ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް ރަށު ކައުންސިލްތަކަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ޓުއަރިޒަމް މިނިސްޓްރީ އިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކައުންސިލްތަކާއި ގުޅިގެން ވީހާވެސް ގާތުން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީ ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީ އިން ވިދާޅުވީ ކައުންސިލްތައް ލާމަރުކަޒީކޮށް ބާރުވެރިކުރުވުމުގެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ވެސް ވާނީ ގެސްޓު ހައުސްތައް އަލަށް ރަޖިސްޓްރީ ކުރުމާއި، ގެސްޓު ހައުސްތައް އިންސްޕެކްޓު ކުރުމާއި ގުޅޭ ގޮތުން ކައުންސިލްތަކަށް ޓްރެއިނިން ޕްރޮގްރާމް ހިންގާފައއިވާ ކަމަށެވެ.

އަދި މިދިޔަ އަހަރު ބޭއްވި ޕްރޮގްރާމްގައި ޖުމްލަ 199 ކައުންސިލަރުން ބައިވެރިވެފައިވާކަމަށް އެ ޓްރެއިނިން ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުންކިފަދަ ދެވަނަ ޕްރޮގްރާމެއް މިމަހުގެ 10 ވަނަ ދުވަހު ބޭްއްވުމަށް ވަނީ ހަމަޖެހިފައިކަމަށް އެ މިނިސްޓްރީ އިން ފާހަގަކޮށްފައި ވެއެވެ.

މި ތަމްރީންތަކުގައި ބައިވެރިވުމުގެ ސަބަބުން ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގަމުން އަންނައިރު މިފަދަ އިންސްޕެކްޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކަމަށާއި، އަދި ރާއްޖޭގެ އެކި ސަރަހައްދުގައި ލޯކަލް ޓުއަރިޒަމްގެ އެކި ކަންކަން ކުރިއަށް ގެންދަން ބޭނުންވާ އަމިއްލަ ފަރާތްތަކަށްވެސް ފަސޭހަވެގެން ދާނެ ކަމަށް އެމިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.