އަންހެން ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޖެންޑާ މިިނިސްޓްރީ މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިކަމުގެ މައިގަނޑު މަސައްކަތްތައް އަމާޒުވެފައިވަނީ އަންހެން ކުދިން އެ ކުދިންގެ އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ހަރުދަނާ ކުރުމަށާއި، ކޮންމެ ކުއްޖަކީވެސް ގާބިލުކަން ހުރި ކުއްޖެއް ކަމާއި މާދާމާގެ އިސް މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ކަމަށް ޖެންޑަ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކަކީ އިސްކަން ދީގެން އެ މިނިސްޓްރީ އިން ކުރަމުންދާނެ މަސައްކަތްތައްކަން ޔަގީންކަން ދޭ ކަމަށެވެ. އަދި މިކަމުގައި އެންމެހާ ފަރާތްތަކުން އެ މިނިސްޓްރީ އަށްދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް އ.ދ އިން ކަނޑައަޅާފައިވާ ޝިއާރަކީ "މައި ވޮއިސް: އަވަރ އީކުއަލް ފިއުޗަ" ނުވަތަ އަހަރެންގެ އަޑު: އަހަރުމެންގެ ހަމަހަމަ މުސްތަގުބަލްއެވެ.

މި ޝިޔާރުގެ މަގްސަދަކީ އަންހެން ކުދިންގެ އަޑުއަހައި، ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށް ބާރު އެޅުމުގެ މުހިއްމު ކަމާއި، ހެދޭ ސިޔާސަތުތަކަކީ ހަމަހަމަ ފުރުސަތުތައް ލިއްބައިދޭ، ނަތީޖާގެ ހަމަހަމަކަމަށް ވާސިލުވާ ސިޔާސަތުތަކަށް ވުން ކަމަށާއި މިއީ ޖެންޑަ އީކުއާލިޓީ ގާނޫނުން ވެސް، އަދި ހަމަ އެހެންމެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ވެސް ބާރު އަޅާ ކަމެެއް ކަމަށް އެ މިނިސްޓްރީ އިން ނެރުނު ބަޔާނުގައިވެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހެވެ.

މި ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ، ދުނިޔޭގެ އެކި ކަންކޮޅުގައި އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރިކުރުވައި، އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި، އަދި އެކުދިންނަށް އެހެން ކުދިންނެކޭ ވެސް އެއް ހަމައެއްގައި ފުރުސަތު ހޯދައިދިނުމެވެ. އަންހެން ކުދިން ބާރުވެރިކުރުވުމަށްޓަކައި ޚާއްސަ މަސައްކަތެއް ކުރުމަށް އދ އިން ކަނޑައަޅާފައިވަނީ، ތަފާސް ހިސާބުތަކުންވެސް ނަތީޖާގެ ހަމަހަމަކަން ހާސިލްވުމުގައި ގޮންޖެހުންތައް ހުރުމާއި މިކަންތައްތަކަށް އިސްކަމެއް ދީގެން އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވުމުންނެވެ.