ރ. އަނގޮޅިތީމުގެ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް އެމްޓީސީސީ އާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގ މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ ސީއީއޯ އާދަމް އާޒިމް އެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގެ ބަނދަރުގައި 221 މީޓަރުގެ ބޮޑު ހިލަ ބޭރު ތޮށީގައި ޖެހުމާއި 91.44 މީޓަރު އެއްގަމު ތޮށި ލުމާއި، ބަނދަރުގައި 12 ބައްތި ޖެހުމާއި، 1،110 ސްކެއަރ މީޓަރ ޕޭވްމަންޓް އެޅުމާއި 5 މޫރިންގ ބްލޮކްސް އެޅުން ހިމެނެއެވެ.

މީގެ އިތުރުން އެރަށު ބަނދަރު 42،000 ކިއުބިކް މީޓަރަށް ފުންކުރުމާއި 615 ކިއުބިކް މީޓަރ އަށް ނެރު ފުންކުރުމާއި 2 ނެރުބައްތި ޖެހުމުގެ އިތުރުން 116 މީޓަރ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

365 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަމެޖެހިފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 44،792،634.74 ރުފިޔާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.