
  4. ދެންސަލި

    ހިސްހޯލިވާހަކަ ދުވަހަކު އެން.ޑީޕީމީހަކު ތެދެއް ނަހަދާނެ

    11
  5. މާމީ

    ދެން ހަނދާން ނައްތާލާ ރިއާސީ އިންތިޚާބުމަތިން ރައްޔިތުން ބުނީ ސޮރީޔޯ...

    17
  6. ބުރާންތި

    ކަލޯ ހީވޭތަ ދެން ދިވެހިރައްޔިތުން ތިޔަ މޯލްޑިވްޑިކްޓޭޓަރޕާޓީ(އެމްޑީޕީ)އައް ބައިއަތު ހިފާނެހެން އެހެންކަމައްވަންޏާ ތިހިރީ ހަމަރަނގަޅައްވެސް ނިދާފަ

    10
  7. ނަައީމް

    އާޒިމޫ ހާދަބިރެއްތިޔަގަންނަނީ ވެރިކަން ބަދަލްވެދާނެތީ ކަލޯގެޔާ ނިކަން ހިތިގޮތަކަށް ކަލެޔާ ގާނޫނު އަތާ ހަމަކުރާނެ ދެދުވަހުން މިއަދުގެ ގާނޫނު ކިޔާނެކަމެއްނެތް

  8. ޝަރީފް67

    ޢައްޔާ މިހާރަކު ސަރުކާ ރު ނުހިންގޭ އިނގޭ އަނެއްކާ ސަރުކާ ރާހަވާ ލުވުމަކަށް ފުރުސަތެއް ނެއްއިނގޭ

  9. ކަޅަ ކުއްދާގެ ރެއްކާއި ބޭ

    ފުރަތަމަ ކަލޭ މެންގެ 2 ފަޅި އާއި އެކު ކޯލީޝަން ހެދޭތޯ ބަލާ ބަލަ! އަދުރޭ ވެސް އެ އުޅެނީ ދޭތި ހަދާއިގެން އެ ދޭއްޗަށް ޓިނު ޖަހާއިގެން ހަތްމަތަ ވޭތޯ؟