ކޮވިޑް-19 ބަލި ޖެހިގެން ރާއްޖެ އިން ރަނގަޅުވި މީހުންގެ އަދަދު 10،000 އަށްވުރެ އިތުރުވެއްޖެއެވެ.

ހެލްތު މިނިސްޓްރީ އިން ކޮވިޑް-19 އާ ގުޅިގެން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް މި ބަލިން 10،097 މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާރު ބަލިން ރަނގަޅުވާ ރޭޓް އޮތީ 90.33 އިންސައްތައިގައި ކަމަށް އެމިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން 11،178 މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ. އޭގެ ތެރެއިން އިއްޔެ ފެނިފައި ވަނީ ޖުމްލަ 24 ވޭދަނައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު 1,038 މީހުން ތިބި އިރު ހޮސްޕިޓަލްތަކުގައި މި ބައްޔަށް އެކި ސަބަބުތަކާއި ހުރެ 43 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 36 މީހުން ނިޔާވެފައިވާ އިރު، މިއީ މިހާތަނަށް ބަލި ޖެހުނު މީހުންގެ 0.32 އިންސައްތަ މީހުން ކަމަށް ހެލްތު މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މި ބަލި ވެރިރަށް މާލޭގައި ފެތުރެން ފަށާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ މެދު ތެރެއިންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް އެންމެ ގިނައިން މީހުން ފައްސިވެފައި ވަނީ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ޖުމްލަ 278 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މިހާރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ރޭގަނޑު 11 އިން ފެށިގެން ފަތިހު 5:00 އާއި ހަމަޔަށް ކާފިއު އިއުލާންކުރުމާއި، ގެއިން ބޭރަށް ނިކުންނަ އިރު މާލޭގައި މާސްކު އަޅަން މަޖުބޫރުކުރުމާއި، ބަލި ފެތުރުން މަދުކުރުމަށް ތަންތަނަށް ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައި އޮތުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު