ރާއްޖޭގެ ބޭންކް އޮފް ސިލޯން (ބީއޯސީ)ގެ ކަންޓްރީ މެނޭޖަރ ބީ.ކޭ ގުރުސިންގޭ ފުރާފައި ވަނީ ރާއްޖޭގައި ހޭދަކުރަން ޖެހޭ މުއްދަތު ހަމަކޮށްފައި ކަަމަށް އެ ބޭންކުން ބުނެފިއެވެ.

އެ ބޭންކުން މިގޮތަށް ބުނެފައި ވަނީ، މެނޭޖަރ ދިޔައީ ފުރުން މަނާ ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެެރެފައި ވަނިކޮށް ފިލައިގެން ދިޔަ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

އެ ބޭންކްގެ އިސް އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، މެނޭޖަރ ދިޔައީ ފިލައިގެން ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ.

އެ ބޭންކްގެ އޮފިޝަލް ވިދާޅުވީ، އޭނާ ފުރައިގެން ދިޔައީ ރާއްޖޭގައި ހޭދަ ކުރަން ޖެހޭ މުއްދަތު ހަމަކުރުމަށްފަހުގައި ކަމަށެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ކޮންމެ ތިން އަހަރަކުން ބީއޯސީގެ މެނޭޖަރ ބަދަލު ވާނެ އެވެ.

"އެންމެ ފަހުން ދިޔަ މެނޭޖަރ ރާއްޖެއިން ދިޔައީ ތިން އަހަރަށްވުރެ ގިނަ ދުވަހު މެނޭޖަރގެ މަގާމުގައި ހުރެފައި. އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓު އަމުރެއްވެސް ނެރެފައެއް ނެތް". އެ ބޭންކުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ މެސެޖެއްްގައި ވަނީ، އޭނާ ބީއޯސީގެ މާލެ ބްރޭންޗްގެ ހިޔާނާތުގައި އިސްކޮށް ހުންނެވި ފަރާތެއް ކަމަށެވެ. އަދި އޭނާ ފުރައިގެން ގޮސްފައި ވަނީ، މުއްދަތު ހަމަނުވާ ހޯލްޑްކޮށްފައިވާ ޕާސްޕޯޓެއް އަތުގައި ވަނިކޮށް، އެމްބަސީ މެދުވެރިކޮށް އާ ނަމްބަރަކަށް ޕާސްޕޯޓް ހަދައިގެން ކަމަށް މީސް މީޑިއާގައި ބުނެފައި ވެއެވެ.